Roadha Mihaaru
50 ޕަސެންޓަށް ސިޔާސީ މުވައްޒަފުން އައްޔަން ނުކުރެވޭ

ޓާގެޓްގެ 50 ޕަސެންޓަށް ސިޔާސީ މުވައްޒަފުން އަދި އައްޔަން ނުކުރެވޭ: ރައީސް އޮފީސް

14 ޑިސެމްބަރ 2023

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހަމަޖައްސަން ނިންމާފައިވާ 50 ޕަސެންޓަށް ވެސް އަދި މީހުން އައްޔަން ނުކުރެވޭ ކަމަށް، ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހަމަޖައްސަން ނިންމާފައިވާ 50 ޕަސެންޓަށް ވެސް އަދި މީހުން އައްޔަން ނުކުރެވޭ ކަމަށް، ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 17 ގައި ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރަމުންނެވެ. ނަމަވެސް، އިންތިގާލީ މަރުހަލާގައި ވައުދުވެވަޑައިގެންނެވި ގޮތާ ހިލާފަށް ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވަމުންދާ ކަމުގެ ފާޑުކިޔުންތައް، މި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި މުހައްމަދު ޝަހީބް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވެސް ސިޔާސީ މުވައްޒަފުން އަދި އައްޔަން ނުކުރެއްވޭ ކަމަށެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވިދާޅުވީ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

އެ އަދަދު ހިމަނާފައިވަނީ ރައީސް އޮފީހާއި މިނިސްޓްރީތަކާއި ރައީސާއި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ހިމަނައިގެން ކަމަށް ފިރުޒުލް އޭރު ވިދާޅުވި އެވެ. އެ އުސޫލުން ބަލާނަމަ، ސިޔާސީ މުވައްޒަފުންގެ އަދަދު 350 އަށް އަދި ނާރަ އެވެ.

ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހެޅި އެންމެ ފަހުގެ ބަޖެޓުގައިވާ ގޮތުން، އެ ސަރުކާރުގައި 1،063 ސިޔާސީ މުވައްޒަފުން ތިއްބެވެ. އޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިބީ 808 ސިޔާސީ މުވައްޒަފުންނެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ވަނީ ކެބިނެޓުގެ ބޭފުޅުންނާ އެކު 170 އަށް ވުރެ ގިނަ ސިޔާސީ ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ.