Roadha Mihaaru
"ހަނދާންކުރަން ބޭނުންވަނީ އެހީ އާއި ހިތްހެޔޮކަން"

"ހަނދާންކުރަން ބޭނުންވަނީ ދިއްކޮށްލި އެހީގެ އަތާއި ހިތްހެޔޮކަން"

26 ޑިސެމްބަރ 2023

ރަށު ތެރެއިން އިވުނު ހަޅޭކުގެ އަޑަށް ނާޒިމާ އަބްދުﷲ އަށް ގެއިން ބޭރަށް ނުކުމެވުނީ ބިޔަ ރާޅެއްގެ މެދަށެވެ. ސަލާމަތްވާން ކުރާނެ ކަމެއް ހިތަށް ނުގެނެވި އުޅެނިކޮށް އަމިއްލަ ގެ ބިމާ ހަމަވެ މުޅި ދިރިއުޅުން ފުނޑުވިފުނޑުވި މަންޒަރު ލޯކުރިމަތިން ފެނުނެވެ. ސުނާމީގެ އެ ހާދިސާ އަށް މިއަދު 19 އަހަރު ފުރެނީ ވެސް އެ ބިރުވެރި ހަނދާންތަކާ އެކުގަ އެވެ. އެކަމަކު އެ ހިތްދަތި ހާދިސާވީ, ނާޒިމާ ގަބޫލުކުރާ ގޮތުގައި, ނަސީބަކަށެވެ.

ފަޒީނާ އަހުމަދު އދ. މާމިގިލިން ފަޒީނާ އަހުމަދު

ރަށު ތެރެއިން އިވުނު ހަޅޭކުގެ އަޑަށް ނާޒިމާ އަބްދުﷲ އަށް ގެއިން ބޭރަށް ނުކުމެވުނީ ބިޔަ ރާޅެއްގެ މެދަށެވެ. ސަލާމަތްވާން ކުރާނެ ކަމެއް ހިތަށް ނުގެނެވި އުޅެނިކޮށް އަމިއްލަ ގެ ބިމާ ހަމަވެ މުޅި ދިރިއުޅުން ފުނޑުވިފުނޑުވި މަންޒަރު ލޯކުރިމަތިން ފެނުނެވެ. ސުނާމީގެ އެ ހާދިސާ އަށް މިއަދު 19 އަހަރު ފުރެނީ ވެސް އެ ބިރުވެރި ހަނދާންތަކާ އެކުގަ އެވެ. އެކަމަކު އެ ހިތްދަތި ހާދިސާވީ, ނާޒިމާ ގަބޫލުކުރާ ގޮތުގައި, ނަސީބަކަށެވެ.

ރަށް ދޫކޮށް ދާން ޖެހުނު އދ. މާމިގިލީގައި ދިރިއުޅުން އޭރަށް ވުރެން މާ އުފާވެރި އެވެ.

އޭނާ މިއަދު ދައްކަން ބޭނުން ވަނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި މުޅި ރަށް ދޮވެވުނު ގޮތަށް ވުރެން ބޮޑަށް އެތައް ބައެއްގެ ހިތްހެޔޮ ކަމުގެ ވާހަކަ އެވެ. ހަނދާން އާ ކުރަން ބޭނުން ވަނީ ހާލުގައި ޖެހުނު ވަގުތު މާމިގިލީގެ މީހުން ބެހެއްޓި ގާތް ކަމާއި ދެއްކި އެއްބައިވަންތަ ނަމޫނާގެ ވާހަކަ އެވެ.

މަޑިފުށިން ބަދަލުވި ނާޒިމާ މާމިގިލީގައި: އޭނާ ދެކޭ ގޮތުގައި ދިރިއުޅުން ކުރިއަށް ވުރެން މި ރަށުގައި މާ ފަސޭހަ.

މަޑިފުށިން ބަދަލުވި ނާޒިމާ މާމިގިލީގައި: އޭނާ ދެކޭ ގޮތުގައި ދިރިއުޅުން ކުރިއަށް ވުރެން މި ރަށުގައި މާ ފަސޭހަ.

