Roadha Mihaaru
ޕާޓީ ބަދަލުކުރުން ހުއްޓުވަން ބޭނުންވަނީ ދާއިމީ ގާނޫނެއް

އެންޓި-ޑިފެކްޝަން ގާނޫނު: ސިޔާސީ ފިކުރު އެއްކިބާކޮށް، ދާއިމީ ކުރަންޖެހޭ!

31 ޑިސެމްބަރ 2023

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ދެ ގޮނޑިއެއް ބައި-އިލެކްޝަންގައި ކާމިޔާބު ކުރަން މުޅި ދައުލަތް އެ ދިމާއަށް އަރި އަޅުވައިލި އެވެ. އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އިންތިހާބުގައި ދައުލަތުން ހަރަދުކޮށް، އެ ދެ ގޮނޑި ކާމިޔާބު ވެސް ކުރި އެވެ. އެކަމަކު، އެމްޑީޕީގެ "ރަން ގޮނޑި" ކަމަށް ބުނާ ކޮމަންޑޫ ދާއިރާ އަދި ގުރައިދޫ ދާއިރާގެ ގޮނޑި ކުޑަހިނދުކޮޅެއް ތެރޭގައި މިއަދު ވަނީ ބީވެފަ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ދެ ގޮނޑިއެއް ބައި-އިލެކްޝަންގައި ކާމިޔާބު ކުރަން މުޅި ދައުލަތް އެ ދިމާއަށް އަރި އަޅުވައިލި އެވެ. އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އިންތިހާބުގައި ދައުލަތުން ހަރަދުކޮށް، އެ ދެ ގޮނޑި ކާމިޔާބު ވެސް ކުރި އެވެ. އެކަމަކު، އެމްޑީޕީގެ "ރަން ގޮނޑި" ކަމަށް ބުނާ ކޮމަންޑޫ ދާއިރާ އަދި ގުރައިދޫ ދާއިރާގެ ގޮނޑި ކުޑަހިނދުކޮޅެއް ތެރޭގައި މިއަދު ވަނީ ބީވެފަ އެވެ.

އެ ދެ ދާއިރާގެ އިތުރުން މާލޭގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑި ވެސް އެމްޑީޕީ އަށް ގެއްލިފައިވާއިރު، އެ ދާއިރާގެ މެންބަރު އާދަމް އަލީ (އާދަންކޮ) އަކީ ސިޔާސީ ގޮތުން މަގުބޫލު ބޭފުޅެއް ނޫނެވެ. އޭނާ އަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވުނު ހަމައެކަނި ސަބަބަކީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމާއި އެ އިންތިހާބު އައިިއިރު މާލޭގައި އެމްޑީޕީ އަށް އޮތް ތާއިދެވެ.

"އަޅުގަނޑު ވޯޓްލާ ދާއިރާގެ މެންބަރަށް ވޯޓު ދިނީ އާދަމް އަލީ [މާފަންނު ދެކުނު ދާއިރާގެ މެންބަރު] ވެގެންނެއް ނޫން، އެމްޑީޕީ ޓިކެޓްގައި ވާދަކުރި ކެންޑިޑޭޓް ވެގެން. ޕާޓީ ބަދަލުކުރުމާ އެކު، އަޅުގަނޑުގެ ވޯޓް މިހާރު ހައްގެއް ނުވާނެ،" އެ ދާއިރާގެ ރައްޔިތެއް ކަމަށްވާ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވި އެވެ.

"ޕާޓީން ވަކިވާން ވާނީ ގޮނޑި ދޫކޮއްލާފައި. ރީތި ގޮތަކީ މަޖިލިސް ގޮނޑިން އިސްތިއުފާ ދިނުން."

ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ކޮންޓްރޯލް ކުރާ އެމްޑީޕީގެ 13 މެންބަރަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީ (ޕީއެންސީ)އާ ގުޅިވަޑައިގެންފަ އެވެ. މަޖިލީހަށް ހޮވިވަޑައިގެންނެވި ފިކުރާ ދިމާ އިދިކޮޅު ފިކުރަށް ކުއްލި ގޮތަކަށް މެންބަރުން އެނބުރުމުން ފާޑުކިޔުމާއި ތުހުމަތުތައް އަމާޒުވެފައިވާއިރު، ޕާޓީ ބަދަލު ކުރުމުގެ ގޮނޑި ގެއްލެން ޖެހޭނެ ކަމުގެ ބަހުސް އަނެއްކާވެސް ވަނީ ގަދަވެފަ އެވެ.

