Roadha Mihaaru
ފުށިދިއްގަރު ހިއްކަނީ 70ހެކްޓަރު ސީއެމްސީސީއަށް ދީގެން

ފުށިދިއްގަރު ހިއްކަނީ ހުޅުމާލޭން 10، ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޭގޮތަށް

21 ޑިސެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އުއްމީދީ މަޝްރޫއު، ރަސްމާލެ ތަރައްގީ ކުރަން ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލެ 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދޭގޮތަށް ކަމަށް އާބަންކޯ އިން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އުއްމީދީ މަޝްރޫއު، ރަސްމާލެ ތަރައްގީ ކުރަން ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލެ 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދޭގޮތަށް ކަމަށް އާބަންކޯ އިން ބުނެފި އެވެ.

އާބަންކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއު ހިންގަން ސަރުކާރުންނާއި އާބަންކޯ އިން ވެސް އެއްވެސް ހަރަދެއް ނުކުރާނެ ކަމަށާއި ބިން ހިއްކަން ހުރިހާ ހަރަދެއް ކުރާނީ، މަސައްކަތް ހަވާލުކޮށްފައިވާ ސީއެމްސީސީ ކުންފުނިން ކަމަށެވެ.

މި މަޝްރޫއު ހިންގަނީ ސީއެމްސީސީ އަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން އެއްވެސް އަގަކާ ނުލައި 10 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ވަނީ ދީފަ އެވެ. އެ ބިން ހިއްކުމަށް ބޭނުންވާ ފައިސާ އެ ބިން ވިއްކައިގެން އެ ކުންފުންޏަށް ހޯދޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. ފަޒުލް ވިދާޅުވީ އެ ބިން ކުންފުނިން ބޭނުންވާ އަގަކަށް ވިއްކޭނެ ކަމަށާއި ނަމަވެސް، ބިން ވިއްކަން ޖެހޭނީ ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވިދާޅުވި އެވެ.

ރަސްމާލެ ހިއްކައި ނިންމުމުން އެ ތަނުން ވެސް 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޫކުރާނެ ކަމަށާއި އެ ތަން ދޫކުރަނީ ރަސްމާލެ ތަރައްގީ ކުރަން ހޭދަވާނެ ކަމަށް ބެލެވޭ 99 އަހަރުގެ މުއްދަތަށް ކަމަށް ފަޒުލް ވިދާޅުވި އެވެ. ނަމަވެސް، ހުޅުމާލެ އިން ދޫކުރި ބިމުގެ އަަގާއި ރަސްމާލެއިން އުފެދޭ 60 ހެކްޓަރުގެ ބިމުގެ އަގަކީ ކޮބައި ކަމެއް ފަޒުލް ވިދާޅެއް ނުވެ އެވެ.