"ވަރަށް ހެޔޮ މި ރަށު މީހުން. އާއިލާ ބައެއްގެ ގޮތުގައި މަޑިފުށީ ރައްޔިތުން ބަލައިގަތީ. އެއީ ލިބުނު ހިތްދަތިކަމަށް ވުރެން އުފާވެރި އިހްސާސެއް ވި ކަމެއް،" ނާޒިމާ 44, ބުންޏެވެ.

މ. މަޑިފުށިން 200 އަށް ވުރެ ގިނަ މީހުން ފައިބަން ޖެހުނީ ސުނާމީގައި ރަށް މުޅިން ދޮވެވި އަލުން އާބާދުކުރެވޭ ވަރަށް ވުރެން ވެސް ހާލަތު ގޯސްވުމުންނެވެ. އާއިލާ މީހުންނާ އެކު މި ރަށަށް ނާޒިމާ ވެސް އައީ އެހެން މީހުންނެކޭ އެއްގޮތަށް ހުސް އަތާ އެވެ.

މާމިގިލި ނޫނަސް މުޅި ރާއްޖެ އިން ވެސް ސުނާމީގައި ދެއްކީ މި ނަމޫނާ އެވެ. ދިވެހިންނަކީ އެއްބައިވަންތަ, އެއް އާއިލާއެއް ކަމެވެ.

"ދިރިއުޅުން ފަސޭހަވި ކަމުގެ ހިތްހަމަޖެހުން"

ނާޒިމާގެ އިތުރުން މި ރަށަށް ބަދަލުވި ގިނަ މީހުންނަށް އުފަން ރަށަށް ވުރެ މާމިގިލި ހުރިހާ ގޮތަކުން ވެސް ފަސޭހަ އެވެ. އާބާދީ މަދުކަމުން މަޑިފުށި އޮތީ އަސާސީ ހިދުމަތްތަކާއި ތަރައްގީ އަށް ހިންގާ ކަންކަމުގެ ލިސްޓުގައި ހިމެނޭ ވަރަށް ވުރެ ފަހަތުގަ އެވެ. އެކަމަކު އަމިއްލަ ރަށް ފަޅު ކުރަން ބޭނުން ނުވާތީ ރަށުގައި ތިބެ ދިރިއުޅުން ކުރިއަށް ގެންދިޔައީ އެވެ.

މާމިގިއްޔަކީ ޒަމާނީ ފަސޭހަތަކާ އެކު އދ. އަތޮޅުގެ އެންމެ ކުރިއަރާފައި އޮތް އެއް ރަށެވެ.

މަރިޔަމް "މިހާރު"އަށް ވާހަކަ ދައްކަނީ.

މަރިޔަމް "މިހާރު"އަށް ވާހަކަ ދައްކަނީ.

ކުރިން ނުލިބުނު ފަސޭހަކަން މާމިގިލިން އެ މީހުންނަށް އިހުސާސް ކުރެވެ އެވެ.

"ފުރަތަމަ ވެސް އުނދަގުލެއް ނޫން. މި ރަށުގެ އެންމެން ވެސް ވަރަށް ރަނގަޅު. ފުރަތަމަ ދުވަހު ވެސް ވަރަށް އަޅާލައި ހެޔޮކޮށް ކަންތައް ކުރީ،" މަރިޔަމް ރަޝީދާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި މި ރަށުގެ ދިރިއުޅުން ވަރަށް ފަސޭހަ އެވެ.

"ގޯތި ވެސް ލިބި އަމިއްލަ ރަށެކޭ މި ރަށެކޭ އެއްވެސް ތަފާތެއް ނެތް އެންމެ ކުރިން ވެސް. ވަރަށް ފަސޭހަ އުޅެން. ވަރަށް ހިތްހަމަޖެހޭ،" ރަށުގެ އެންމެން އެއްކޮށް ބަދަލުވުމަކީ ލިބުނު ހިތްހަމަޖެހުމެއްގެ ގޮތުގައި ސިފަކުރަމުން އޭނާ ބުންޏެވެ.

