Roadha Mihaaru

ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެ ޕީއެންސީން މައްސަލަ ބަލަނީ

ސަރުކާރު ހިންގާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެ، އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ސައްހަ ނޫން ފޯމު ހުށަހެޅުނު ގޮތް ޕީއެންސީން ބަލަނީ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

14 ޖެނުއަރީ 2025

ސަރުކާރު ހިންގާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެ، އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ވަގު ފޯމުތަކެއްގެ މައްސަލައިގައި ޕީއެންސީއަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮ އެދޭ ގިނަ ބަޔަކު ބައިވެރިވެގެން އެތައް ހާސް ފޯމެއް ހުށަހެޅިއިރު "މަދުން ނަމަވެސް ސައްހަ ނޫން ފޯމު ހުށަހެޅިފައިވާ ކަން އެ ޕާޓީއަށް ފާހަގަވެފައި"ވާ ކަމަށެވެ.

ޕީއެންސީން ބުނީ، ޕާޓީއަށް ވަނުމަށް އެދި ލިބުނު ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލްކަން އެ ޕާޓީއަށް ލިބިފައިނުވާ ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ފޯމުގެ ސައްހަކަމާ މެދު ސުވާލު އުފެދެނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހު މަރުހަލާގައި ކަމަށާއި މިއީ ހަމައެކަނި އެ ޕާޓީއަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސައްހަ ނޫން ފޯމުތަކެއް ޕާޓީގެ ހުށަހަޅާފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައި ވާތީ އެ ތަހުގީގަށް ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ޕީއެންސީން ވަނީ ދީފަ އެވެ.

"މިހާތަނަށް އެކި ފަރާތްތަކުން، ސައްހަ ނޫން ފޯމްތަކެއް މި ޕާޓީގެ ނަމުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތަށް ލޮގް ކުރައްވާފައި ވާތީ، އެ ދެ މުއައްސަސާއިން ވެސް ވަނީ އެ މައްސަލަތައް ބައްލަވަމުން ގެންދަވާކަން މި ޕާޓީއަށް އަންގައިފަ އެވެ." ބަޔާނުގައިވެ އެވެ.

އެހެންވެ ޕާޓީން ވެސް މިކަން ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

މިފަދަ ކަންކަމަކީ އެ ޕާޓީން ތާއީދުކޮށް ހިތްވަރު ދޭ ކަންކަން ނޫން ކަމަށާއި ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް، ނޭނގި އެ ޕާޓީއަށް ވައްދާފައިވާ ނަމަ ޕާޓީއަށް މެއިލް ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލައެއް ވޭތުވެދިޔަ ހަ މަސް ދުވަހު ތެރޭގައި ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ. މި މައްސަލަ މިފަހުން ގޯސްވެފައިވަނީ އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި ޕާޓީ ބަދަލުކުރި މައްސަލަ ފެންމަތިވުމާއެކުގަ އެވެ.