Roadha Mihaaru
ހޫތީން ބުނަނީ ބޮން އެޅިޔަސް ހަމަލާތައް ނުހުއްޓާނެކަމަށް

ހޫތީން ބުނަނީ ބޮން އެޅިޔަސް ރަތްކަނޑުގައި ހަމަލާ ދޭނެ ކަމަށް

14 ޖެނުއަރީ 2024

ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާ ދޭތީ ޔަމަންގެ ހޫތީންގެ ސަރަހައްދަށް އެމެރިކާ އާއި އިނގިރޭސި ވިލާތުން ވައިގެ މަގުން ހަމަލާ ދިނުމުން ހޫތީން އިންޒާރު ދީފި އެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާ ދޭތީ ޔަމަންގެ ހޫތީންގެ ސަރަހައްދަށް އެމެރިކާ އާއި އިނގިރޭސި ވިލާތުން ވައިގެ މަގުން ހަމަލާ ދިނުމުން ހޫތީން އިންޒާރު ދީފި އެވެ.

ހުކުރު ދުވަހު އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ޖެޓްތަކުން ހޫތީންގެ ރާޑަރުތަކާއި އަސްކަރީ އެކި އަމާޒުތަކަށް ދިން ހަމަލާތަކަށް ފަހު ހޮނިހިރު ދުވަހު އެމެރިކާއިން ވެސް އިތުރު ހަމަލާތަކެއް ދިނެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭ ނަމަ އިޒްރޭލާ ގުޅުން ހުރި އުޅަނދުތަކާއި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުގެ އުޅަނދުތަކަށް ވެސް ހަމަލާ ދޭނެ ކަމަށް ހޫތީން ދަނީ ބުނަމުންނެވެ. ހޫތީން ދޭ ހަމަލާތަކާ ގުޅިގެން ޔަމަނަށް ދިން ވައިގެ ހަމަލާތަކަށް ފަހު، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިދާނެ ކަމަށް ހީވެފައިވާ ބިރު ވަނީ ބޮޑުވެފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކަށް ފަހު އިޒްރޭލުން ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން ޔަމަން، ލުބްނާން، އިރާގް އަދި ސީރިއާގައި އީރާނާ ގުޅުން ހުރި ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތައް ވަނީ އިތުރުވެފަ އެވެ.

ބައިނަލްއަގުވާމީ ވިޔަފާރީގެ ގާތްގަނޑަކަށް 12 ޕަސެންޓް މުދާ އުފުލަނީ ޔަމަނާއި ޖިބޫތީއާ ދެމެދުން ރަތްކަނޑުންނެވެ. މި ސަރަހައްދުގައި ހޫތީން އުޅަނދުތަކަށް ހަމަލާ ދޭން ފެށުމުން ދިގު މަގުތަކުން މުދާ އުފުލަން ޖެހި، މިހާރު ވެސް މުޅި ދުނިޔޭގައި އިންފްލޭޝަން އުފުލިފައި ވާއިރު މުދަލުގެ އަގު އިތުރަށް އުފުލޭ ސަބަބަކަށް ވަނީ ވެފަ އެވެ.

ހޫތީންގެ މަގާމުތަކަށް ދިން ހަމަލާތަކަށް ފަހު ހޫތީން ބުނީ މި ހަމަލާތަކުން ހޫތީން ދޭ ހަމަލާތައް ނުހުއްޓާނެ ކަމަށާއި ހަމަލާތައް ދާނީ ކުރިއަށް ކަމަށެވެ. ދިރާސާކުރާ މީހުން ވެސް ބުނަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ހަމަލާތަކުން ހޫތީން ހުއްޓުމަކަށް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ހޫތީން ބުނީ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ހަމަލާތަކުގައި ފަސް ހަނގުރާމަވެރިޔަކު މަރުވި ކަމަށެވެ. އަދި އިތުރު ހަ މީހަކު ޒަހަމްވި ކަމަށް ބުންޏެވެ.

ޔަމަނަށް ދިން ހަމަލާތައް ކާމިޔާބު ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައި ވާއިރު އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވީ މިއީ ހޫތީން ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާތީ ދިން ދިފާއީ "އެކަށިގެންވާ" ހަމަލާއެއް ކަމަށެވެ.

ހޫތީންނަށް ތާއީދުކުރާ އީރާނުން ބުނީ މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މައްސަލަ އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށެވެ. -- އޭއެފްޕީ