އެމްޑީޕީގެ މެންބަރު އިކްރާމް ހަސަން ވިދާޅުވީ ކުއްލިއަކަށް މުޅި ފިކުރު ދޫކޮށްލައްވައި އެހެން ޕާޓީއަކާ މެންބަރުން ގުޅެނީ މާލީ މަންފާތަކެއް ވެސް ހިމެނޭތީ ކަމަށާއި އެ މެންބަރުންނަށް ރައްޔިތުންގެ ބަލައިގަތުމާއި ތާއިދު ލިބޭނެ މަސައްކަތްތަކެއް ވެސް ދައުރު ނިމިގެންދާއިރު ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، މުސްތަގުބަލަށް އެހެން ގޮތެއް ހޯދުމުގެ ނިޔަތުގައި މެންބަރުން ޕާޓީ ބަދަލުކުރަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑަށް މި ގުޅޭ މެންބަރުންނަކީ މި ދައުރުގައި އެހާ ރަނގަޅު، ރައްޔިތުންނާ ގާތް އަދި ރައްޔިތުންގެ ބަލައިގަތުން އޮންނަ ކަހަލަ މަސައްކަތްތަކެއް ނުކުރެވިފައިވާ މެންބަރުން ބޮޑަށް މީގެ ތެރޭގައި މި ތިބީ. ވަގުތީ މާލީ މަންފާއެއް އަދި ދައުރު ނިމުމުން މި ސަރުކާރުގަ ދާއިމީ، މަހަކު ކޮންމެ ވެސް އެއްޗެއް ލިބޭނެ ކަހަލަ އިންތިޒާމެއް ހަމަޖެހިގެން މަޝްވަރާ ކުރެވިފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" އިކްރާމް ވިދާޅުވި އެވެ.

"ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވިފައި އޮތް ނަމަ، މިގޮތަށް ގޮނޑި ވިއްކާލައިގެން އުޅޭކަށް ނުޖެހޭނަން."

ޕާޓީ ބަދަލުކުރެއްވި މެންބަރު އާދަމް އަލީއާ ކޮންގްރެސް ޕާޓީގެ އިސް ބޭފުޅުން ސަލާމް ކުރައްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޕާޓީ ބަދަލުކުރެއްވި މެންބަރު އާދަމް އަލީއާ ކޮންގްރެސް ޕާޓީގެ އިސް ބޭފުޅުން ސަލާމް ކުރައްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އިކްރާމް ވިދާޅުވީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް، އެ ޕާޓީގެ ތާއިދާ އެކު މަޖިލީހަށް ހޮވުމުން ފްލޯ ކްރޮސް ކުރުން ނުވަތަ ޕާޓީ ބަދަލު ކުރުމަކީ އުސޫލެއްގެ ގޮތުން ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ފުރުސަތު އެގޮތަށް ހުޅުވިފައި އޮތުމަކީ ވެސް ބަދަލު ކުރަން ޖެހޭ ކަމެއް ކަމަށް އިކްރާމް ގަބޫލު ކުރައްވަ އެވެ.

"ހަރުދަނާ ޕާޓީ ނިޒާމެއް އޮންނަ ގައުމެއްގައި ފްލޯ ކްރޮސް ކުރެވިގެން ދިޔުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެންޓި-ޑިފެކްޝަން ގެނައުމާއި އުވާލުން: އޭރަކު ސިޔާސީ މަންފާ ލިބޭ ގޮތަށް

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޭރުގެ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ އަތުގައި އޮއްވައި 13 މެންބަރަކު ކުއްލި ގޮތަކަށް ޕާޓީން ވަކިވެވަޑައިގެންނެވުމާ އެކު، ފްލޯ ކްރޮސް ކުރުމުން ގޮނޑި ގެއްލޭ ގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށް، އެންޓި-ޑިފެކްޝަން ގާނޫނުގެ ނަމުގައި ގާނޫނެއް ހެދި އެވެ. ނަމަވެސް އެ ގާނޫނު ފާސްކޮށްފައި ވަނީ މަޖިލީހުގެ ކޯރަމް ނެތް ވަގުތެއްގައި ކަމަށް ބުނެ އެ ގާނޫނު ބާތިލް ކުރަން އޭރުގެ އިދިކޮޅު ލީޑަރު އަދި އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި ސުޕްރީމް ކޯޓަށް ހުށަހެޅި ދުަސްތޫރީ މައްސަލައެއް ހުށަހެޅި އެވެ.

