Roadha Mihaaru
ހުޅުމާލެއިން ދިން ބިމުގެ އަގު 5.5 ބިލިއަނުން މަތި

ހުޅުމާލެއިން ސީއެމްސީސީ އަށް ދިން ބިމުގެ އަގު 5.5 ބިލިއަނުން މަތިވާނެ

21 ޑިސެމްބަރ 2023

"ރަސްމާލެ" ޕްރޮޖެކްޓް ހިންގާ ލަންކާގެ ސީއެމްސީސީ ކުންފުންޏަށް، އެ ރަށް ހިއްކުމުގެ ބަދަލުގެ ގޮތުގައި ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރުގެ އަގު ގާތްގަނޑަކަށް 5.5 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަން ލަފާކުރެވިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"ރަސްމާލެ" ޕްރޮޖެކްޓް ހިންގާ ލަންކާގެ ސީއެމްސީސީ ކުންފުންޏަށް، އެ ރަށް ހިއްކުމުގެ ބަދަލުގެ ގޮތުގައި ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރުގެ އަގު ގާތްގަނޑަކަށް 5.5 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަން ލަފާކުރެވިއްޖެ އެވެ.

މިއަދު އާބަންކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، "ރަސްމާލެ" ތަރައްގީކުރަން ބޭނުންވާ ބިން ހިއްކަނީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން 60 ހެކްޓަރުގެ ބިމެއް ދީގެން ކަމަށެވެ. އެހެން ނަމަވެސް، ޕްރޮޖެކްޓްގެ އަގު ސީދާ އަރާނެ ވަރެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެކަމަކު، މިދިޔަ އަހަރު އާބަންކޯއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ފްރޮންޓުންނާއި ބީޗް ސައިޑުން އަކަފޫޓެއް އެވްރެޖްކޮށް ވިއްކީ 5،000ރ. އާއި 6،500ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެ އަގުގެ އެވްރެޖެއްގެ ގޮތުގައި 5،500ރ. އަކަފޫޓަކަށް ޖެހޭނަމަ، ސީއެމްސީސީ އަށް ދޫކުރި 10 ހެކްޓަރު (1.07 މިލިއަން އަކަފޫޓު) ގެ ބިމުގެ އަގު އެންމެ މަދުވެގެން ވެސް 5.5 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ އެވެ.

މި އަހަރު ކުރީކޮޅު އެޗްޑީސީން ކޮމާޝަލް ބޭނުމަށް ބިން ދޫކުރީ އަކަފޫޓަށް 4،500ރ. ގެ ރޭޓުންނެވެ. އެހެންވެ އެ ރޭޓުން ބަލައިފި ނަމަވެސް 10 ހެކްޓަރުގެ އަގު އުޅޭނީ 4.8 ބިލިއަން ރުފިޔާ އިން މަތީގަ އެވެ.

ސީއެމްސީސީ އަށް ހުޅުމާލެއިން ދޫކުރާ ބިމުގެ ލޮކޭޝަން އަދި ކަނޑަނޭޅޭ ކަމަށް ފަޒުލް ވިދާޅުވި އެވެ. އެހެންވެ، ބިމުގެ އަސްލު އަގު އަންދާޒާކުރަން އެނގޭނީ، އެ ބިން ދޫކުރާ ސަރަހައްދު ސާފުވެގެންނެވެ.

ހުޅުމާލޭގައި ބައެއް ފަރާތްތަކުން ބީޗް ފްރޮންޓުން ގަނެފައިވާ ބިމުގެ އަގު އަކަފޫޓެއް 8،000ރ.-10،000ރ. އަށް ވެސް އަރަ އެވެ. އެހެންވެ، އާބަންކޯ ނޫން އެހެން ބަޔަކު އެ ބިން ވިއްކާ ނަމަ، އާބަންކޯގެ އަގަށް ވުރެ ބޮޑު އަގުގައި ވިއްކުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި އެހެން ވިޔަފާރީގެ ބޭނުމަށް ދޫކުރާ ނަމަ އަގުތަކުގައި ތަފާތުތަކެއް އުޅޭނެ އެވެ.

ފަޒުލް ވިދާޅުވީ، ހުޅުމާލެއިން ދޫކުރާ ބިން ސީއެމްސީސީން ބޭނުން ކުރަން ޖެހޭނީ، ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ ބިން އެ ކުންފުނިިން އެހެން ފަރާތްތަކަށް ވިއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބިންތައް ވިއްކާނެ އަގުތައް ކަނޑައާޅާނީ ސީއެމްސީސީން ކަމަށެވެ.

"އަޅުގަނޑަށް ހެވޭ އަކަފޫޓެއް 2،000ރ. ގެ ރޭޓުން ވިއްކިއަސް. އަކަފޫޓެއް 3،000ރ. އަށް ވިއްކިއަސް. އެކަން އެޓޭޗްވެގެން އަންނާނީ އަޅުގަނޑުމެންގެ މާސްޓަ ޕްލޭނަށް. މާސްޓަ ޕްލޭނުގައި ހުންނާނެ، ކޮމާޝަލް، ރެޒިޑެންޝަލް ބޭނުމަށް، ޓޫރިޒަމް ޒޯންސް ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އާބަންކޯއިން އަންނަނީ ފުޅިދިއްގަރުފަޅުގެ މާސްޓަ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

"ރަސްމާލެ" ތަރައްގީ ކުރަނީ ހުޅުމާލެއިން 10 ހެކްޓަރު ބިމާއި 60 ހެކްޓަރުގެ ބިން ފުށިދިއްގަރުފަޅުން 99 އަހަރަށް ދޭ ގޮތަށެވެ. ހަތްދިހަ ހެކްޓަރު ހިލޭ ދިނުމުން "ރަސްމާލެ" ހިއްކާ ކުންފުނިން ފުށިދިއްގަރުފަޅުން 1093 ހެކްޓަރު އާބަން ކޯއަށް ލިބޭ ގޮތަށް ހިއްކައިދޭނެ އެވެ. ފުށިދިއްގަރުފަޅުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން އާ ސަރުކާރުން އިންތިހާބުގެ ކެމްޕެއިންގައި ވަނީ އިއުލާނު ކޮށްފަ އެވެ.