Roadha Mihaaru
ހޫތީން ތިން ބޯޓަކަށް ހަމަލާ ދީފި؛ ދެ ބޯޓެއްގައި ރޯވި

ހޫތީން ތިން ބޯޓަކަށް ހަމަލާ ދީފި؛ ދެ ބޯޓެއްގައި ރޯވި

10 ޖޫން 2024

ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގައި އުޅަނދަތަކަށް ދެމުން ގެންދާ ހަމަލާތަކުގައި މިސައިލާއި ޑްރޯނުން ތިން ބޯޓަކަށް އަނެއްކާ ހަމަލާ ދީފައިވާ ކަމަށް އިއްޔެ ބުނެފި އެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގައި އުޅަނދަތަކަށް ދެމުން ގެންދާ ހަމަލާތަކުގައި މިސައިލާއި ޑްރޯނުން ތިން ބޯޓަކަށް އަނެއްކާ ހަމަލާ ދީފައިވާ ކަމަށް އިއްޔެ ބުނެފި އެވެ.

މެރިޓައިމް ސެކިއުރިޓީ ފާމްތަކުން ބުނި ގޮތުގައި ޔަަމަންގެ އައްސޭރިފަށުން ތިން ބޯޓަކަށް ހަމަލާ ދީފައި ވާއިރު ދެ ބޯޓެއްގައި އަލިފާން ވެސް ރޯވި އެވެ.

ހޫތީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އުޅަނދުތަކަށް ހަމަލާ ދެމުން ގެންދަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދޭ ހަމަލާތަކުގެ ބަދަލު ހިފުމަށް ކަމަށް ބުނެ އެވެ. ހޫތީން ބުނާ ގޮތުގައި ހަމަލާތައް އަމާޒުކުރަނީ އިޒްރޭލުގެ މުދާ އުފުލާ ބޯޓުތަކާއި އެކި ގޮތްގޮތުން އިޒްރޭލާ ގުޅުން އޮންނަ ބޯޓުތަކަށެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ އެކްސްގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ހަމަލާ ދިން ދެ ބޯޓަކީ އިޒްރޭލުގެ ބަނދަރުތަކަށް ނުވަނުމަށް ހޫތީންގެ އެންގުމުން ވެސް އެކަމަށް ތަބާނުވި ދެ ކާގޯ ބޯޓު ކަމަށެވެ.

އޭނާ ވިދާޅުވީ ހޫތީން ދެން ހަމަލާ ދިނީ އިނގިރޭސި ވިލާތުގެ މަނަވަރަކަށް ކަމަށެވެ. ނަމަވެސް އެ ގައުމުން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކަނޑުމަތީގައި އުޅުނު ހޫތީންގެ ކުދި އުޅަނދުތަކުން ވެސް ކާގޯ ބޯޓްތަކަށް ވަނީ ހަމަލާތައް ދީފަ އެވެ.

ސެކިއުރިޓީ ފާމްތަކުން ބުނި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން ބޯޓުތަކަށް ގެއްލުންވެ މިސްރާބު ބަދަލުކުރަން ޖެހުނަސް މީހަކަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.

ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ކަމަށް އަންދާޒާކުރެވޭ ރަތްކަނޑުން ދަތުރުކުރުން، ހޫތީންގެ ހަމަލާތަކާ ހެދި ސަސްޕެންޑްކޮށް އެތައް ހާސް މޭލެއް ދުރުން އެފްރިކާ ބައްރު ވަށާލައި ދަތުރުކުރަން ފަށައިފަ އެވެ. އެ ސަބަބާ ހެދި މުދާ އުފުލުމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ. -- އޭއެފްޕީ