މައްސަލާގައި އެ ކޯޓުން ވެސް ކަނޑައަޅާފައި އޮތީ އެގޮތަށް ޕާޓީ ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމާއި ފްލޯ ކްރޮސް ކުރުން ހުއްޓުވަން ރާއްޖެއަށް ގާނޫނެއް ބޭނުންވާ ކަމަށެވެ. އެހެންވެ، ކޯރަމް ނެތީސް ގާނޫނު ފާސްކޮށްފައި އޮތަސް އެއީ އިންތިހާ އަށް ބޭނުންތެރި ޒަރޫރީ ގާނޫނަކަށް ވާއިރު، އެ ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެ އެވެ.

އެ ހުކުމްގައި ބުނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީގެ ފިކުރާއި އައިޑިއޮލޮޖީ ތަމްސީލް ކުރާ މެނިފެސްޓޯއެއް އެ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ހުށަހަޅައި އެ ރައްޔިތުންގެ ތާއިދާ އެކު އިންތިހާބުވުމަށް ފަހު، ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުގައި ޖެހި ރައްޔިތުންނަށް އެ މެންބަރުން ވެފައިވާ އަހުދާ ހިލާފަށް އަދި އެ މެންބަރުން އިންތިހާބު ކުރި ދާއިރާގެ ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ފަރުދީ އަދި ޒާތީ މަސްލަހަތު އިސްކޮށް އެ މެންބަރުން ޕާޓީ ބަދަލު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާދު ކަމެއް ކަމަށެވެ.

"..އެއީ ސިޔާސީ ގޮތުންނާއި މާލީ ގޮތުން ނުފޫޒު ގަދަ ބަޔަކު ބޭނުންވާ ގޮތަކަށް މަޖިލީހުގެ އަގުލަބިއްޔަތު ބައްޓަންކޮށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެ ބައިމީހުންގެ ޒާތީ އަދި ސިޔާސީ މަސްލަހަތު ހާސިލް ކުރުމަށް މަގުފަހިވެގެން ހިނގައިދާނެ ކަމެއް. އެއީ ރައްޔިތުންގެ ސިޔާދަތަށް ކަނޑައެޅިގެން ހުރި ނުރައްކަލެއް،" ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.

ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރާން ވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެ ކަމަށެވެ. އަދި އިންތިހާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތްކުރާންވާނެ ކަމަށް މާއްދާގައިވެ އެވެ.

އޭރު ގޮނޑީގެ މައްސަލަ ޖެހުނު ބައެއް މެންބަރު ސުޕްރީމް ކޯޓު ބޭރުގައި - ފޮޓޯ: މިހާރު

އޭރު ގޮނޑީގެ މައްސަލަ ޖެހުނު ބައެއް މެންބަރު ސުޕްރީމް ކޯޓު ބޭރުގައި - ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ މެންބަރުން ޕާޓީ ބަދަލުކުރަން ފުރުސަތު އޮތުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ރުކުން ކަމަށްވާ ހަގީގީ ބާރުވެރިންނަކީ ރައްޔިތުން ކަމުގެ މަގުސަދު ގެއްލި، ދިވެހި ދައުލަތުގެ އަސާސީ މަސްލަހަތާއި ވުޖޫދާއި އާންމު މަސްލަހަތަށް އިޔާދަނުކުރެވޭނެ ފަދަ ގެއްލުމާއި ނުރައްކާ ކުރިމަތިވާނެ ކަމެއް ކަމަށެވެ.

އޭރު ޕީޕީއެމް ދޫކޮށް އިދިކޮޅާ ގުޅުނު 12 މެންބަރުންގެ ގޮނޑި ގާނޫނެއް ނެތުމުގެ ސަބަބުން ނުގެއްލުނު ނަމަވެސް، ސުޕްރީމް ކޯޓުން ހުކުމަކުން ގާނޫނެއް ހެދުމަށް ލާޒިމް ކުރުމާ އެކު އެކަން އެގޮތަށް ޕީޕީއެމުން ކުރި ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް 2018 ގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމާ އެކު، އިންތިގާލީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުންގެ ތާއީދާ ވެސް އެކު، ގާނޫނު އުވާލަން އެ އަހަރުގެ ނޮވެމްބަރު 1 ގައި ފާސްކުރީ އެވެ. އޭރު ޕީޕީއެމްގެ ގިނަ މެމްބަރުން ބޭނުންވީ އެ ގާނޫނު ދަމަހައްޓާށެވެ.

