ކުރީގެ ރައީސް މައުމޫން އަަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވެސް އުނިކޮށްފި އެވެ.
29 ޖެނުއަރީ 2025
ކުރީގެ ރައީސް މައުމޫން އަަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވެސް އުނިކޮށްފި އެވެ.
ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ އަދަދު ކަމަށްވާ 3،000 މެމްބަރުން އެ ޕާޓީ އަށް ހަމަކުރެވިފައި ނުވާތީ، އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފަ އެވެ.
އެއަށް ފަހު އެ ކޮމިޝަނުން މި ފަހުން ވަނީ އެ ޕާޓީގެ ދަރަންޏެއް އޮތްތޯ ބެލުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި މިއަދު އީސީން ކުރި އިއުލާނެއްގައި ބުނީ 3،000 މެންބަރުން ހަމަކުރަން ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ، އެމްއާރްއެމް އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.
އެ ކޮމިޝަންގެ މި ނިންމުން ގެޒެޓު ކުރުމާއެކު އެމްއާރްއެމްގެ މުސްތަޝާރުގެ މަގާމުގައި ހުންނެވި މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަމަލެއް ބަލައެއް ނުގަންނަވާނެ ކަމަށެވެ.
އެއްވެސް ފަރާތަކުން ޤާނޫނާޤަވާޢިދާ ޚިލާފަށް ކުރާ ޢަމަލެއް ބަލައެއް ނުގަންނާނަމެވެ.
— Maumoon Abdul Gayoom (@maumoonagayoom) January 29, 2025
އެމްއާރްއެމްގައި 3،000 މެންބަރުން ހަމަނުވާ ކަމަށާއި ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ އެ އަދަދު ފުރިހަމަކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް މެމްބަރުން ހަމަކޮށްފައި ނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ މޭ މަހު އެވެ.
އެ ނިންމުމާ ގުޅިގެން އެ ޕާޓީގެ ރައީސް އަދި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ވެސް އަމިއްލަ ގޮތުންނެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ފާރިސް އަމިއްލަ ގޮތުން ވާދަކުރެއްވި އެވެ.
ޕާޓީ އުވާލަން ކުރިން ނިންމި ނިންމުން މިދިޔަ އަހަރު ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ޕާޓީ އުވާލަން އީސީން ދީފައިވާ ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށެވެ.
"އެ މާއްދާއިން ކޮންމެ ހަ މަހަކުން އެއް ފަހަރު މެންބަރުންގެ އަދަދު ކަށަވަރުކޮށްދޭން ޖެހޭ ނޯޓިސް ދިނުމުގައި އަމަލުކުރަން ޖެހޭ ޒިންމާދާރު ގޮތަށް މާޒީގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން ނުކޮށް ހުރި ކަމެއްގެ ގެއްލުމަކީ އެމްއާރްއެމް އިން އުފުލަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތެއް ނޫން،" ކަމަށް ހުކުމްގައިވެ އެވެ.
އެމްއާރްއެމް އަށް 3،000 މެންބަރުން ހަމަކުރަން އަންގައި މިދިޔަ ފެބްރުއަރީ މަހު ފޮނުވި ނޯޓިސްގައި މެންބަރުންގެ އަދަދު ކަމަށް ކޮމިޝަނުން އަންގާފައިވަނީ 2،981 އެވެ. އެ ޕާޓީން މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ އެ އަދަދަށް ބަލައިގެންނެވެ. އަދި އެ ނޯޓިސް އިން ޕްރޮސެސް ނުކުރާ ފޯމްތަކެއް ހުރިކަން ވެސް އެނގެން ނެތް އިރު، ނޯޓިސްގެ މުއްދަތުގައި ޕާޓީން މެންބަރުން އުނި އިތުރުކޮށްފައިވާކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
އަދި ބައެއް ފޯމްތައް ޕްރޮސެސް ކުރުމުގައި އެކަށޭނަ ލަސްވުން ހިމެނޭ ކަމަށް ވެސް ބުންޏެވެ. އެ ހުރިހާ ކަމެއް އެހެން ހުއްޓައި، އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ޕާޓީ އުވާލަން ނިންމައި ފޮނުވި ސިޓީ އާއި އެ ފަހުން އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާފައިވާ ހުރިހާ ކަމެއް ސިވިލް ކޯޓުން ބާތިލްކުރި އެވެ.
ޕާޓީ އުވާލަން ނިންމީ ގާނޫނާ ހިލާފަށް: އެމްއާރްއެމް
އެމްއާރްއެމް އުވާލަން ދަރަންޏެއް އޮތްތޯ ބަލަނީ
މައުމޫންގެ އެމްއާރްއެމް އުވާލަން އަނެއްކާވެސް ނިންމައިފި
އެމްއާރްއެމް އުވާލަން ނިންމީ ގާނޫނާ ހިލާފަށް: ހުކުމް
ފާރިސްގެ ރަނިންމޭޓަކަށް ޑރ. ސައްތާރު
އެމްއާރުއެމްގެ ގާނޫނީ ސުވާލާ ހެދި ފާރިސް ސޮއި ހޯދަނީ
ވިސްނުން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް، ހުރަހަކީ އީސީ!
އިދިކޮޅު ޕާޓީތަކުން އީސީ އަށް އިތުބާރެއް ނުކުރޭ
"އީސީގެ އަމަލުތަކުން އިންތިހާބު އިންސާފުވެރި ނުވާނެ"
އެމްއާރުއެމް އުވާލުން މަޑުޖައްސާލަން އަމުރެއް ނެރެފި