Roadha Mihaaru
އަމާޒަކީ ނަޝީދަށް ވާދަކުރެވޭގޮތް ހެދުން: ހަސަން ލަތީފު

އެންމެ ބޮޑު އަމާޒަކީ ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭގޮތް ހެދުން: ހަސަން ލަތީފު

11 ފެބުރުއަރީ 2017

އެމްޑީޕީން ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެއްވޭނެ ގޮތް ހޯދައިދިނުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެމްޑީޕީން ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެއްވޭނެ ގޮތް ހޯދައިދިނުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށް މާލެ އާއި ރަށްރަށުގެ އިތުރުން ކޮލަމްބޯގައި އިއްޔެ ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ހަސަން "މިހާރު" އަށް ވިދާޅުވީ އެ ޕާޓީގެ އެތެރޭގެ ހިންގުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި، ނަޝީދަށް ވާދަކުރެވޭނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް ވެސް ޕާޓީން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑު އެންމެ އިސްކަމެއް ދޭނެ ކަންކަމަކީ. އޭގެ އިތުރުން ރަށްރަށުގައި ހިންގާ އިންތިހާބީ ހަރަކާތްތައް ވަރުގަދަ ކުރުމަށް ވެސް މަސައްކަތް ކުރާނަން،" އިންތިހާބުގެ ފުރަތަމަ ނަތީޖާއިން 14،457 ވޯޓު ލިބިވަޑައިގެންނެވި ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ކަންކަން ބަލަހައްޓަން ހަވާލުވި އެންމެ އިސް މީހާގެ ދައުރަކީ އެ ޕާޓީގެ އެތެރޭގެ ހިންގުމުގައި ހުރި މައްސަލަތައް ދެނެގަނެ، ޕާޓީގެ ސިޔާސީ އެޖެންޑާ ހާސިލްވާ ގޮތަށް އެކަންކަން ހައްލު ކުރުމެވެ. އަދި މިހާތަނަށް އައިއިރު އެމްޑީޕީގެ އެތެރޭގައި މާބޮޑު މައްސަލައެއް ޖެހިފައި ނުވާކަން ވެސް ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ހަސަން ހޮވުމަށް ފެނޭތޯ ބެލުމަށް ބޭއްވި އިންތިހާބުގައި ވޯޓުލުމަށް ބަޔަކު މަޑުކޮށްލައިގެން ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ހަސަން ހޮވުމަށް ފެނޭތޯ ބެލުމަށް ބޭއްވި އިންތިހާބުގައި ވޯޓުލުމަށް ބަޔަކު މަޑުކޮށްލައިގެން ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އެކަމަކު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ރާއްޖޭން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމުން އޭނާގެ ބެލުމުގެ ދަށަކުން ނޫން ގިނަ ކަންތައްތައް ގޮސްފައިވަނީ. ނަމަވެސް ޕާޓީގައި ނައިބުންނާއި އެހެން އިސްވެރިން ވަރަށް ރަނގަޅަށް ކަންތައްތައް ކުރިއަށް ގެންދިޔަ،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ރަށްރަށުގައި އެމްޑީޕީއަށް އޮތް ތާއީދު ބޮޑުކޮށް، އިންތިހާބުތައް ކާމިޔާބު ކުރެވޭނީ އެ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް ވަރުގަދަކޮށްގެން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތްތަނުގައި އެ ހަރަކާތްތައް ވަރުގަދަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހަސަން ލަތީފް ނޫން އެހެން ބޭފުޅަކު ވާދަ ނުކުރާތީ އިންތިހާބު ބޭއްވީ އެ މަގާމަށް އޭނާ އައްޔަން ކުރަން ފެނޭތޯ ބެލުމަށެވެ. ހަސަން ޗެއާޕާސަން ކަމަށް އައްޔަންކުރަން ފެންނަ ކަމަށް 14،457 މީހުން ވޯޓު ދިން އިރު ނުފެންނަ ކަމަށް 127 މީހުން ވޯޓުދީފައިވެ އެވެ. އަދި 45 ވޯޓު ބާތިލްވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަލީ ވަހީދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުން ބޭއްވި މި އިންތިހާބުގައި ކުރީގެ ރައީސް ނަޝީދު ވެސް ވަނީ ކޮލަމްބޯގައި ވޯޓު ލައްވާފަ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމުން ހަސަން އަށް މަރުހަބާ ވިދާޅުވެ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ޗެއާޕާސަންގެ ހިންގުންތެރިކަމާއެކު އެމްޑީޕީ ވަރުގަދަވެ، ދިވެހިންނަށް ހައްގު މިންވަރު ހޯދައި ދެވޭނެ ކަމަށެވެ. އެމްޑީޕީގެ މިސްރާބު ކަސިޔާރު ވިޔަނުދީ އެ މަނިކުފާނުގެ އަމާޒަށް ގެންގޮސްދޭނެ ކަމަށް ވިދާޅުވެ ހަސަން ވަނީ ނަޝީދަށް ޖަވާބު ދެއްވައިފަ އެވެ.