Roadha Mihaaru
ބޯޓުތަކަކަށް އަނެއްކާވެސް ހަމަލާ ދީފިން: ހޫތީން

ބޯޓުތަކަކަށް އަނެއްކާވެސް ހަމަލާ ދީފި ކަމަށް ހޫތީން ބުނެފި

07 ފެބުރުއަރީ 2024

ރަތްކަނޑުން ދަތުރުކުރި އެމެރިކާގެ އުޅަނދަކާއި އިނގިރޭސި ވިލާތުގެ އުޅަނދަކަށް އަނެއްކާވެސް ހަމަލާ ދީފައިވާ ކަމަށް ޔަމަންގެ ހޫތީން އިއްޔެ ބުނެފި އެވެ.

ރަތްކަނޑުން ދަތުރުކުރި އެމެރިކާގެ އުޅަނދަކާއި އިނގިރޭސި ވިލާތުގެ އުޅަނދަކަށް އަނެއްކާވެސް ހަމަލާ ދީފައިވާ ކަމަށް ޔަމަންގެ ހޫތީން އިއްޔެ ބުނެފި އެވެ.

އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފަން ކަމަށް ބުނެ ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާ ދޭތީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ވަނީ ނުރައްކާ ވެފަ އެވެ. މި ހަމަލާތައް ހުއްޓުވަން އެމެރިކާ އިސްވެ އޮވެ އަސްކަރީ ފިޔަވަޅުތައް އެޅި ނަމަވެސް ހޫތީންގެ ހަމަލާތަކެއް ނުހުއްޓެ އެވެ.

ޔަމަންގައި ބާރު ގަދަ ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ ބުނީ އިއްޔެ އެމެރިކާގެ ބޯޓެއް ކަމަށްވާ "ސްޓާ ނޭސިއާ" އަދި އިނގިރޭސި ވިލާތުގެ ބޯޓެއް ކަމަށްވާ "މޯނިންގް ޓައިޑް" އަށް ހަމަލާ ދީފައިވާ ކަމަށެވެ.

އެކްސްގައި ކޮށްފައިވާ ޕޯޓެއްގައި ސާރީ ބުނީ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އުދުވާނާ ދެކޮޅަށް އަދިވެސް ހޫތީން އަސްކަރީ ބާރުގެ ބޭނުންކުރަމުންދާނެ ކަމަށެވެ.

ސެކިއުރިޓީ ފާމެއް ކަމަށްވާ އެމްބްރޭ އިން އިއްޔެ އެންމެ ފުރަތަމަ ވަނީ އިނގިރޭސި ވިލާތުގެ ބޯޓަށް ހަމަލާއެއް ދިން ކަމަށް ބުނެފަ އެވެ. އެކަމަކު ފަހުން ބުނީ ގޮވާ ޒާތުގެ އެއްޗެއް އަމާޒުވީ ބާބެޑޮސްގެ އުޅަނދަކަށް ކަމަށެވެ. އެ ހަމަލާ އައީ ކައިރިން ދަތުރުކުރި ކުޑަ އުޅަނދަކުން ކަމަށާއި ވައިގެ ތެރޭގައި ގޮވުމަށް ފަހު އެތިކޮޅުތަކެއް ބޯޓަށް ވެއްޓުނަސް ގެއްލުމެއް ނުވާ ކަމަށް ބުންޏެވެ.

އެހެން ފާމަކުން ބުނީ ބޯޓަށް އަމާޒު ނުވެ ހަމަލާ ދިޔައީ ޑެކް މަތިން ކަމަށާއި ގެއްލުންވީ ހަމައެކަނި ބްރިޖްގެ ވިންޑޯއަކަަށް ކަމަށެވެ.

މިއިން އެއްވެސް ހަމަލާއެއްގައި މީހަކަށް އަދި އުޅަނދަކަށް ވެސް ބޮޑު އެއްވެސް ގެއްލުމެއް ނުވާ ކަމަށް ބުންޏެވެ. -- އޭއެފްޕީ