Roadha Mihaaru
ސިފައިން ފައިބައި، އުޅަނދުތައް ދުއްވާނީ ސިވިލިއަނުން

އިންޑިއާ ސިފައިން ފައިބައި، އުޅަނދުތައް ދުއްވާނީ އެ ގައުމުގެ ސިވިލިއަނުން: ދިވެހި ސަރުކާރު

08 ފެބުރުއަރީ 2024

ރާއްޖޭގެ ތިން ސަރަަހައްދެއްގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން ދެ ސަރުކާރުން އެއްބަސްވި ތާރީހަށް ފައިބައި، އިންޑިއާގެ ތިން އުޅަނދު ދުއްވަން އޭގެ ފަހުން ތިބޭނީ އެ ގައުމުގެ ސިވިލިއަނުން ކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ ތިން ސަރަަހައްދެއްގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން ދެ ސަރުކާރުން އެއްބަސްވި ތާރީހަށް ފައިބައި، އިންޑިއާގެ ތިން އުޅަނދު ދުއްވަން އޭގެ ފަހުން ތިބޭނީ އެ ގައުމުގެ ސިވިލިއަނުން ކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓް ދުއްވަން އިންޑިއާގެ ސިވިލިއަނުން ބައިތިއްބަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެއީ އިންޑިއާގެ ސިފައިންގެ ބަދަލުގަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ތިން އުޅަނދު ވެސް ފޮނުވާނުލާ ރާއްޖޭގައި ބޭނުން ކުރާނެ އެވެ.

"އެ ކަން ކުރާނީ ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތިން. މައްސަލައަކަށް ވެގެން މި އުޅެނީ ރާއްޖޭގައި ބޭރުގެ މިލިޓަރީ މީހުން ގާއިމުވެ ތިބުން. އެއްވެސް ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބޭ ގޮތަށް ހަމަޖެހުމުގައި ދިވެހި ސަރުކާރުގެ މައްސަލައެއް އެއްވެސް އިރަކު ނެތް،" ދިވެހި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާގެ މަތީ ފެންވަރުގެ މަޝްވަރާތަކުގައި އެންމެ ފަހުން އެއްބަސްވެފައި ވަނީ ރާއްޖޭގެ އެއް ޕްލެޓްފޯމެއްގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން އަންނަ މަހުގެ 10 ގެ ނިޔަލަށް ބޭލުމަށެވެ. އަނެއް ދެ ޕްލެޓްފޯމުގައި ތިބި އިންޑިއާގެ ސިފައިން ފައިބައިގެން ދާން އެއްބަސްވީ މި އަހަރުގެ މޭ 10 ގެ ނިޔަލަށެވެ.

"ފުރަތަމަ ފުރައިގެން ދާނީ އައްޑޫގައި ތިބި އިންޑިއާގެ ސިފައިން. އޭގެ ފަހުން އަނެއް ދެ ޕްލެޓްފޯމުގެ މީހުން މޭ 10 ގެ ކުރިން ފުރައިގެން ދާނެ. އެ މީހުން ފުރައިގެން ދިއުމުން ސިވިލިއަނުން އަންނަން ފަށާނެ،" ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.

ދިވެހި ސަރުކާރުން މިހެން ބުނިއިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުގައި އިންޑިއާގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ސިފައިންގެ ބަދަލުގައި ރާއްޖެ ފޮނުވާނީ އިންޑިއާގެ ގާބިލް ޓެކްނިކަލް މީހުން ކަމަށެވެ.

"އިންޑިއާ ސިފައިންގެ ބަދަލުގައި ރާއްޖެ ފޮނުވާނީ އިންޑިއާގެ ޓެކްނިކަލް މީހުން،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު: ރާއްޖެ ފޮނުވާނީ ޓެކްނިކަލް މީހުން ކަމަށް ވިދާޅުވި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު: ރާއްޖެ ފޮނުވާނީ ޓެކްނިކަލް މީހުން ކަމަށް ވިދާޅުވި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޯ ގްރޫޕް" ގެ ދެ ވަނަ ބައްދަލުވުމަށް ފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އިންޑިއާގެ އުޅަނދުތަކުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ "ވޯކަބަލް ސޮލިއުޝަންސް"ތަކަކަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

އިންޑިއާ-ރާއްޖެ ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުމަށްފަހު، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އޭރު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިންގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓް ކުރަން މަދަނީ މީހުން ތިބުން މަައްސަލައެއް ނެތް ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާނެ ކަމަށެވެ.

ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އިންޑިއާ އިން ހަދިޔާ ކުރި އުޅަނދުތައް އޮޕަރޭޓް ކުރަންް ދިވެހިން ތަމްރީނު ކުރައްވާނެ ކަމަށާއި އެކަމަށް ގާބިލް ދިވެހިން އެބަ ތިބި ކަމަށެވެ. އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވައިލުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ރައީސް ޑރ. މުއިއްޒު ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މަހު ފަށަން ނިންމަވައި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަކަން ހާމަކުރައްވައިފަ އެވެ. އެކަން ކުރަނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް 8 ގެ ދެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލު ކޮށްގެންނެވެ.

އެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އަންނަ މަހުން ފެށިގެން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ކުއްލި އަވަސް ފަރުވާ އާއި އެހެނިހެން ކަންކަމަށް ހެލިކޮޕްޓަރުގެ ހިދުމަތް ތައާރަފު ކުރަން ވެސް ސަރުކާރުން ވަނީ ނިންމައި އިއުލާނުކޮށްފަ އެވެ.