Roadha Mihaaru
21 އަހަރަށް ފަހު ހަބީބް އީސީން ވަކިވެވަޑައިގެންފި

21 އަހަރަށް ފަހު ހަބީބްގެ ދައުރު ހަމަވެ އީސީން ވަކިވެވަޑައިގެންފި

13 މާޗް 2024

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހިދުމަތް ކުރައްވާތާ 21 އަހަރަށް ފަހު، ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެ ކޮމިޝަނުން ވަކިވެވަޑައިގެންފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހިދުމަތް ކުރައްވާތާ 21 އަހަރަށް ފަހު، ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެ ކޮމިޝަނުން ވަކިވެވަޑައިގެންފި އެވެ.

އީސީން އޭނާ ވަކިވެވަޑައިގަތީ ކޮމިޝަންގެ މެމްބަރު ކަމުގައި ދެ ދައުރު ހަމަވުމުންނެވެ. ފަސް އަހަރުގެ ދެ ދައުރު އޭނާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ. ގާނޫނުގައިވާ ގޮތުން މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ.

އިލެކްޝަންސް ކޮމިޝަން މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން ކުރީ މާޗު 13، 2013 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ފުރަތަމަ ދައުރު ހަމަވެ ދެ ވަނަ ދައުރަށް އައްޔަން ކުރީ 2019 ގަ އެވެ.

އިލެކްޝަންސް ކޮމިޝަން މެންބަރު ކަމަށް އައްޔަން ކުރުމުގެ ކުރިން ވެސް ހަބީބް ވަނީ އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.

ދައުރު ހަމަވުމާ ގުޅިގެން "އެކްސް" ގައި ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުނު މި ތަޖުރިބާތަކަކީ ދެމިހުންނާނެ ތަޖުރިބާތަކެއް ކަމަށެވެ.

މި މުއްދަތުގައި ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނާއި، މުއައްސަސާތަކުންނާއި ނޫސްވެރިންގެ އިތުރުން ސިޔާސީ ޕާޓީތަކުން އޭނާއަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި އެވެ.

ހަބީބްގެ ބަދަލުގައި އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް މަޖިލީހަށް ވަނީ ނަން ފޮނުވައިފަ އެވެ.