އެމްޑީޕީން އޭރު އެންޓި ޑިފެކްޝަން ގާނޫނާ ދެކޮޅުވި ސަބަބެއް ކަމަށް ބުނީ، އެއީ ވަކި މެމްބަރުންތަކަކަށް އަމާޒުކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ނުބައި ނިޔަތެއް އޮވެގެން ހެދި ގާނޫނަކަށް ވާތީ ކަމަށެވެ. ނަމަވެސް، އޭރު ދެކޮޅު ހެދި ގާނޫނު އަލުން ގެނައުމުގެ މަޝްވަރާތައް މިހާރު އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ފަށާފަ އެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި ނެތް ކަމެއް ނޫން [އެންޓި ޑިފެކްޝަން ގާނޫނަކީ]... މުސްތަގުބަލުގައި މަޖިލިސް އިސްލާހު ކުރުމަށް ކުރާ މަސައްކަތެއް ގޮތުގައި ރައްޓެހި ޕާޓިތަކާ އެކީ ގުޅިގެން އެ މަޝްވަރާތައް ކުރަމުން އެބަދަން،" އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އިއްޔެ ވިދާޅުވި އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލެޖިސްލޭޓިވް އެޖެންޑާގައި 200 ބިލުގެ ތެރޭގައި ގާނޫނުއަސާސީ އަށް ގެންނަ އެއް އިސްލާހެއް ގޮތުގައި ބަޔާންކޮށްފައި ވެސް އޮތް ކަމެކެވެ. ނަމަވެސް ފަސް އަހަރުގެ ދައުރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާލެއްވީ މަޖިލިހަށް އެ ބިލް ނުފޮނުއްވަ އެވެ.

އެފަދަ ގާނޫނެއް ނުގެނެސް، އެމްޑީޕީ އަށް ލިބިފައި އޮތް ސުޕަ މެޖޯރިޓީ ބޮޑު ކުރަން މެންބަރުން ގެނައުމަށް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ކުރި އެވެ. "ދަ ޑިމޮކްރެޓްސް" އުފައްދަން 13 މެންބަރަކު ވަކިވެވަޑައިގަތުމުން ވެސް ގާނޫނު ގެންނަން ނޫޅެ، އިސްކަން ދިނީ އެހެން ޕާޓީތަކުން މެންބަރުން ގެނެވޭތޯ އެވެ.

ދެވަނަ ދައުރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ރިޔާސީ ކެމްޕެއިން ތެރޭގައި ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެމްޑީޕީ އަށް ސޮއި ކުރެއްވި އެވެ. އަދި އޭގެ ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރު ބަލިވެ، ކޮންގްރެސް ޕާޓީ ވެރިކަމަށް އައުމުން ޕާޓީ ބަދަލުކުރި މެންބަރުންގެ ތެރޭގައި މި ދެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ފަސް އަހަރު އާރާއި ބާރު ލިބިފައި އޮތް އިރު އެމްޑީޕީގެ ފަހުގެ ސަރުކާރުގައި ވެސް މައްސަލަ ހައްލު ކުރަން ކުރި އެއްވެސް ކަމެއް ނެތެވެ. ބޮޑަށް ބެލީ އެހެން ޕާޓީތަކުން މެމްބަރުން ގެނެވެން އޮތް ނަމަ އޭގެ ބޭނުން އެންމެ މައްޗަށް ހިފާށެވެ. އޭރު ފްލޯ ކްރޮސިން ނުވަތަ އެންޓި ޑިފެކްޝަން ގާނޫނެއް ވެސް އެމްޑީޕީ އަށް މުހިމެއް ނުވި އެވެ. މިއަދު އެ މުހިންމު ވީ، ވެރިކަން ވެސް ގެއްލި ސިޔާސީ ބާރުވެރިކަން ނެތިދާން ފެށުމުން އެ ބާރު ދަމަހައްޓާށެވެ. އެހެންވެ، އިހުލާސްތެރިކަމާ މެދު ސުވާލު އުފެދެ އެވެ.