މަރިޔަމް ބުނި ގޮތުގައި މާމިގިއްޔަށް އުފަން ބަޔަކަށް ނުވިޔަސް އެއްވެސް ކަމެއް އުނދަގުލެއް ނޫނެވެ. އެ މީހުން ހިމެނެނީ މިހާރު މާމިގިލީގެ ރަޖިސްޓްރީގަ އެވެ.

"މި ރަށުގެ އެންމެން ބައިވެރިވެގެން ބާއްވާ ހުރިހާ ކަމެއްގައި ވެސް ބައިވެރިވަން. އަމިއްލަ ރަށް ކަމަށް ދެކި ހިތްހަމަޖެހުގެން މި އުޅެނީ،" ހެލްތު ސެންޓަރުގައި ވަޒީފާ އަދާކުރަމުން އަންނަ މަރިޔަމް ބުންޏެވެ.

"ކޮންމެ ކަމެއް ވެސް ދިމާވާނީ ރަނގަޅަށް. އެގޮތަށް ދެކެނީ. މަޑިފުއްޓަށް ވުރެން މި ރަށުގައި ފަސޭހަ ހުރިހާ ކަމެއް ވެސް. އެއްޗެއް ގަންނަން ބެލިޔަސް. ދަތުރުފަތުރަށް ބެލިޔަސް. މާލެ ދާން ބޭނުން ވިޔަސް ފްލައިޓުގައި, ލޯންޗުގައި ނޫނިއްޔާ ދޯނީގައި ވެސް ދެވޭ."

އދ. މާމިގިލި ސާފުކުރުމުގެ މަސައްކަތުގައި އަންހެނުން.

އދ. މާމިގިލި ސާފުކުރުމުގެ މަސައްކަތުގައި އަންހެނުން.

މަޑިފުށީ މީހުން މާމިގިއްޔަށް ބަދަލުކުރީ މި ރަށުގެ ރައްޔިތުންގެ ރުހުން ހޯދައިގެންނެވެ. އޭރު އެކަމުގައި އިސްކޮށް އުޅުއްވި ކުރީގެ ކަތީބް މަހްމޫދު އަލީ ވިދާޅުވި ގޮތުގައި ދެ ތިން މީހަކު ފިޔަވައި އެންމެން ވެސް ބޭނުންވީ އިންސާނިއްޔަތުކަން އިސްކޮށް މަޑިފުށީ ރައްޔިތުން ބަލައިގަންނާށެވެ. އެ މީހުން ގެނައި ދުވަހު މުޅި އަތިރިމަތި އޮތީ, އޭނާ ވިދާޅުވި ގޮތުގައި, މަރުހަބާ ކިޔަން ފުރާލައިފަ އެވެ.

ފުރަތަމަ އެ މީހުން ބޭތިއްބީ މި ރަށު މީހުންގެ ގެތަކުގަ އެވެ. އެއްވެސް ކަމަކަށް ދަތިނުކޮށް އެ މީހުންގެ ހިތްދަތިކަމުން އަރައިގަންނަން އެހީވި އެވެ. ބައެއް މީހުން ވަގުތީ ހިޔާތަކުގައި ވެސް ތިއްބެވެ. ސަރުކާރުން އެ މީހުންނަށް ގެތައް އިމާރާތްކޮށް އުޅެވޭނެ ގޮތް ހަދައިދީ މާމިގިލީ ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީކޮށްދިނެވެ.

ގެތައް އެޅުމުގައި ވެސް ވަކި ސަރަހައްދަކަށް އެ މީހުން ބަދަލުކުރުމުގެ ބަދަލުގައި ވީހާ ވެސް ބޮޑަށް ބެލީ އެންމެނާ އެކުގައި ތިބެވޭނެ ގޮތަކަށް ގޯތި ދޭން ކަމަށް މަހްމޫދު ވިދާޅުވި އެވެ.

