Roadha Mihaaru
ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒު

ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕީޖީ މުހުތާޒު

30 ޖެނުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު އައްޔަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު އައްޔަންކޮށްފި އެވެ.

އެ މަގާމަށް އައްޔަން ކުރެއްވިކަން މުހުތާޒު ޔަގީން ކޮށްދެއްވި އެވެ. އޭނާ ވިދާޅުވީ އެ މަގާމާ އެކު، ރައީސް އޮފީހުގައި މަސައްކަތް ކުރައްވާނީ ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ކަންކަމުގައި ރައީސް މުއިއްޒަށް ލަފާ އެރުވުމަށް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި މުހުތާޒަށް ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމު މި ދެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ނުކުންނާނެ ކެންޑިޑޭޓް ކަނޑައަޅަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގެ ނާކާމިޔާބީ އަށް ފަހު އެވެ. މުހުތާޒު ވާދަކުރެއްވީ އޭނާގެ އަނބިކަނބަލުން ނިސްބަތްވާ ދަނގެތި ދާއިރާގެ ޕްރައިމަރީގަ އެވެ.

މުހުތާޒާ އެކު، ރައީސް އޮފީހުގައި މި ވަގުތު ހަތަރު އެޑްވައިޒަރުން އެބަތިއްބެވެ. އެއީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓްރޭޑް އެންޑް އިންވެސްޓްމަންޓުގެ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓު މުހައްމަދު އަލީ ޖަނާހު އަދި ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލެވެ.

ޖަނާހު އާއި ހަލީލު އެ މަގާމަށް މުސާރައެއް ނުނެންގެވިޔަސް އަބްދުއްރަހީމް އައްޔަން ކުރައްވާފައި ވަނީ ސީނިއާ މިނިސްޓަރުގެ ރޭންކުގައި ކަމަށް ވާތީ މުސާރަ ނަންގަވަ އެވެ. އަދި އަބްދުއްރަހީމް ރައީސް އޮފީހަށް ބަރާބަރަށް ނުކުންނަވައިި އެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަ އެވެ.