ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން މި އަހަރުގެ މެއި 10 ވަނަ ދުވަހުގެ ކުރިން ބޭއްލުމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ދެންމެ ބުނެފި އެވެ.
02 ފެބުރުއަރީ 2024
ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން މި އަހަރުގެ މެއި 10 ވަނަ ދުވަހުގެ ކުރިން ބޭއްލުމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ދެންމެ ބުނެފި އެވެ.
އެ ގޮތަށް އިންޑިއާ ސަރުކާރުން އެއްބަސްވީ ދިވެހި ސަރުކާރުން ބުނިގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޯ ގްރޫޕް" ގެ ދެވަނަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ބޭއްވީ މިއަދު އިންޑިއާގެ ނިއު ދިއްލީގަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ވަފުދެއް މިހާރު ތިބީ އެ ބައްދަލުވުމަށް ދިއްލީގަ އެވެ.
ބައްދަލުވުމަށް ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބިއިރު، އޭގެ ތެރެއިން އެއް ސަރަހައްދުގައި ތިބި ސިފައިން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އިން ބޭލުމަށް އިންޑިއާ އިން މިއަދު އެއްބަސްވި ކަމަށެވެ.
ބާކީ ދެ ސަރަހައްދުގައި ތިބި ސިފައިން ވެސް މި އަހަރުގެ މެއި 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭން ބަލަން އިންޑިއާ ސަރުކާރުން މިއަދުގެ ބައްދަލުވުމުގައި އެއްބަސްވި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.ޮ
1- މި އަހަރުގެ މޭ 10 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ އިން ގެންދަން އިންޑިއާ އިން އެއްބަސްވި.
2- ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ތިބޭ. އޭގެ ތެރެއިން އެއް ސަރަހައްދުގައި ތިބޭ ސިފައިން އަންނަ މާޗު މަހުގެ 10 ގެ ނިޔަލަށް އިންޑިއަ އަށް ގެންދަން އެ ގައުމުން އެއްބަސްވި.
3- ދެ ގައުމުގެ ގުޅުން ބަދަހިކުރަން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރި. ހާއްސަކޮށް ޑިފެންސާއި ސެކިއުރިޓީ ކޯޕަރޭޝަނާއި އިގްތިސޯދީ އަދި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ މަޝްވަރާތައް ކުރި.
ނަމަވެސް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި އިންޑިއާގެ ސިފައިންނާ ގުޅޭ އެއްވެސް ކަމެއް ފާހަގަކޮށްފައެއް ނެތެވެ. އޭގެ ބަދަލުގައި އެ ބަޔާނުގައި ބުނީ، މިއަދުގެ ބައްދަލުވުމުގައި ދެ ގައުމުން ވަނީ އިންޑިއާގެ އުޅަނދުތަކުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ "ވޯކަބަލް ސޮލިއުޝަންސް"ތަކަކަށް އެއްބަސްވެފައި ކަމަށެވެ.
ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި މިހާރު ރާއްޖޭގައި އިންޑިއާ އިން ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށް އިންޑިއާގެ ސަރުކާރުގެ ބަޔާނުގައި ވެ އެވެ.
ކޯ ގްރޫޕްގެ ތިން ވަނަ ބައްދަލުވުން އޮންނާނީ މާލޭގައި ކަމަށް ވެސް އިންޑިއާގެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ބުނީ ދެ ގައުމުގެ ގުޅުން ބަދަހިކުރަން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށާއި ހާއްސަކޮށް ޑިފެންސް އަދި ސެކިއުރިޓީ ކޯޕަރޭޝަނާއި އިގްތިސޯދީ އަދި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ މަޝްވަރާތައް ކުރި ކަމަށެވެ.
ރައީސް ޑރ. މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުމުގައި ރާއްޖެ އިން އޮތީ އިންޑިއާ އަށް ހުށަހަޅައިފަ އެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު، ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވާ ކަމަށެވެ.
އެކަމަކު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އޭރު ނެރުނު ބަޔާނުގައި ބުނީ، އިންސާނީ އެހީތެރިކަމަށާއި މެޑިކަލް ބޭނުންތަކަށް އޮޕަރޭޓްކުރާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމަށް ދެ ގައުމުން ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ވައިގެ އުޅަނދުތައް ދުއްވުމުގައި އިންޑިއާގެ މިލިޓަރީ މީހުން ތިބި ނަމަ ރާއްޖެ ދޫކޮށް ދާންޖެހޭނެ ކަމަށާއި އެކަމަކު ސިވިލް މީހުން އެކަމުގައި ތިބުން އެންމެ ރަނގަޅު ކަމަށް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަން ހާމަކުރައްވައިފަ އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މަހު ފަށަން ނިންމަވައި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަކަން ހާމަކުރައްވައިފަ އެވެ. އެކަން ކުރަނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް 8 ގެ ދެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލު ކޮށްގެންނެވެ.
އެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އަންނަ މަހުން ފެށިގެން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ކުއްލި އަވަސް ފަރުވާ އާއި އެހެނިހެން ކަންކަމަށް ހެލިކޮޕްޓަރުގެ ހިދުމަތް ތައާރަފު ކުރަން ވެސް ސަރުކާރުން ވަނީ ނިންމައި އިއުލާނުކޮށްފަ އެވެ.
އިންޑިއާ ސިފައިން ބާލައި، ގެންނަނީ މަދަނީ މީހުން!
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފައިބައިފި
އިންޑިއާ ސިފައިންގެ ފަހު ބެޗު ފުރާނެ ކަމުގެ ޔަގީންކަން
އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ރާއްޖެ އިން ފައިބައިފި
އިންޑިއާ ސިފައިން ބޭލުމުގެ އެއްބަސްވުން ހާމަ ނުކުރި!
ރައީސް ބޭނުންވަނީ އިންޑިއާ އިން ލުއި ގޮތްތަކެއް!
އިންޑިއާގެ އިތުރު ސިފައިންތަކެއް އަންނަ މަހު ފޮނުވާލަނީ
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
ސިފައިން ފައިބައި، އުޅަނދުތައް ދުއްވާނީ ސިވިލިއަނުން