ވަކިވި މެންބަރުންގެ ދިފާއު: ގައުމުގެ މަސްލަހަތަށް ފުރުސަތު އޮންނަންވާނެ

މި ރިޕޯޓަށް "މިހާރު" އާ ވާހަކަ ދައްކަވަމުން އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވިދާޅުވީ ބާރުގައި ނުވަތަ ސަރުކާރުގައި އެއިރަކު އޮންނަ ޕާޓީއަކުން ފްލޯ ކްރޮސިން ހުއްޓުވަން ގާނޫނެއް ބާއްވަން ބޭނުން ނުވާ ކަމަށެވެ. މީގެ ކުރިން ވެސް އެ ގާނޫނު ގެނެސްފައިވަނިކޮށް، އެމްޑީޕީން އެ އުވާލުމުން އެނގެނީ މިކަމަކީ އެއިރަކު ސިޔާސީ ގޮތުން މަންފާވާ ގޮތަކަށް ކުރާ ކަމެއް ކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބަދުވެސް މަޖިލީހުގެ މެޖޯރިޓީ ނޯންނަ މީހުން މި ބޭނުން ވަނީ މި ކަހަލަ ގާނޫނެއް ގެންނަން، މެޖޯރިޓީ އޮންނަ ބަޔަކު ބޭނުމެއް ނުވޭ. އެމްޑީޕީ އަށް ވެސް ވީ އެހެން. ވަރަށް ބޮޑު ސިޔާސީ ކަމެއް ތީ ފްލޯ ކްރޮސިން ގާނޫނަކީ،" އަލީ ހަމީދު ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި އިންތިހާބުވުމަށް ފަހުގައި ވެސް ޕާޓީ ބަދަލު ކުރުމުގެ ފުރުސަތު މެންބަރުންނަށް އޮންނަން ޖެހޭނެ އެވެ. އެއީ ގާނޫނުތަކުގައި ބަޔާންކޮށްފައިވަނީ ޕާޓީއަކުން ހޮވުނަސް މެންބަރުގެ ޒާތީ ވިސްނުން ހުންނަން ޖެހޭނީ ރައްޔިތުންގެ މަސްލަތުގައި ކަމަށާއި ޕާޓީގެ ވާހަކައެއް ނާންނަ ކަމަށެވެ. އަދި މެންބަރުން މަޖިލީހުގައި ދޭ ވޯޓު ވެސް އޮންނަނީ ސީދާ ރައްޔިތުންގެ ހެވާއި ލާބައަށް ކުރަން ޖެހޭ ކަމެއް ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން އަލީ ހަމީދު އޭނާގެ ފޯމް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރައްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން އަލީ ހަމީދު އޭނާގެ ފޯމް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރައްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"ހަމައެކަނި ފްލޯ ކްރޮސިން ގާނޫނެއް ގެނައުމުގެ ބަދަލުގައި މުޅި މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން އޮންނަ ގާނޫނުތައް ބަދަލު ގެންނަން ޖެހޭނެ. ކުރިމަތިލާއިރު ވެސް އެ ބަދަލުތައް އަންނަން ޖެހޭނެ. އޭރަށް ކަން ނޭނގޭ ދެމެހެއްޓެނެވި ގޮތެއްގައި މިކަން ކުރިއަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

އަލީ ހަމީދު ވިދާޅުވީ އޭނާ ކުރިމަތިލެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ނަމަވެސް، ހަމައެކަނި ވޯޓު ދިނީ އެ ޕާޓީ ނުވަތަ އެމްޑީޕީ މެންބަރުން ނޫން ކަމަށެވެ. ސިއްރު އިންތިހާބެއްގައި އޭނާ ހޮވީ ޖުމްލަ ރައްޔިތުން ވޯޓު ދީގެން ކަމަށް ވިދާޅުވި އެވެ.

"ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލާ މީހަކަށް ހަމައެކަނި އެ ޕާޓީއެއްގެ މެންބަރުންގެ ވޯޓު ލިބޭ ނަމަ ނުވެސް ހޮވޭނެ ގިނަ ފަހަރަށް. ވަކި ޕާޓީއަކަށް މެޖޯރިޓީ އޮންނަ ދާއިރާތައް ވަރަށް މަދުވާނެ. އެހެންވީމާ ޖުމްލަ އާންމު ރައްޔިތުންގެ ވޯޓު ވެސް ލިބިގެން މި ހޮވެނީ. އެހެންވީމަ އޭނާ އަކީ ހަމައެކަނި އެމްޑީޕީގެ ނުވަތަ ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުން ހޮވި މީހެކޭ ނުބުނެވޭނެ،" މެންބަރު ވިދާޅުވި އެވެ.

"އަނެއްކޮޅުން މެންބަރުން މަސައްކަތް ކުރަން ޖެހެނީ ހަމައެކަނި ޕާޓީއަކަށް ނޫން. ޕާޓީއަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ނުވެސް އޮވޭ ގާނޫނުއަސާސީގައެއް. ގާނޫނުއަސާސީ އޮންނަ ގޮތުން ޕާޓީއެއް ނުދަނޭ މެންބަރުން ހޮވުމަށްފަހުއެއް."

