31 ޖެނުއަރީ 2024
ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ނައިބު ރައީސުން މަގާމުން ނަގާ އެއްލާލަނީ އެވެ. ރައީސް އައްޔަން ކުރައްވާ ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްކޮށް، މަގާމުން ވަކިކުރާއިރު ރައީސް ކުރެން ހޭ ވެސް އަހާލުމެއް ނެތެވެ. މިއީ ހައްތަހާ ވެސް ރައްޔިތުންގެ މަޖިލީހުން ސިޔާސީ ގޮތުން ނިންމާފައި ހުރި ނިންމުންތަކެވެ.
ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ނައިބު ރައީސުން މަގާމުން ނަގާ އެއްލާލަނީ އެވެ. ރައީސް އައްޔަން ކުރައްވާ ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްކޮށް، މަގާމުން ވަކިކުރާއިރު ރައީސް ކުރެން ހޭ ވެސް އަހާލުމެއް ނެތެވެ. މިއީ ހައްތަހާ ވެސް ރައްޔިތުންގެ މަޖިލީހުން ސިޔާސީ ގޮތުން ނިންމާފައި ހުރި ނިންމުންތަކެވެ.
ވެރިކަންކުރާ ޕާޓީތަކުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން އަބަދުމެ، މަސައްކަތް ކުރަނީ އިދިކޮޅު ޕާޓީގެ އަތްމައްޗަށް މަޖިލިސް ހިނގައްޖެ ނަމަ ކުރަންޖެހޭ ހަނގުރާމަތައް އެހާމެ ބޮޑުވުމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރާއި މަޖިލީހުގެ އަރައިރުން ބޮޑުވެ، ކުރިމަތިވި މައްސަލަތަކަކީ އޭގެ ހެއްކެކެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަކީ ވެސް އޭގެ އަނެއް މިސާލެކެވެ. ގާނޫނުއަސާސީގެ ދަށުން އޮންނަ ވަޒީރުންނަށް ރުހުން ދިނުމުގެ އިޖްރައާތު ބޭނުން ކުރަނީ އެއިރެއްގައި މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ ޕާޓީއަކުން ސަރުކާރު ބެލްކްމެއިލް ކުރަން ބޭނުންކުރާ ލެވަރޭޖް ކާޑެއްގެ ގޮތުގަ އެވެ.
ރައީސް އައްޔަން ކުރެއްވި ތިން ވަޒީރަކަށް އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ދާދިފަހުން ރުހުން ނުދިނީ ހުއްޖަތެއް ދެއްކުމެއް ނެތި އެވެ. ކޮމެޓީ މަރުހަލާގައި ވަޒީރުންނަށް ރުހުން ދޭން ނިންމުމަށްފަހު ކުއްލި ގޮތަކަށް ތިން ވަޒީރަކަށް ރުހުން ނުދިން އެއްވެސް ސަބަބެއް ބަޔާންކޮށެއް ނުދެ އެވެ.
މަޖިލީހުން ސިޔާސީ ގޮތުން ނިންމާ ނިންމުންތަކުގެ ގެއްލުމާއި ނަތީޖާ ގޯސް ނަމަވެސް މިއީ މިހާރު ރާއްޖޭގެ ގާނޫނުއަސާސީ އޮތްގޮތުން ހައްލެއް ހޯދޭނެ ކަމެއް ނޫނެވެ. ސަބަބަކީ ގާނޫނުއަސާސީ ލިޔުނުއިރު، މަޖިލީހުގެ ނިންމުންތަކުގެ ކަށަވަރުކަން (ބަރުލަމާނީ އިމްތިޔާޒް) ދީފައި އޮތުމުންނެވެ.
