Roadha Mihaaru
ރަތްކަނޑުގައި ހޫތީން ބޯޓަކަށް މިސައިލް ހަމަލާއެއް ދީފި

ހޫތީންގެ މިސައިލް ހަމަލާއެއް ރަތްކަނޑުން ދަތުރުކުރި ބޯޓަކަށް އަރައިފި

15 ޖެނުއަރީ 2024

ޔަމަންގެ ހޫތީ ހަނގުރާމަވެރިންގެ މިސައިލް ހަމަލާއެއް ރަތްކަނޑުން ދިޔަ ބޯޓަކަށް އަރައިފި ކަމަށް އިނގިރޭސި ވިލާތުގެ މެރިޓައިމް ސެކިއުރިޓީ އެޖެންސީއަކުން ބުނެފި އެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިންގެ މިސައިލް ހަމަލާއެއް ރަތްކަނޑުން ދިޔަ ބޯޓަކަށް އަރައިފި ކަމަށް އިނގިރޭސި ވިލާތުގެ މެރިޓައިމް ސެކިއުރިޓީ އެޖެންސީއަކުން ބުނެފި އެވެ.

ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ބުނީ ބޯޓަށް އަމާޒުވީ ބޯޓާ ދިމާލު މަތިން އައި މިސައިލެއް ކަމަށެވެ.

އިނގިރޭސި ވިލާތުގެ މެރިޓައިމް ރިސްކް ކޮމްޕެނީއެއް ކަމަށްވާ އެމްބްރޭ އިން ބުނި ގޮތުގައި މިސައިލް އަމާޒުވީ މާޝަލް އައިލެންޑްސްގެ ދިދައިގައި ދަތުރުކުރި، އެމެރިކާގެ ބަލްކް ކެރިއަރަކަށެވެ. މިސައިލް ހަމަލާއާ އެކު ބޯޓުގައި ރޯވި ކަމަށާއި އެކަމަކު ދަތުރު ނުކުރެވޭ ވަރުގެ ގެއްލުމެއް ބޯޓަށް ނުވާ ކަމަށް ބުންޏެވެ. އަދި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް ވެސް އަނިޔާއެއް ނުވެ އެވެ.

އެމްބްރޭ އިން ބުނީ ހޫތީން ހަމަލާ ދެނީ އިޒްރޭލާ ގުޅުން އޮންނަ އުޅަނދުތަކަށް ކަމަށް ބުންޏަސް މި ހަމަލާ އަމާޒުވި އުޅަނދާ އިޒްރޭލާ އެއްވެސް ގުޅުމެއް އޮންނަ ކަމަށް މިހާތަނަށް އެނގިފައި ނެތް ކަމަށެވެ.

މި ހަމަލާ ދީފައި މި ވަނީ ހޫތީން އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް ވެސް މިސައިލް ހަމަލާއެއް ފޮނުވާލިތާ އެއް ދުވަސް ފަހުންނެވެ. އެ މިސައިލް މަނަވަރާ ހަމަޔަށް ދިއުމުގެ ކުރިން ޔަމަންގެ އައްސޭރިފަހުން އެމެރިކާގެ ފައިޓަ ޖެޓަކުން ހަމަލާދީ ވަނީ ވައްޓާލައިފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތަކުގެ ބަދަލު ހިފަން ކަމަށް ބުނެ ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާ ދޭން ފެށުމުން އެމެރިކާ އިސްވެ އޮވެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެކި ގައުމުތައް ބައިވެރިވާ އިއްތިހާދެއް ވަނީ ހަދައިފަ އެވެ. އަދި މިދިޔަ ހަފްތާ ބަންދުގައި އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ޔަމަންގައި ހޫތީންގެ ބާރު އޮންނަ ސަރަހައްދަށް ވައިގެ ހަމަލާތައް ދީފަ އެވެ. މި ހަމަލާތަކުގައި ހޫތީންގެ ރާޑަރުތަކާއި ބައެއް އަސްކަރީ ތަންތަން ހަލާކުކޮށްލި ކަމަށް ވެސް ބުންޏެވެ. --އޭއެފްޕީ