Roadha Mihaaru
ލަންކާ ސިފައިން މަސްބޯޓަކުން 65 ކިލޯ ޑްރަގް ހޯދައިފި

ލަންކާ ސިފައިން އަނެއްކާވެސް މަސް ބޯޓަކުން 65 ކިލޯ ޑްރަގްސް ހޯދައިފި

21 ޖެނުއަރީ 2024

ސްރީ ލަންކާގެ ކަނޑުގެ ސިފައިން އިއްޔެ އަނެއްކާވެސް މަސްބޯޓަކުން 65 ކިލޯގެ ޑްރަގް ހޯދައި 11 މީހަކު ހައްޔަރުކޮށްފި އެވެ.

ސްރީ ލަންކާގެ ކަނޑުގެ ސިފައިން އިއްޔެ އަނެއްކާވެސް މަސްބޯޓަކުން 65 ކިލޯގެ ޑްރަގް ހޯދައި 11 މީހަކު ހައްޔަރުކޮށްފި އެވެ.

ކަނޑުގެ ސިފައިންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ހާއްސަ އޮޕަރޭޝަނެއްގައި އެއް ބޯޓު ޑްރަގާ އެކު އަތުލައިގެންފައި ވާއިރު އެ ބޯޓަށް އެހީވާން އުޅުނު ކަމަށް ބެލެވޭ އެހެން ބޯޓެއް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ސިފައިން ބުނި ގޮތުގައި މި އުޅަނދުތައް އުޅުނީ ލަންކާގެ "ޑޮންޑްރާ ހެޑް" އިރުމަތީ ކަނޑުގައި 100 ނޯޓިކަލް މޭލު (185 މޭލު) ބޭރުގަ އެވެ.

އަތުލައިގަތް މަސްތުވާތަކެއްޗަކީ ހެރޮއިން ކަމަށާއި އެ ތަކެތި ހުރީ ތިން ގޯންޏެއްގައި ފޮރުވާފައި ކަމަށް ސިފައިން ބުންޏެވެ. ދެން އަތުލައިގަތް ބޯޓަކީ އެ ތަކެތި ހިފައިގެން ލަންކާއަށް ދާން އުޅުނު ކަމަށް ބެލެވޭ ބޯޓެވެ.

މަސްތުވާތަކެއްޗާ އެކު ލަންކާ ސިފައިން އަތުލަތް ބޯޓުގެ ފަޅުވެރިން އެ ތަކެއްޗާ އެކު. -- ފޮޓޯ: ލަންކާ ނޭވީ

މަސްތުވާތަކެއްޗާ އެކު ލަންކާ ސިފައިން އަތުލަތް ބޯޓުގެ ފަޅުވެރިން އެ ތަކެއްޗާ އެކު. -- ފޮޓޯ: ލަންކާ ނޭވީ

ލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކުރިއަށް ދާއިރު 30،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މި އޮޕަރޭޝަންގައި އިންސާނީ ހައްގުތަކާ ހިލާފަށް އަމަލުކުރާ ކަމަށާއި އެކަން އެގޮތަށް ނުކުރަން އދ. އިން ގޮވާލި ނަމަވެސް ލަންކާ ފުލުހުން ވަނީ އޮޕަރޭޝަންގެ ދެ ވަނަ ފިޔަވަހި ފަށައި އިތުރު 40،000 މީހަކު ހައްޔަރުކުރާނެ ކަމަށް ބުނެފަ އެވެ.

ލަންކާގެ ކަނޑުގެ ސިފައިން މީގެ ދެ ހަފްތާ ކުރިން ވެސް ވަނީ މަސްބޯޓަކުން 245 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.