"މި ބިން ވިއްކައިގެން އެ ބޭފުޅުންނަށް ލިބޭ ފައިސާ އިން މި މުޅި އޮޕަރޭޝަން އެ ބޭފުޅުން ހިންގަންވީ. މިއަކަށް އަޅުގަނޑުމެން ލާ ލާރިއެއް ނެތް. އަޅުގަނޑުމެން އަތުގައި އޮތް އެސެޓެއް އަޅުގަނޑުމެން މި ދެނީ 1093 ހެކްޓަރު އަޅުގަނޑުމެންގެ އަތަށް ލިބޭ ގޮތަށް. ރައްޔިތުންގެ ބޯހިޔާވަހިކަމަށްޓަކައި 10 ހެކްޓަރުގެ ބަދަލުގައި އެބަ ލިބޭ 1093 ހެކްޓަރުގެ ބިން، މިއީ މި މަޝްރޫއުގެ އަގަކީ،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ ސީއެމްސީސީއަށް ދޫކުރި ބިންތައް އެ ކުންފުނިން ބޭނުންވާ އަގެއްގައި ވިއްކޭނެ ކަމަށާއި އެކަމުގެ ތެރެއަށް އާބަންކޯ ނުވަންނާނެ ކަމަށެވެ. ނަމަވެސް ބިން ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ އާބަންކޯގެ އެކްސްކްރޯ އެކައުންޓަކަށް ކަމަށާއި ސީއެމްސީސީއަށް ފައިސާ ދޫކުރާނީ އެ ކުންފުނީގެ ޕްރޮގްރެސިވް ޑިވެލޮޕްމެންޓަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހާ ސާފުކޮށް ރީތިކޮށް އޮތް ކޮންޓްރެކްޓެއްގެ ވާހަކަ މި ދަންނަވާލަނީ،" ފަޒުލް ވިދާޅުވި އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފުށިދިއްގަރު ހިއްކަނީ ހުޅުމާލޭން 10، ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޭގޮތަށް ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފުށިދިއްގަރު ހިއްކަނީ ހުޅުމާލޭން 10، ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޭގޮތަށް ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ފަޒުލް ވިދާޅުވީ މި މަޝްރޫއުއަކީ ޕްރޮގްރެސިވް ޑިވެލޮޕްމެންޓްގެ އުސޫލުން ފައިސާ ދައްކާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށާއި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތި އާބަންކޯ އިން ޒިންމާވާ ގޮތަށް ކޯޕަރޭޓިވް ގެރެންޓީއަކާ އެކު ފަށާ މަޝްރޫއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކޭޝް ފްލޯއަށް މީގެން ކުރާނެ އަސަރެއް ނެތް. ކުރިއަށް އޮތް ތަނުގައި މި ޕްރޮޖެކްޓްގެ ސަބަބުން އަޅުގަނޑުމެންގެ ކޭޝް ފްލޯއަށް އިތުރު ތިޔާގިކަން ލިބިގެންދާނެ، އިތުރު ލޯނު ނެގުމުގެ ފުރުސަތުތަކެއް ރާއްޖޭން ބޭރުގެ ކުންފުނިތަކަށް އަޅުގަނޑުމެންގެ އެޝުއަރެންސްތަކެއް ލިބިގެން މިދިޔައީ،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ ހުޅުމާލެ އާއި ރަސްމާލެ އިން ދޫކުރި 70 ހެކްޓަރުގެ ބަދަލުގައި އާބަންކޯ އަށް ލިބެނީ ރަސްމާލޭގެ 1093 ހެކްޓަރު ބިން ކަމަށާއި އެއީ އާބަންކޯގެ އެސެޓަށް އިތުރުވެގެންދާ ބޮޑު ބިމެއް ކަމަށެވެ.

ފުށިދިއްގަރު ފަޅަކީ ރައީސްގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނަށްވާއިރު، މި ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ އެ ފަޅު ހިއްކުމުގެ މަސައްކަތްކުރަން ހިމަނައި އެކަން ވަނީ ފަށައިފަ އެވެ.

އެކަމަކު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މި ސަރުކާރުން އެދިގެން އެކަމަށް 400 މިލިއަން ރުފިޔާ ހިމެނުމަށް ފަހު ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށް ބަހާލައިފަ އެވެ.

ނަމަވެސް މިދިޔަ ހޯމަ ދުވަހު ރަސްމާލެ މަޝްރޫއު އިފްތިތާހުކޮށް، ފުށިދުއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވަނީ އާބަންކޯގެ ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފަ އެވެ. އެ މަޝްރޫއު ދައުލަތުގެ ބަޖެޓު ނުހިމަނައި އެ މަޝްރޫއު ފެއްޓުމުގެ އިތުރުން އިއުލާނު ނުކޮށް ހަވާލުކުރުމުގެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

މިކަންކަމަށް ރައްދު ދެއްވުމުގެ ގޮތުން ރައީސް ރޭ ވިދާޅުވީ ރަސްމާލެ މަޝްރޫއު މިހާރު އެ ވަނީ ފެށިފައި ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ކަމަށެވެ. އަދި މި ފަސް އަހަރު ތެރޭގައި އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.