Roadha Mihaaru
ރޯދައަށް ގެ ސާފުކުރިއިރު، މާލެ ގޮނޑުވެއްޖެ

ރޯދައަށް ގެ ސާފުކުރިއިރު، މާލެ ގޮނޑުވެއްޖެ

06 މާޗް 2024

ރޯދަ މަހާ ދިމާކޮށް ގެތައް ސާފުކޮށްފައި ނެރެފައިވާ ކުނިތަކުން މާލޭގެ މަގުތައް ވަރަށް ބޮޑަށް ގޮނޑުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރޯދަ މަހާ ދިމާކޮށް ގެތައް ސާފުކޮށްފައި ނެރެފައިވާ ކުނިތަކުން މާލޭގެ މަގުތައް ވަރަށް ބޮޑަށް ގޮނޑުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ގެތައް ސާފުކުރުމަކީ އާންމު ކަމެކެވެ. މިގޮތަށް ސާފުކުރާއިރު ގޭގައި ކުލަލައި، އަދި ބާވެފައި ހުންނަ ފަރުނީޗަރުތައް ވެސް އާ ކުރާއިރު އާންމުކޮށް މި ސާމާނު ނެރެފައި ހުންނަނީ ގޭގެ ގޯޅިގަނޑަށް ނުވަތަ މަގުމައްޗަށެވެ.

މިހާރު މާލޭގެ އެކި މަގުތަކާއި ކަންކަންމަތީގައި އޮތީ މިގޮތަށް ނެރެފައިވާ މުދާތަކެވެ. ބައެއް މަގުތަކުގައި މިގޮތަށް ކުނިތައް ނެރެފައި ހުންނަތާ ހަފްތާއަކަށް ވުރެ ދުވަސްވީ އެވެ.

މާލޭގައި ކުނިތައް ގިނަވެފައި އޮއްވައި، "މިހާރު" އިން ނަގާފައިވާ ފޮޓޯތަކުން ވެސް ފެންނަނީ ބައެއް މަގުތަކުގައި ޕޭވްމަންޓު މައްޗަށް ވެސް ކުނިތައް ނެރެފައި އޮއްވަ އެވެ. އޭގެ ސަބަބުން ހިނގާ ނުލެވޭ ވަރަށް ޕޭވްމަންޓު އޮތީ ބަންދުވެފަ އެެވެ.

ޕޭވްމަންޓު މައްޗަށް ގިނަ އަދަދަކަށް ކުނި އަޅާފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޕޭވްމަންޓު މައްޗަށް ގިނަ އަދަދަކަށް ކުނި އަޅާފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭގެ އެކި ސަރަހައްދުތަކުގައި ބާ ސޯފާތަކާއި އެނދުގެ ބައިތަކާއި އަވަން ކަހަލަ އެކި ސާމާނުތައް މަގުމައްޗަށް ނެރެފައި އެބަހުއްޓެވެ. އަދި ކުނި އަޅައި ފުރާފައިވާ ގޯނިތަކާއި ގޭބިސީތަކުން ކޮންމެ ދުވަހަކު ނެރޭ ކުނިވާ ޒާތުގެ ކުނިތައް ވެސް މީގެ ތެރެއަށް އަޅާފައި އެބަ ހުއްޓެވެ.

ގޭތައް ސާފުކުރުމަށް ފަހު މަގަކަށް ނެރެފައިވާ ކުނިތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގޭތައް ސާފުކުރުމަށް ފަހު މަގަކަށް ނެރެފައިވާ ކުނިތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭގެ އެންމެ ކާރޫބޮޑު މަގުތަކުގެ ތެރޭގައި ހިމެނޭ، މާވެޔޮ މަގާއި ސޯސަން މަގު ކަހަލަ މަގުތަކުގައި ވެސް މިގޮތަށް ކުނި ނެރެފައި ހުރިއިރު ފްރިޖާއި ޓީވީ ފަދަ ސާމާނުތައް ގަނެފައި، އޭގެ ފޮށިތައް އުކާލުމުގެ ބަދަލުގައި ހުރީ ޕޭވްމަންޓު މައްޗަށްވާ ގޮތަށް ބަހައްޓަައިފަ އެވެ.

