Roadha Mihaaru
ރަސްމާލެ މަޝްރޫއުގެ ތަފްސީލުތައް ހޯދަން މަޖިލީހަށް

ރަސްމާލެ މަޝްރޫއުގެ ތަފްސީލްތައް ހޯދަން މަޖިލީހަށް މައްސަލައެއް

28 ޑިސެމްބަރ 2023

ބޯހިޔާވަހިކަމުގެ ބޮޑު ހައްލަށް ފުށިދިއްގަރުފަޅު ހިއްކައިގެން ސަރުކާރުން ތަރައްގީކުރާ ރަސްމާލެ މަޝްރޫއާ ގުޅޭ ތަފްސީލްތައް ހާމަ ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބޯހިޔާވަހިކަމުގެ ބޮޑު ހައްލަށް ފުށިދިއްގަރުފަޅު ހިއްކައިގެން ސަރުކާރުން ތަރައްގީކުރާ ރަސްމާލެ މަޝްރޫއާ ގުޅޭ ތަފްސީލްތައް ހާމަ ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫއެއް ސަރުކާރުން ފެއްޓި އިރު އެ މަޝްރޫއު ރާވާފައިވާ ގޮތާއި ތަރައްގީ ކުރާ ގޮތާއި މަޝްރޫއަށް ކަނޑައެޅިފައިވާ ބިން ހިއްކަން ބަޔަކު ހޯދި ގޮތް ނޭނގޭ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމެނުމުން، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އުނިކުރި މަޝްރޫއާ ގުޅޭ ގޮތުން އެ ޕާޓީން ހުށަހެޅި މައްސަލާގައި ބުނީ މަޝްރޫއުގެ މާސްޓާޕްލޭން އެކުލަވައިލުމުގެ ކުރިން މަޝްރޫއަށް ހިނގާނެ ޖުމްލަ ހަރަދާއި އެހެނިހެން އެއްވެސް ތަފްސީލެއް ވެސް ސަރުކާރުން ހާމަ ނުކުރާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެތައް ސުވާލެއް އުފެދިފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ފުށިދިއްގަރު މަޝްރޫއަށް 1280 ހެކްޓަރުގެ ފަޅަކުން 1153 ހެކްޓަރުގެ ބިން ހިއްކަން ރާވާފައިވީ ނަމަވެސް ތިމާވެއްޓަށް ކުރާނެ އަސަރު ބެލުމަށް އީއައިއޭ ހަދާފައި ވަނީ 29 ހެކްޓަރުގެ ބިމުގެ ކަމަށާއި އެއީ މުޅި ފަޅުގެ 2.29 ޕަސެންޓު ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއު ދައުލަތުގެ ބަޖެޓުން އުނި ކުރުމުން ވެސް އެކަމަށް ބެލުމެއް ނެތި ފެއްޓުމަކީ މަޖިލީހަށް ގޮންޖެހުމެވެ. ދައުލަތުގެ ބާރުތައް ތަރުތީބު ކޮށްފައިވާ ގޮތާއި އެއްބާރު އަނެއްބާރު ޖަވާބުދާރީ ކުރުވައި ޒިންމާދާރު ކުރުވުމުގެ ހަމައިން ސަރުކާރުން ނައްޓައިލި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޝްރޫއުގެ ތަފްސީލު މައުލޫމާތު ހާމަކޮށްދިނުމަށް ސަރުކާރަށް ގޮވާލުމަށާއި މަޝްރޫއު ކުރިޔަށް ގެންދަނީ ދައުލަތަށް މާލީ ގޮތުން އެންމެ ފައިދާ ހުރި ގޮތަށްތޯ ކަށަވަރު ކުރުމަކީ މި މަޖިލީހުގެ މައްޗަށް ވާޖިބު ކަމެއް ކަމުގައި ދެކޭ ހިނދު މި މައްސަލަ މަޖިލީހުން ބެލުމަށް 179 ވަނަ މާއްދާގެ ދަށުން ހުށަހަޅަން،" ސަލީމް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ: ހަފުތާއެއްގެ ތެރޭގައި މިތަނުން 10 ހެކްޓަރު ވަނީ ހިއްކާފައި.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ: ހަފުތާއެއްގެ ތެރޭގައި މިތަނުން 10 ހެކްޓަރު ވަނީ ހިއްކާފައި.

ފުށިދިއްގަރު މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން 65،000 ހައުސިން މަޝްރޫއު ކުރިޔަށް ގެންދަން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ މަޝްރޫއެވެ.

އެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.

އެ މަޝްރޫއު ދައުލަތުގެ ބަޖެޓުން އުނިކުރުމުން، ސަރުކާރުން ވަނީ ސީއެމްސީ އަށް ފުށިދިއްގަރުން 60 ހެކްޓަރު ބިން އަދި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދޭ ގޮތަށް ނިންމައިފަ އެވެ. ފުށިދިއްގަރުން އެ ކުންފުންޏަށް ބިން ދެނީ 99 އަހަރަށެވެ.

ފުށިދިއްގަރުފަޅުގެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި އެތަނުން ވަނީ 10 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ. މާލެ ވަރުގެ ތިން ގުނަ ޖާގަ ލިބޭ "ރަސްމާލެ" އެއްކޮށް ހިއްކައި ނިންމަން ޝެޑިއުލްކޮށްފައި ވަނީ އަށް މަސް ތެރޭގަ އެވެ.