Roadha Mihaaru
ތައިލެންޑާއި ދުބާއީން އާސަންދަ ލިބޭގޮތް ހަމަޖައްސަނީ

ތައިލެންޑާއި ދުބާއީން އާސަންދަ ލިބޭގޮތް ހަމަޖައްސަނީ

13 ޖެނުއަރީ 2024

ތައިލެންޑާއި ދުބާއީން ދިވެހިންނަށް އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކު އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ތައިލެންޑާއި ދުބާއީން ދިވެހިންނަށް އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކު އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެކަން ހާމަކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވެކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ އާސަންދަ އަކީ ހަމައެކަނި "ވަކި ގައުމެއް" ގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން ލިބޭ އެއްޗަކަށްވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ދިވެހިން އިންޑިއާގެ ކޮޗިން އާއި ޓްރިވަންޑްރަމުގައި އާސަންދައިގެ ދަށުން ފަރުވާ ހޯދަ އެވެ.

"އާސަންދައަކީ ވަކި ދިމާލަކުން ވަކި ގައުމެއްގެ މެޑިކަލް ފެސިލިޓީއަކުން ލިބޭ އެއްޗަކަށް ނުހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކުން، ޔޫއޭއީ އާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން،"

ރައީސް ވިދާޅުވި ގޮތުގައި އެ ގައުމުތަކަށް އާސަންދަ ފުޅާކުރާނީ އެކޮމޮޑޭޝަން ހަރަދުތައް ވެސް ހިމެނޭ ގޮތަށެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

އޭރުން ރާއްޖޭގެ ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅުކުރެވެން ދެން ދާނީ މިހާރަށް ވުރެ ފެންވަރު ރަނގަޅު ތަންތަނަށް، މާފެންވަރު ރަނގަޅު ދުބާއީ ކަހަލަ، ބެންކޮކްގައި ހުންނަ ކަހަލަ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލުތަކަށް އެކޮމޮޑޭޝަން އެކްސްޕެންސް ވެސް ލިބިގެން،"

ރައީސް ވިދާޅުވީ ހަނޑޫ، ހަކުރު ފުށް ވެސް އެންމެ ދިމާލަކަށް ދެން ބަރޯސާ ނުވާނެ ކަމަށާއި އެ ތަކެތި ރާއްޖެއަށް ގެނައުމަށް ތުރުކީއާ އެކު ވެސް އެއްބަސްވުން ހަދާފައިވާ ކަމަށެވެ. ރާއްޖެއަށް ކުރިން މި ތަކެތި ގެނައީ މައިގަނޑު ގޮތެއްގައި އިންޑިއާ އިންނެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައި ވަނީ މިފަހުން އިންޑިއާގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އެގައުމުން އާންމުކުރި ވީޑިއޯއަކާ އެކު ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިހްތިރާމް ކުޑަކޮށް ފާޑު ވިދާޅުވި މައްސަލައެއްގަ އެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ރާއްޖެ އާއި އިންޑިއާގެ ގިނަ ބަޔަކު ވަނީ ދިމާކޮށްލައި، ވަރަށް ހުތުރު އަދި މަލާމާތުގެ ބަސްތައް ބޭނުންކޮށްފަ އެވެ.

އެ މައްސަލާގައި ރައީސް ސީދާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ސަރުކާރުން ވަނީ ބޭރުގެ ވެރިންނަށް ކުޑައިމީސްކޮށް ވާހަކަ ދެއްކި މީހުން ހާމަކޮށްފައިވަނީ ސަރުކާރުގެ ވިސްނުން ނޫން ކަމަށާއި އެއީ އެ ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ބުނެފައިވެ އެވެ. އެކަމަކު ހިޔާލު ފާޅުކުރަން ޖެހޭނީ ޑިމޮކްރަޓިކް އަދި ޒިންމާދާރުކަމާ އެކުގައި ކަމަށް ބުންޏެވެ.