މިގޮތަށް ބޮޑު ކުނި ފުންޏެއް، މާލޭގެ ކޯރުކެނޑި މަގާއި ރާވެރި ހިނގުން ގުޅޭ ސަރަހައްދުގައި އޮތްއިރު އެ ގޯޅިން މީހުން ނިކުންނަން ޖެހެނީ ވެސް އެކުނިތަކުގެ ތެރެއިންނެވެ. ނުނަގާ ގިނަ ދުވަސްވުމުގެ ސަބަބުން ކުނިތައް އޮތީ މުޅި މަގަށް ފެތުރިފަ އެވެ. އެކަމަކު އެވަރުން ވެސް މީހުން އެ މަގަށް ކުނި އިތުރަށް ދަނީ އަޅަމުންނެވެ.

މަގުތަކަށް ހުސް ފޮށިތަކެއް ނެރެފައި: މިގޮތަށް މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ނެރެފައި އެބަ ހުރި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މަގުތަކަށް ހުސް ފޮށިތަކެއް ނެރެފައި: މިގޮތަށް މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ނެރެފައި އެބަ ހުރި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭގެ އިންޑަސްޓްރިއަލް ޒޯނަށް ބަލާއިރު އެ ސަރަހައްދުގެ އެކި ތަންތަނަށް އޮތީ ކުނި އަޅާ ފުރައިފަ އެވެ. އިންޓަސްޓްރިއަލް ޒޯނަކީ ވެމްކޯ އިން މާލެއިން ނަގާ ހުރިހާ ކުނިތައް ގެންގޮސް ބަހައްޓާ ސައިޓު ވެސް ހުންނަ ތަނެވެ. އެކަމަކު އެ ސައިޓު ކައިރީގައި ވެސް ބޮޑު ކުނި ފުންޏެއް އެބަ ހުއްޓެވެ. އެތަނުގައި ވެސް ހުސް ފޮށިތަކާއި ކުނި ކޮތަޅުތަކާއި ގޭގެއިން ނެރެފައިވާ ބާ ފަރުނީޗަރުތައް އެބަ ހުއްޓެވެ.

މާލޭ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދަށް ގިނަ އަދަދެއްގެ ކުނި އަޅާފައި. އެ ސަރަހައްދުގެ އެކި ތަންތަނަށް ވަނީ މިގޮތަށް ކުނި އަޅައި ފުރާފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދަށް ގިނަ އަދަދެއްގެ ކުނި އަޅާފައި. އެ ސަރަހައްދުގެ އެކި ތަންތަނަށް ވަނީ މިގޮތަށް ކުނި އަޅައި ފުރާފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މީހުން އެތަނަށް ކުނި އަޅަނީ، ވެމްކޯ ސައިޓަށް ކުނި ހިފައިގެން ދިއުމުން ފީއެއް ނަގާތީ އެ ނުދައްކާ ކުނިތައް ގެއިން ނެރެވޭނެ ގޮތެއް ހޯދަންވެގެންނެވެ.

މާލޭގެ މަގުތަކުގައި ކުނި ގިނަވެފައިވާއިރު އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް، "މިހާރު" އަށް ވިދާޅުވީ މާލޭގެ މަގުތަކުން ކުނިތައް ނެގުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. އެކަމަކު ކޮންމެ ދުވަހަކު ވެސް ކުނި ނަގަމުންދާ ވަރަކަށް މަގުތަކަށް ކުނި އަޅަމުންދާތީ އެކަމުގެ ކަންބޮޑުވުން އާޒިމް ފާހަގަކުރެއްވި އެވެ.

އެކަމަކު މިހާރު ފުލުހުންނާ ގުޅިގެން ކުނިތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެކަމަށް ބޭނުންވާ އިތުރު ލޮރީތައް ވެސް ނެރެފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ހަމަ ނަގާއިރަށް އަނެއް ދުވަހު އަޅަމުން މިދަނީ. ރޯދައަށް ގޭތެރެ ސާފުކޮށްފައި ހަމަ ކުނި އަޅަނީ. އެކަމަކު އިތުރު ލޮރީތައް މިއަދު ނެރެގެން ކުނިތައް ނެގުމުގެ މަސައްކަތް މިހާރު މި ކުރަނީ."

އާޒިމް ވިދާޅުވި ގޮތުގައި އެކަން ދިމާވަނީ ދިވެހިން، ބޭރު މީހުންނަށް ކުޑަ އަގު ދީފައި ކުނި އުކުމުގެ މަސައްކަތްކުރާތީ އެވެ.