Roadha Mihaaru
ހޫތީންގެ މިސައިލެއް އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށްފި

ހޫތީން އެމެރިކާގެ މަނަވަރަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ވައްޓާލައިފި

15 ޖެނުއަރީ 2024

ޔަމަންގައި ހޫތީ ހަނގުރާމަވެރިންގެ ބާރު އޮންނަ ސަރަހައްދުން، ރަތްކަނޑުގައި އޮތް އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ޔަމަންގައި ހޫތީ ހަނގުރާމަވެރިންގެ ބާރު އޮންނަ ސަރަހައްދުން، ރަތްކަނޑުގައި އޮތް އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ.

މިއީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން ކަމަށް ބުނެ ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދޭން ފެށި ފަހުން އެމެރިކާގެ މަނަވަރަކަށް އަމާޒުކުރި ފުރަތަމަ ހަމަލާ އެވެ.

"ޖެނުއަރީ 14 ވަނަ ދުވަހު (ޔަމަން ގަޑިން) މެންދުރު ފަހު 4:45 ހާއިރު، ޔަމަންގައި އީރާންގެ މަދަދާ އެކު ހަރަކާތްތެރިވާ ހޫތީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުން، ރަތްކަނޑުގައި ދަތުރުކުރަމުން ދިޔަ ޔޫއެސްއެސް ލަބޫން (ޑީޑީޖީ 58) އަށް އަމާޒުކޮށް މިސައިލެއް ފޮނުވާލާފައިވޭ،" އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"މި މިސައިލް ވަނީ (ޔަމަންގެ) ހުދައިދާގެ އައްސޭރިފަށާ ކައިރިން އެމެރިކާގެ ފައިޓާ އެއާކްރާފްޓަކުން ހަމަލާދީ ވައްޓާލާފައި،" ސެންޓްރަލް ކޮމާންޑުން ބުންޏެވެ. "އެއްވެސް ގެއްލުމެއް އަދި އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނެތް."

މަނަވަރަކަށް އަމާޒުކޮށް މިސައިލެއް ފޮނުވާލާފައި މި ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުން ޔަމަންގެ ހޫތީންގެ ސަރަހައްދަށް ހަމަލާދީފައި ވަނިކޮށެވެ. މި ހަމަލާތަކުގައި ހޫތީންގެ ރާޑަރު ސިސްޓަމްތަކާއި މިސައިލް ހަމަލާ ދިނުމުގެ ވަސީލަތްތަކަށް ގެއްލުން ދީފައިވާ ކަމަށް އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ބުނެފަ އެވެ. އަދި އާދީއްތަ ދުވަހު ވެސް މީގެ ހަމަލާތަކެއް ދީފައިވާ ކަމަށް ހޫތީންގެ މީޑިއާއިން ބުނެފައިވެ އެވެ.

އެކަމަކު އެމެރިކާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އިތުރު ހަމަލާއެއް ޔަމަންގައި ދީފައި ނުވާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ވިޔަފާރީގައި ހިމެނޭ މުދަލުގެ ގާތްގަނޑަކަށް 12 ޕަސެންޓް އުފުލަނީ ރަތްކަނޑު ސަރަހައްދުންނެވެ. އެހެންވެ ހޫތީން އުޅަނދުތަކަށް ހަމަލާ ދޭން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުޅަނދުތައް ދުރު އަދި ދިގު މަގުތަކުން ދަތުރުކުރަން ޖެހުމުން އުފުލުމުގެ އަގު ބޮޑުވެ މުދާ އަގު ބޮޑުވުމުގެ ސަބަބެއް ކަމަށް މިހާރު ވަނީ ވެފަ އެވެ. -- އޭއެފްޕީ