ގާނޫނުއަސާސީގެ 88 ވަނަ މާއްދާ އޮންނަ ގޮތުން މަޖިލީހުން ފާސްކުރާ ގާނޫނުތައް ބާތިލް ކުރުމާއި ރައީސް ވަކިކުރަން މަޖިލީހުން ނިންމާ ހާލަތްތައް ފިޔަވައި އެހެން ކަންކަމުގައި މަޖިލީހުގެ ނިންމުންތަކަކީ ކޯޓުތަކުގައި ޗެލެންޖް ނުކުރެވޭނެ އަދި އެންމެ ފަހު ނިންމުމެވެ. ނަމަވެސް މީގެ މާނައަކީ މަޖިލީހުން ހިތުހުރި ގޮތަކަށް އަދި ގާނޫނުއަސާސީއާ ހިލާފަށް ކަންކަން ކުރާއިރު އެއްޗެއް ނުބުނެ، ހަނު ތިބެން ޖެހޭނެ ވާހަކައެއް ވެސް ނޫނެވެ.
ސުޕްރީމް ކޯޓް --- ފޮޓޯ/މިހާރު
މިކަން ސުޕްރީމް ކޯޓުން 2022 ވަނަ އަހަރު ނިންމި ދުސްތޫރީ މައްސަލައެއްގައި ވެސް ފާހަގަ ކޮށްފައިވެ އެވެ. ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މަގާމުން ވަކިކުރަން 2015 ވަނަ އަހަރު މަޖިލީހުން ނިންމި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި އެ ހުކުމުގައި ބުނެފައިވާ ގޮތުން މަޖިލީހުން ނިންމާ ނިންމުންތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އުފެދޭ ހިޔާލު ތަފާތުވުންތަކާ ގުޅޭ ކަމެއް އެއްވެސް ކޯޓަކަށް ނުބެލޭނެ އެވެ.
"ހަމައެކަނި ހިޔާލު ތަފާތުވުމެއްގެ މައްޗަށް ބިނާވެގެން ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ އެވެ. ނުވަތަ އެއީ ކޯޓުތަކަށް ހައްލެއް ނުދެވޭނެ ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވެގެން ނުވާނެ އެވެ." ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.
"މީގެ މާނައަކީ ސުޕްރީމް ކޯޓަކީ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދައިދޭ ތަނަކަށް ވުމެއް ނޫނެވެ."
މަޖިލީހުން ބާރުގެ ތެރެއިން ނިންމާ ސިޔާސީ ނިންމުންތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ހަވާލާދެނީ ރާއްޖެ ފަދައިން ރިޔާސީ ނިޒާމެއް އޮންނަ އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައަކަށެވެ. އެ މައްސަލާގައި ކަނޑައަޅާފައިވާ ޑޮކްޓްރިން އޮފް ޕޮލިޓިކަލް ކުއެސްޝަން ބުނާގޮތުން މަޖިލީހުގެ ސިޔާސީ ވިސްނުން ހުންނަ ގޮތަކުން މަޖިލީހުން ނިންމި ކަމެއްގެ މައްޗަށް ކޯޓަށް ބަސް ނުބުނެވޭނެ އެވެ. މާނައަކީ އެއީ ކޯޓުތަކުގެ ބޭރުން ސިޔާސީ ބޭފުޅުން ހައްލު ހޯދަންޖެހޭ ކަމެކެވެ.
މިސާލެއްގެ ގޮތުން ޖަމީލްގެ މައްސަލާގައި އޭނާ މަގާމަށް ނާގާބިލް ކަމަށް ބުނެ އޭރުގެ ޕީޕީއެމްގެ އަގުލަބިއްޔަތު އޮތް މަޖިލީހުން އޭނާ މަގާމުން ދުރުކުރީ އޭރުގެ ރައީސް އަބްދުالله ޔާމީންގެ ރަސްމީ ބަހެއް ނެތި، މަޖިލީހުގެ އަމިއްލަ އިސް ނެގުމަށެވެ. ސުޕްރީމް ކޯޓުގައި އެ ނުކުތާ ނެގި ނަމަވެސް އެ ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން ނައިބު ރައީސުން ވަކި ކުރުމާއި އެކަމުގެ އިޖްރައާތު ކަނޑައެޅުމަކީ މަޖިލީހުގެ ބާރަކަށް ވާތީ އެއީ ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ ކަމަށްވާތީ އެކަމަށް ކޯޓަށް ބަސް ނުބުނެވޭނެ އެވެ.
މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި މި ވާހަކަ އަނެއްކާވެސް ތަކުރާރު ކޮށްފައިވެ އެވެ. އެ ހުކުމުގައިވާ ގޮތުން މަޖިލީހުގެ ނިންމުންތަކުގެ މައްޗަށް ކޯޓަށް ބަސް ބުނެވޭނީ އިސްތިސްނާ ގޮތެއްގައި އަދި ދުސްތޫރީ ހުސްކަމެއް ކުރިމަތިވެ، ޑެޑްލޮކަލަށް ދާ ހިސާބަށް ގޮސްފައިވާ ނަމަ އެވެ. މާނައަކީ ސިޔާސީ ހިޔާލު ތަފާތުވުންތަކަށް ސުޕްރީމް ކޯޓުން ދޭނެ ހައްލެއް ނޯންނާނެ ކަމެވެ.
"ގާނޫނު އަސާސީ ދިފާއު ކުރުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ މާނައަކީ ސުޕްރީމް ކޯޓަކީ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދައިދޭ ތަނަކަށް ވުމެއް ނޫނެވެ." ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ބުނެފައިވެ އެވެ.
ރައީސާއި މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު --- ފޮޓޯ/މިހާރު
ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން މަޖިލީހުން ނިންމާ ނިންމުންތައް ކޯޓުތަކަށް ބެލޭނީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފް ކަމެއް ނުވަތަ އަސާސީ ހައްގަކަށް އަރައިގަތުން ފަދަ ކަމެއް ފެންނަން އޮތް ހާލަތްތަކުގައި އެކަންޏެވެ. އެއީ މިސާލަކަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގައި އަމަލުކުރަންޖެހޭ އިޖްރައާތެއް ފުރިހަމަ ނުކުރުން ނުވަތަ ޖަވާބުދާރީވާން ފުރުސަތު ދިނުން ފަދަ ކަމެއް އޮންނަ ހާލަތްތަކެވެ.
"އެ މައްސަލައެއްގެ މައުލޫއު ބިނާވާން ވާނީ މަޖިލީހުން އަމަލުކުރި ގޮތުގެ ސަބަބުން މަޖިލީހުން އަމަލުކުރި ގޮތުގެ ސަބަބުން ގާނޫނު އަސާސީގައިވާ އިޖްރައާތަކާ ހިލާފް ކަމެއްގެ މައްޗަށް ނުވަތަ ގާނޫނު އަސާސީން ލިބިދޭ ފަރުދީ ހައްގެއް ގެއްލިގެން ދިއުމުގެ މައްޗަށެވެ." ހުކުމުގައިވެ އެވެ.
ކުރިން ފާހަގަކުރި ޖަމީލްގެ މައްސަލާގައި، އޭނާ ވަކިކުރަން ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ގެއްލޭ ގޮތަށް މަޖިލީހުން އަމަލުކުރި އެވެ. އެހެންވެ، އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ބަރުލަމާނީ އިމްތިޔާޒް އޮތަސް، އަސާސީ ހައްގެއް ގެއްލޭ ގޮތަށް އަމަލު ކުރުމުގެ އިހްތިޔާރު މަޖިލީހަށް ނޯންނާނެތީ ކަމަށެވެ. އެހެންވެ، އެކަމުގައި މަޖިލީހުން އަމަލުކުރި ގޮތް ބެލުމަށް ކޯޓަށް ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
"މަޖިލީހުގެ ބާރެއް ވީމަ ކޯޓުތަކުން ބަހެއް ނުބުނެވޭނެ ކަނޑައެޅިފައި އޮތް އިޖްރައާތަކަށް އަމަލު ނުކޮށް އޮންނަ ހާލަތެއް ނެތިއްޔާ."
މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ރުހުން ދިނުމާއި ނުދިނުމަކީ މަޖިލީހުގެ ފުރިހަމަ ބާރެއްގެ ގޮތުގައި އޮތުމުން މަޖިލީހުން ކޮންމެ ގޮތަކަށް ނިންމިޔަސް އެއަށް ކިޔަމަންވުން ނޫން ގޮތެއް ސަރުކާރަކަށް ނޯންނާނެ އެވެ.
