Roadha Mihaaru
ރައީސް، ދުބާއީ އަށް ފުރާވަޑައިގަންނަވައިފި

ދުބާއީގައި ބާއްވާ އިންވެސްޓްމެންޓް ފޯރަމާއި ވޯލްޑް ގަވަމަންޓްސް ސަމިޓަށް ރައީސް މުއިއްޒު ފުރާވަޑައިގެންފި

11 ފެބުރުއަރީ 2024

ރާއްޖެ އިން އިންތިޒާމު ކޮށްގެން ދުބާއީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން "ވޯލްޑް ގަވަމަންޓްސް ސަމިޓް 2024" ގައިބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖެ އިން އިންތިޒާމު ކޮށްގެން ދުބާއީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން "ވޯލްޑް ގަވަމަންޓްސް ސަމިޓް 2024" ގައިބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

"ވޯލްޑް ގަވަމަންޓްސް ސަމިޓް 2024" އޮންނާނީ މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. އިންވެސްޓްމަންޓް ފޯރަމް ބާއްވާނީ އަންނަ އަންގާރަ ދުވަހު އެވެ.

ރައީސް މުއިއްޒާ އެކު، އިންވެސްޓްމަންޓް ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައި ބައެއް މިނިސްޓަރުންނާއި ބައެއް ކުންފުނިތަކުގެ ވެރިންނާއި އަމިއްލަ ވިޔަފާރިވެރިން ހިމެނިވަޑައިގަންނަވަ އެވެ.

"މި ފޯރަމްގައި ގާތްގަނޑަކަށް 200 އެއްހާ ބޭފުޅުން އެބަ ބައިވެރިވެ ވަޑައިގަންނަވާ،" ފޯރަމަށް ދުބާއީ އަށް ގޮސް ތިބި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަފީރު މުހަންމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެފައިވެ އެވެ.

މުންދު ވިދާޅުވީ ރާއްޖެ އިން އިންތިޒާމުކޮށްގެން ދުބާއީގައި މި ފޯރަމް މި ބާއްވަނީ ރާއްޖެ އާއި ޔޫއޭއީ އަކީ ވިޔަފާރީގެ އެކި އެކި ދާއިރާތަކުން ވަރަށް ގުޅުން ބޮޑު ގައުމެއް އުފެދިފައިވާ ގައުމެއް ކަމަށް ވާތީ ކަމަށެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި ރާއްޖޭގައި ބޮޑެތި އިންވެސްޓްމެންޓްތަކެއް ޔޫއޭއީގެ ވިޔަފާރިވެރިން ކޮށްފައިވާތީ މި ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން ވޯލްޑް ގަވަމެންޓްސް ސަމިޓްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރާއްޖޭގެ ރައީސަކު އެ ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

"މި އަހަރުގެ ވޯލްޑް ގަވަމަންޓްސް ސަމިޓްގެ ތީމަކީ 'ޝޭޕިން ފިއުޗަ ގަވަމަންޓްސް' އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާ، ޖަމާއަތްތަކާއި ޕްރައިވެޓް ސެކްޓަރު އަދި އެކި ދާއިރާތަކަށް ހާއްސަ ލީޑަރުން ބައިވެރިވެ، މުސްތަގުބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

އެ ސަމިޓުގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވައި، ބައެއް ގައުމުގެތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދުބާއީގައި ބާްވާ ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމްގައި ދުނިޔޭގެ ބައެއް ވިޔަފާރި ޖަމިއްޔާތަކާއި ބޭންކްތަކުން ވެސް ބައިވެރިވާނެ އެވެ.

"އަޅުގަނޑުމެންނަށް އެ ބޭފުޅުންނާ ސީދާ ވާހަކަ ދައްކައި މަޝްވަރާ ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ،" މުންދު ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް މިދިޔަ މަހުގެ ކުރީކޮޅު ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ދިމާކޮށް ވެސް އިންވެސްޓްމަންޓް ފޯރަމެއް ޗައިނާގައި ބޭއްވި އެވެ. އެ ފޯރަމްގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.