އަލީ ހަމީދު ވިދާޅުވީ ސަރުކާރު ބަދަލުވުމުން، ވެރިކަން ކުރާ ޕާޓީއަށް އަބަދުވެސް އެހެން ޕާޓީތަކުގެ އާންމު މެންބަރުން ވެސް ބަދަލުވާ ކަމަށާއި އެއީ ސިޔާސީ ގޮތުން އަންނަ ބަދަލު ކަމަށެވެ. އަދި އެ ބަދަލަށް ފުރުސަތު އޮންނަންވާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. ރައީސްއަކު ވެސް އިންތިހާބު ކުރަނީ ރާއްޖޭގެ މެޖޯރިޓީން ކަމަށްވާއިރު، ވެރިކަން ބަދަލުވުމުން މިފަދަ ސިޔާސީ ބަދަލުތައް އަންނަނީ ގައުމުގެ ހަމަޖެހުމާއި ކުރިއެރުން އޮތީ އެގޮތަށް ކަމަށް އާންމު މެންބަރުން އަދި މަޖިލިސް މެންބަރުންނަށް ވެސް ގަބޫލު ކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕާޓީ ބަދަލު ކުރެއްވީ ގައުމުގެ ހަމަޖެހުމާއި ކުރިއެރުން އެގޮތަށް އޮތުމުން ކަމަށް ވިދާޅުވެ، ކުރެވޭ އެހެން ތުހުމަތުތައް އަލީ ހަމީދު ދޮގު ކުރައްވާފައިވާއިރު އެމްޑީޕީ ދޫކުރެއްވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވެސް ވަނީ އެގޮތަށް ވާހަކަ ދައްކަވައިފަ އެވެ.

"ގައުމު ހަލަބޮލިކަމަށް ވައްޓާކަށް ބޭނުމެއް ނޫން، ގައުމުގެ މަސަލަސްކަމާއި އަމާންކަން އޮވެގެން ނޫނީ ގައުމެއް ހަމަނުޖެހޭނެ. ފާގަތި މުސްތަގްބަލެއް ހޯދޭނީ ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމްކޮށްގެން. އެކަން ގެއްލުނީމާ ރައްޔިތުންނަށް ބިކަކަން އިހުސާސްވާނީ. އެކަން ރައްޔިތުންނަށް ދޭކަށް އަޅުގަނޑުމެން [13 މެންބަރުން] ބޭނުމެއް ނުވޭ،" ޝަރީފް ވިދާޅުވި އެވެ.

ފްލޯ ކްރޮސިން ހުއްޓުވަން މުޅި ނިޒާމް ހައްލުވާނެ ގޮތަށް ގާނޫނެއް މުހިންމު

ރައްޔިތުންގެ މަޖިލިސް މިހާރު ހިނގާ ގޮތް އިސްލާހު ކުރުމަށް ގޮވާލައްވަމުން ގެންދަވާ "ދަ ޑިމޮކްރެޓްސް"ގެ ހުސެއިން އަމްރު ވިދާޅުވީ ވަކި ޕާޓީއަކުން މީހަކު ނެރެ، އެމީހާ މަޖިލީހަށް ގެންދަން ރައްޔިތުންތަކެއް ވޯޓު ދީފައިވަނިކޮށް އެ ވިސްނުމާ ހިލާފަށް މެންބަރަށް އަމިއްލަ ވިސްނުމެއްގައި ޕާޓީ ބަދަލު ކުރެވިގެން ނުވާނެ ކަމަށެވެ.

އަމްރު: އޭނާ ވިދާޅުވީ މެންބަރުން ޕާޓީ ބަދަލު ކުރުން ހުއްޓުވަން ނިޒާމަށް ފުރިހަމަ ހައްލެއް ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭ ކަމަށް - ފޮޓޯ: ނިޝާން އަލީ / މިހާރު

އަމްރު: އޭނާ ވިދާޅުވީ މެންބަރުން ޕާޓީ ބަދަލު ކުރުން ހުއްޓުވަން ނިޒާމަށް ފުރިހަމަ ހައްލެއް ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭ ކަމަށް - ފޮޓޯ: ނިޝާން އަލީ / މިހާރު

