Roadha Mihaaru

ލަންކާގައި ޑްރަގް ޓްރެފިކްކޮށްގެން ހޯދާފައިވާ 283 މިލިއަން ރުޕީސް އަތުލައިގެންފި

ސްރީ ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އިން ހިންގި އޮޕަރޭޝަނެއްގައި 283 މިލިއަން ރުޕީސް އަތުލައިގެންފި އެވެ.

ލަންކާ ޑްރަގް ޑީލަރެއްގެ ގެއިން 283 މިލިއަން ރުޕީސް

ސްރީ ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އިން ހިންގި އޮޕަރޭޝަނެއްގައި 283 މިލިއަން ރުޕީސް އަތުލައިގެންފި އެވެ.

އެމެރިކާ ޑޮލަރުން ބަލާ ނަމަ މިއީ ގާތްގަނޑަކަށް 955،000 ޑޮލަރު (14.7 މިލިއަން ދިވެހި ރުފިޔާ) އެވެ.

ޕީއެންބީ އިން ބުނީ މިއީ ޑްރަގް ޓްރެފިކްކުރާ މީހެއްގެ އަތުން މިހާތަނަށް އެ ގައުމުގައި އަތުލައިގެން އެންމެ ބޮޑު އަދަދު ކަމަށެވެ.

މި ނޫޓުތައް ފެނުނީ ކުރުނެގަލާގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. މި އޮޕަރޭޝަނުގައި 18 ގްރާމްގެ "އައިސް" (ކްރިސްޓަލް މެތަމްފެޓަމިން) އާއި ޑަބަލް ޓެކްސީއަކާއި ވޭނެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ފައިސާތައް: މިތަނުގައި މިލިއަނެއްހާ ޑޮލަރަށްވާ ފައިސާ ހުރި

ފުލުހުން ބުނީ މި ފައިސާ އަކީ މިހާރުވެސް ޖަލުގައި ހުރި މީހެއްގެ ފައިސާ ކަމަށް ބެލެވޭ ކަމަށެވެ.

ފައިސާތަކުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ކުރުނެގަލާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މެޖިސްޓްރޭޓް ވަނީ އެ މީހާ ބަންދުގައި ބަހައްޓައި އިތުރަށް ސުވާލު ކުރުމުގެ ހުއްދަ ކަމާ ބެހޭ ފަރާތްތަކަށް ދީފަ އެވެ.

ލަންކާގައި މިދިޔަ އަހަރު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގައި އެތައް ހާސް ބަަޔަކާއި އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އަދި ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ހާއްސަ މަސައްކަތްތަކެއް ފެށި އެވެ.