"މަޖިލީހުން ނިންމާ ނިންމުމުގެ ސަބަބުން ނިކުންނަ ނަތީޖާ ތަހައްމަލު ކުރުމަކީ ގާނޫނު އަސާސީން ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް އޮންނަ ޒިންމާއެކޭ. އެހެންވީމަ އެހެން ބޭފުޅުން އައްޔަން ކުރައްވައިގެން ކޮންޓިނިއޭޝަން ގެނެވެން އޮތް ކަމެއް މިއީ." ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮމެޓީން ރުހުން ދޭން ނިންމުމަށްފަހު މަޖިލީހުގެ ތަޅުމުގައި ރުހުން ނުދިނުމަކީ އެއްވެސް ސަބަބެއް ނެތި، ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ނިިންމި ނިންމުމެކެވެ.
ގާނޫނީ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން މަޖިލީހުގެ ނިންމުންތަކަކީ މިނިވަންކަމާ އެކު ނިންމަންޖެހޭ ނިންމުންތަކެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތަސް، ސިޔާސީ ގޮތުން މަޖިލީހުން ނިންމާ ނިންމުންތަކަށް ވެސް ތަބާވުން ނޫން ގޮތެއް ނެތެވެ. އެހެން ނޫން ތިން ބާރު ވަކިވުމުގެ ނިޒާމު ގެއްލޭނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ޒާތީކޮށް ނުވަތަ އަމިއްލަ އެޖެންޑާއެއްގައި ގިނަ ފަހަރު މަޖިލީހުގެ ނިންމުންތައް ނިންމާފައި ހުރީ. ނަމަވެސް އެއީ މަޖިލީހުގެ ބާރެއް ވީމަ ކޯޓުތަކުން ބަހެއް ނުބުނެވޭނެ ކަނޑައެޅިފައި އޮތް އިޖްރައާތަކަށް އަމަލު ނުކޮށް އޮންނަ ހާލަތެއް ނެތިއްޔާ. ސުޕްރީމް ކޯޓުން ވެސް ނިންމާފައި ހުރީ އެގޮތަށް." ވަކީލަކު ވިދާޅުވި އެވެ.
ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް އައިފަހުން ރައްޔިތުން މަޖިލިސްތައް ފެނިގެން ދަނީ ރައްޔިތުން ތަމްސީލުކުރާ ބާރަކަށް ވުރެ ބޮޑަށް ޕާޓީތަކުގެ ސިޔާސަތާއި ފިކުރު ތަމްސީލުކުރާ ބާރެއްގެ ގޮތުގަ އެވެ. މަޖިލީހުގެ ސިޔާސީ ނިންމުންތަކުގެ ނަތީޖާ ގޯސް ނަމަވެސް އެއަށް ފަރުވާ ހޯދުމަކީ އުނދަގޫ ކަމެކެވެ.
ވީބީ ހަސަންގެ ތާއީދު އެމްޑީޕީގެ އިބޫ ޖަލީލަށް
ސުޕްރީމް ކޯޓު ހުކުމަށް ތަބާނުވާން މަޖިލީޙުން ފާސްކޮށްފި
ތިނެސްކަން ގާނޫނީ ކޯޅުމެއްގައި ރައްޔިތުން ބެދިފައި
މަޖިލިސް ގަވާއިދުގެ މައްސަލާގެ ޝަރީއަތް އަވަސްކޮށްފި
ރައީސް ވަކިކުރުމާ ބެހޭ އިސްލާހުގެ މައްސަލަ ބަލައިގެންފި
އެމްޑީޕީއަށް އެކަނި ރައީސް ވަކިކުރެވޭ އިސްލާހު ކޯޓަށް!
ރުހުން ނުލިބޭ ވަޒީރުން އަލުން މަގާމަށް: ބޮޑުުު ސުވާލެއް
ޕާޓީ ބަދަލުކުރުން ހުއްޓުވަން ބޭނުންވަނީ ދާއިމީ ގާނޫނެއް
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން
އާ ރައީސް ހުވާކުރުމަށް ހުރަހެއް ނޭޅޭނެ: ސުޕްރީމް ކޯޓު