އަމްރު ވިދާޅުވީ ޕާޓީ ބަދަލުކުރަން އެގޮތަށް ނިޒާމްގެ ތެރެއިން ޖާގަ އޮތުމަކީ ރަނގަޅު ގޮތް ކަމަށް ނުވާތީ، އެކަން ބަންދުކޮށް ގާނޫނެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ. ވަރަށް އާދައިގެ ކަމަކަށް ހަދައި ރައްޔިތުންގެ ގާތު އަހާލުމެއް ވެސް ނެތި ތިން ހަތަރު ފަހަރަށް ޕާޓީ ބަދަލު ކުރާއިރު، އެއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"މިސާލަކަށް އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެން ޑިމޮކްރެޓުން ވެސް ނުކުތީތާ އޭރު މަޖިލީހުގައި ތިއްބެވި މެންބަރުން. އަސްލުގަ އެ ފުރުސަތު ނެތް ނަމަ އިސްތިއުފާ ދީފައި ނުކުމެ އަލުން ޕާޓީ ހަދައިގެން އަލުންތާ ވަންނަން ޖެހޭނީ. އެކަން އޮންނަން ވާނީ އެހެން އަސްލުގަ."

"މި މައްސަލަ އުފެދެނީ، މި ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތުތައް މި ކުރެވެނީ އެ ނިޒާމް އެގޮތަށް ހުޅުވިފައި އޮތީމާ. އެކަން ބަންދުވީމަ އެ ހައްލުވީ ހުރިހާ ކަމެއް ވެސް. އެ މެންބަރަކަށް ގަބޫލު ކުރެވުނީ ޕާޓީ ބަދަލުކުރަންވިއްޔޭ އޭރަށް ހަމަ އެ ބަދަލު ކުރަންވީ، އެގޮތަށް ހުޅުވިފައި މިއޮތީ،" އަމްރު ވިދާޅުވި އެވެ.

"އާންމު މެންބަރުންނަށް ޕާޓީ ބަދަލު ކުރަން ފުރުސަތު އޮތަސް މަޖިލިސް މެންބަރުންނަށް އެ ފުރުސަތު އޮވެގެން ނުވާނެ. އެއީ އާންމު މެންބަރުން ޖަވާބުދާރީވާން ޖެހޭ ބަޔަކު ނުތިބޭނެ. ޕާޓީ ބަދަލުކުރާއިރު އަހަން ޖެހޭ ބަޔަކު ވެސް ނުތިބޭނެ، އަދި އެމީހުންނަކީ ވަކި ބަޔަކު ޒިންމާއެއް ހަވާލުކޮށްފައިވާ ބައެއް ވެސް ނޫން. އެހެންވީމަ އާންމު މެންބަރުންނާއި މަޖިލީހުގެ މެންބަރަކާ ވަރަށް ތަފާތުވާނެ ޕާޓީ ބަދަލުކުރާއިރު. މަޖިލިސް މެންބަރުންނަށް އަމިއްލަ އަމިއްލައަށް ނިންމޭނެ ކަމެއް ނޫން އެއީ،" އަމްރު ވިދާޅުވި އެވެ.

"މިސާލަކަށް ވޯޓު ދިނީ ވަކި ޕާޓީއެއްގެ މީހުން މަޖިލީހަށް ދާން. އޭގެ ފަހުން ދާއިރާގައި ތިބި ރައްޔިތުން މި ބަދަލުވީ އަނެއް ޕާޓީއަށް. އެހެންވެއްޖެ ކަމަށްވާ ނަމަ، މަޖިލިސް މެންބަރުން އިސްތިއުފާ ދީފައި ނުކުމެއްޖެ ކަަމަށްވާނަމަ ޕާޓީއަށް ގޮސް ތިބި އާންމު މެންބަރުން އަނެއްކާވެސް އޭނާ އިންތިހާބު ކުރާނެތާ އެ ޕާޓީގެ ނަމުގައި. އެހެންވީމަ އެއަކީ މައްސަލައެއް ނޫން."

އަމްރު ވިދާޅުވީ ފްލޯ ކްރޮސިން ހުއްޓުވަން ގާނޫނެއް ގެންނަ ނަމަ، އެކަން ކުރަން ޖެހޭނީ މުޅި ނިޒާމަށް އެއްކޮށް ހައްލެއް އަންނަ ގޮތަށް ހަރުދަނާކަމާއި ރޭވުންތެރިކަމާ އެކު ކަމަށާއި އެ ބަޔަކަށް އެ މައްސަލައެއް ދިމާވީމަ ވަގުތީ ގޮތުން ކަން ހައްލުކޮށްލަން އުޅޭ އުސޫލުން ކުރާ ނަމަ، މުޅި ނިޒާމަށް ހައްލެއް ނާންނާނެ ކަމަށެވެ.

"އޭރަށް އަބަދުވެސް އިތުރު މައްސަލަތައް އޭގެ ތެރެއިން ނުކުންނާނީ،" އަމްރު ވިދާޅުވި އެވެ.

