Roadha Mihaaru
ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވަން ގޮވާލައިފި

ކޮމިޓީގެ ލަފައާ އެއްގޮތަށް ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވަން އެމްޑީޕީން ގޮވާލައިފި

05 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ލަފައާ އެއްގޮތަށް ކުރިއަށް އޮތް ރޯދަމަހުގެ ފަހުން 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަން އިދިކޮޅު އެމްޑީޕީން އިއްޔެ ގޮވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ލަފައާ އެއްގޮތަށް ކުރިއަށް އޮތް ރޯދަމަހުގެ ފަހުން 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަން އިދިކޮޅު އެމްޑީޕީން އިއްޔެ ގޮވާލައިފި އެވެ.

އެ ޕާޓީން، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވި ސިޓީއެއްގައި ބުނީ، މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ކޮމިޓީގެ ލަފައަކަށް އެދުމުން، ރޯދަމަހުގެ ފަހުން އެ އިންތިހާބު ބާއްވަން ލަފާ ދީފައިވާ ކަމަށެވެ. އިންތިހާބަށް ލަފާ ދޭ ގައުމީ ކޮމިޓީގައި ވެސް، ސަރުކާރުގެ ކޯލިޝަން ޕާޓީތައް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ވެސް، ރޯދަމަހުގެ ފަހުގެ ތާރީހެއްގައި މަޖިލިސް އިންތިހާބު ބާއްވައިދިނުމަށް އެދިފައިވާ ކަމަށް ސިޓީގައި ބުންޏެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު މެއި 28، 2024 އަށް ހަމަވާނެ އެވެ. ގާނޫނު ބުނާ ގޮތުން މެމްބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. ގާނޫނުގައި ބުނާ ތާރީހުތައް ތަރުތީބު ކޮށްލުމުން އިންތިހާބު ބޭއްވެނީ މާޗު 19 ގައި ކަމަށް އީސީން ކުރިން ބުންޏެވެ. ނަމަވެސް އެއީ ސްކޫލްތަކުގައި މޮކް އެގްޒާމް ކުރިއަށް ގެންދާ ދުވަސްކޮޅަކަށް ވުމުން ދަތިތައް ދިމާވެފައިވާ ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި އެވެ.

އެހެންވެ އެންމެ އަވަހަށް ވެސް އިންތިހާބު ބޭއްވެނީ މާޗު 30 ގައި ކަމަށާއި އެއީ ރޯދަމަހުގެ 20 ވަނަ ދުވަސް ކަމަށް ހަބީބް ވިދާޅުވެފައި ވެ އެވެ.

އެ މައްސަލަ ހައްލު ކުރުމަށް އީސީން ދެ ގޮތެއް ހުށަހެޅި އެވެ. އެއްގޮތަކީ ގާނޫނުގައި ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ދޭ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރުކޮށްލުމެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗު ނުވައެއްގައި އިންތިހާބު ބޭއްވިދާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

ދެ ވަނަ ގޮތަކީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ. އޭރުން އިންތިހާބުގެ މަސައްކަތް ކުރިން ފަށައި އަވަހަށް އިންތިހާބު ބޭއްވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އެމްޑީޕީގެ ސިޓީގައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ކޮމިޓީން ދިން ލަފާ އަދި ގައުމީ ލަފާ ދޭ ކޮމިޓީގެ މެމްބަރުންގެ އެދިވަޑައިގަތުމާ ހިލާފަށް، ސަރުކާރުގެ ނުފޫޒުން ރޯދަމަހުގެ ތެރޭގައި މަޖިލީސް އިންތިހާބު ބާއްވަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފަ އެވެ.

"މި ފަދައިން ތުހުމަތުކުރެވޭ ސަބަބުތަކުގެ ތެރޭގައި، ރާއްޖޭގައި ބޭއްވޭ އިންތިހާބުތަކުގައި ގާނޫނީ ގޮތުން މަސްއޫލިއްޔަތުތަކެއް އަދި ޒިންމާތަކެއް މަތިކުރެވިފައިވާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެދިވަޑައިގެންފައިވާތީ ރަމަޟާން މަހުގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. އަދި އެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އަދި ޖަމިއްޔާތަކުން ވެސް ތިޔަ ކޮމިޝަނަށް ލަފާ ދެއްވާފައިވަނީ ރަމަޟާން މަހުގެ ފަހުން އިންތިހާބު ބޭއްވުމަށެވެ،" ސިޓީގައި ވެ އެވެ.

އެހެންވެ، މަޖިލީހުގެ އިންތިހާބު، ސަރުކާރުން ފޯރުވަމުންދާ ނާޖައިޒު ނުފޫޒަށް ބޯނުލަނބައި، ގައުމީ ލަފާދޭ ކޮމިޓީގެ މެމްބަރުން އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ލަފައާ އެއްގޮތަށް ރޯދަމަހުގެ ފަހުގެ ތާރީހެއްގައި ބާއްވަން އެމްޑީޕީން ގޮވައިލީ އެވެ.

ހަބީބް، މިދިޔަ އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހު، އަންނަ ހަފުތާގައި އާންމުކޮށް، އިއުލާން ކުރަން ކޮމިޝަންގެ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ވެސް އަންނަ ބުދަ ދުވަހުގެ ކުރިން އާންމުކުރަން މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.