"ދެ އަވަށަށް މީހުން ބަހާލީ. ސަރުކާރުން ގެތައް އަޅާފައި ތަޅުދަނޑި ހަވާލުކުރީ. އެހާތަނަށް ވަރަށް ރަނގަޅަށް މި ރަށުގެ މީހުން ކަންތައްކުރީ. މީހުން ދެ އަވަށަށް ބަހާލީ ރަށުގެ އެއް ދިމާލަކަށް އެންމެން ނުލާންވެގެން" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހިޔާލުކުރީ އެއަށް ވުރެން ވެސް މީހުންނާ ގާތްކޮށް ބޭތިއްބޭ ގޮތަށް މާމިގިލީ އުތުރު އަވަށާއި ދެކުނު އަވަށުގެ ހުސް ގޯތިތަކުގައި އެ މީހުންނަށް ގެ އިމާރާތްކުރަން. އެކަމަކު ސަރުކާރުން އަވަހަށް ނިންމަން ބޭނުން ވާތީ ގޯތި އެ ގޮތަށް ދޫކޮށްފައި އެ ވަނީ" މަހްމޫދު ވިދާޅުވި އެވެ.

ސުނާމީއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން އިސްކޮށް ކުރެއްވުނު މަސައްކަތާއި އެ ތަޖުރިބާ އިން މަހްމޫދަށް ވެސް އޮތް ހިތްހަމަޖެހުމަކީ އެކަކު އަނެކަކަށް އަޅާލައި ދިވެހިން ދެއްކި ނަމޫނާ އެވެ.

"ވަރަށް ގިނަ ރަށްރަށަށް އަޅުގަނޑު ދިޔައިން ރައްޔިތުންގެ ފަރާތުން އެހީތައް ހިފައިގެން ވަރަށް ނިކަމެތި ހާލުގައި ގިނަ ބަޔަކު ތިބީ. އެކަމަކު އެންމެންނަށް އެ ހާލުން އަރައިގަނެވުނީ އެކަކު އަނެކަކަށް ވީ އެހީތެރިކަމުން." މަހްމޫދު ބުންޏެވެ.

"މި ރަށުގައި އެ މީހުން ތިބި ގެތަކުގެ މީހުންނަކީ އެއްބަނޑު އެއްބަފާ މީހުންގެ ގޮތުގައި މިހާރު ވެސް ދެކެނީ. ވަރަށް ގުޅިގެން އެއް ބަޔަކު އަނެއް ބަޔަކު އުޅެނީ."

އދ. މާމިގިލި: މަޑިފުށިން މި ރަށަށް 200 އަށް ވުރެން ގިނަ މީހުން ބަދަލުވި.

އދ. މާމިގިލި: މަޑިފުށިން މި ރަށަށް 200 އަށް ވުރެން ގިނަ މީހުން ބަދަލުވި.

ނާޒިމާ އާއި މި ރަށަށް ބަދަލުވި އެހެން މީހުން ވެސް ސުނާމީ ހާދިސާ ނަގަނީ އެ މީހުންނަށް ހެޔޮގޮތް މެދުވެރިވާން ދިމާވި ކަމެއްގެ ގޮތުގަ އެވެ. މަޑިފުއްޓަށް ވުރެން މާމިގިލީގައި އެ މީހުންގެ ދިރިއުޅުން ހުރިހާ ގޮތަކުން ވެސް ފަސޭހަވުމަކީ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ސުނާމީން ފެނިގެން ދިޔައީ އެކި ރަށްރަށުގައި ތިއްބަސް ދިވެހިންނަކީ އެއް އާއިލާއެއް ކަމެވެ. ހާލުގައި ޖެހޭ ވަގުތު އަޅާލައި އޯގާތެރިކަން އިސްކޮށް ނަމޫނާ ދައްކަ އެވެ. ނާޒިމާ ހަނދާންކޮށްދިނީ, މިކަން ކުރަން ޖެހެނީ ހާދިސާއެއް ދިމާވާ ވަގުތުގައި އެކަނި ނޫން ކަމެވެ.

"ހަނދާނުގައި މިހާރު ހުންނަނީ އެ ދުވަހުގެ އަޅާލުމާއި ދިން އެހީތެރިކަން. އެއީ ދިވެހިންގެ އެއްބައިވަންތަ ކަމަކީ،" ނާޒިމާ ބުންޏެވެ.