މަޖިލިސް މެންބަރު އިކްރާމް: ގާނޫނެއް ގެންނައިރު ވަރަށް ބޮޑަށް މަޝްވަރާކޮށް ނޭދެވޭ އަސަރު ނާންނާނެ ގޮތްތައް ބަލަން ޖެހޭ ކަމަށް ވިދާޅުވި

މަޖިލިސް މެންބަރު އިކްރާމް: ގާނޫނެއް ގެންނައިރު ވަރަށް ބޮޑަށް މަޝްވަރާކޮށް ނޭދެވޭ އަސަރު ނާންނާނެ ގޮތްތައް ބަލަން ޖެހޭ ކަމަށް ވިދާޅުވި

ކުރިން ވާހަކަ ދެއްކެވި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ވެސް ފާހަގަކުރެއްވީ ގާނޫނެއް ގެންނަ ނަމަ، ވިސްނަންޖެހޭ މުހިންމު ނުކުތާއެކެވެ. މެންބަރުންނަކީ ރައްޔިތުންގެ ހައްގުގައި އެމީހުންގެ މަންފާއަށް ވަކާލާތު ކުރާނެ ކަމުގެ އުއްމީދުގައި ރައްޔިތުން ހޮވާ ބައެއް ކަމަށާއި ގާނޫނެއް ގެނެސްފި ނަމަ، މެންބަރުން ޕާޓީގެ ލީޑަޝިޕްގެ ދަށުވުން ގާތް ކަމަށެވެ.

"އޭރަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ނުކުރެވި ކޮންމެ ވެސް ވަރަކަށް ފިތޭ ތަން ވެސް އެބަ އާދޭ. އެހެންވީމަ ވަރަށް ގިނަ ގޮތްގޮތަށް ވިސްނައި މަޝްވަރާ ކުރެވިގެން މެނުވީ އެކަހަލަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ އޭގެ ނޭދެވޭ އަސަރު ނިޒާމް ހަމަޖެހިފައި މި އޮންނަ ގޮތަށް އައިސްދާނެ ކަމެއް،" އިކްރާމް ވިދާޅުވި އެވެ.

ކުރީގެ މަޖިލީހުގައި ގޮނޑީގެ މައްސަލަގަނޑަކަށްވި 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އޭރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ ކޮންމެ މީހަކު ވެސް އެމީހަކަށް ފެނުމުން ޕާޓީ ބަދަލު ކުރާނެ ކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ އެކަމަށް ފައްކާވެފައި ކަމަށެވެ. އެކަމަށް މިހާރު ފާޑު ކިޔާ މީހާ ވެސް އޭނާއާ ޖެހުމުން އެކަން ކުރާނެ ކަމަށާއި ތަފާތީ ވަގުތާއި ހާލަތު ކަމަށް ވިދާޅުވި އެވެ.

"ހައްލަކީ އެންޓި ޑިފެކްޝަން ގާނޫނެއް އޮތުން،" އަމީތު ވެސް ވިދާޅުވި އެވެ.

ނަވާރަ ވަނަ މަޖިލީހުގެ ދައުރު ހަމަވެ 20 ވަނަ މަޖިލިސް އިންތިހާބު ކުރުމުގެ މަރުހަލާއާ ކައިރިވެފައިވާއިރު، އޭގެ ކުރިއަށް އެންޓި-ޑިފެކްޝަން ގާނޫނެއް ގެނުމަކީ ހުރިހާ ސިޔާސީ ފަރާތްތަކުން ވެސް ގަބޫލު ކުރާ ގޮތުގައި މުހިންމު ކަމެކެވެ. މިވަގުތު އެމްޑީ ޕީއަށް އެކަން ކުރެވޭ ވަރަށް މެޖޯރިޓީ ވެސް އޮތްއިރު، އެއިރަކު ސިޔާސީ މަންފާ އެންމެ ބޮޑު ގޮތަކަށް ގޮނޑި ބަދަލު ކުރުމުގެ ކުޅިގަނޑު ބޭއްވުމުގެ ބަދަލުގައި މިކަމުގައި ސިއްކަ ޖަހަން މިއީ އެންމެ ރަނގަޅު ފުރުސަތެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މެދު ރައްޔިތުންގެ މެދުގައި އޮންނަ ތުހުމަތާއި ނުތަނަވަސްކަން ދުރުކޮށް، ގަނެ ވިއްކޭ ބައެއްގެ ގޮތުގައި މެންބަރުން ނުތިބުމަށް ވެސް މިއީ މުހިންމު ކަމެކެވެ.