14 މާޗް 2024
އާންމު އިންތިހާބުތަކާ ބެހޭ އިދާރާގައި މަސައްކަތް ކުރައްވަމުން ގެންދެވި އިސްމާއީލް ހަބީބަށް އެ ދުވަހު ލިބުނީ ނޫކުލައިގެ ސިޓީ އުރައެކެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުވަތަ ޑީއާރުޕީގެ ޒައީމް ސޮއިކުރައްވައި އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ފޮނުވި ސިޓީ އެވެ. އެ ދުވަސްވަރު މުހިންމު މީހުންނަށް ނޫނީ ނުލިބޭ ފަދަ ދައުވަތެކެވެ.
އާންމު އިންތިހާބުތަކާ ބެހޭ އިދާރާގައި މަސައްކަތް ކުރައްވަމުން ގެންދެވި އިސްމާއީލް ހަބީބަށް އެ ދުވަހު ލިބުނީ ނޫކުލައިގެ ސިޓީ އުރައެކެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުވަތަ ޑީއާރުޕީގެ ޒައީމް ސޮއިކުރައްވައި އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ފޮނުވި ސިޓީ އެވެ. އެ ދުވަސްވަރު މުހިންމު މީހުންނަށް ނޫނީ ނުލިބޭ ފަދަ ދައުވަތެކެވެ.
ސިޔާސީ މަސްރަހު އެންމެ ހޫނުގަދަވި އެ ދުވަސްވަރު ހަބީބަށް އޮތީ ދެ ގޮތެކެވެ. ނޫކުލަޔާ ގުޅިގެން ސިޔާސީ ދާއިރާއިން ކުރިއަށް ދިއުން ނުވަތަ ވަކި ކުލައެއްގައި ނުޖެހި މުސްތަގިއްލު ކަމާ އެކު އިލެކްޝަންސް ކޮމިޝަންގައި ކުރިއަށް ދިއުމެވެ.
ހަބީބްގެ ނިންމެވީ ރާއްޖޭގައި އަލަށް އުފެދުނު ސިޔާސީ ޕާޓީއަކަށް ވަންނަވައި އެ ނިޒާމު ތަޖުރިބާކުރެއްވުމަށް ވުރެން ގައުމީ ހިދުމަތުގައި ކުރިއަށް ވަޑައިގަތުމަށެވެ.
ހަބީބަށް އޮތް ހިތްހަމަޖެހުމަކީ އޭނާ ވިދާޅުވާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުގެ ގިނަ މަސައްކަތްތަކުގެ ތެރެއިން 21 އަހަރަށް ފަހު ނުކުމެވަޑައިގަތް އިރު ސިޔާސީ ދިލަ ހޫނުގައި ނުޖެހި ނުކުންނެވުމެވެ. އިލެކްޝަންސް ކޮމިޝަނުން ހަބީބު އަލްވަދާއު ވިދާޅުވީ މެމްބަރު ކަމުގެ ދެ ދައުރަށް ފަހު އެވެ.
ގައުމީ ހިދުމަތް އެ ދުވަހު އިސްކުރެއްވުނީތީ ހަބީބް އުފާވެ އެވެ. ވަކި ޕާޓީއަކަށް ވަކި ކުލައަކަށް ނުޖެހި، މިނިވަން މުސްތަގިއްލުކަމުގެ ނަމޫނާ ދައްކަވައި އެތައް ބައެއްގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގަތުމަކީ 21 އަހަރުގެ ހިދުމަތުގައި ހަބީބުގެ އެންމެ ބޮޑު ކާމިޔާބީ އެވެ.
ހަބީބް ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ގައުމީ ހިދުމަތުގެ ފެށުމަކީ 1980 ގެ އަހަރުތަކުގައި އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި، މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިނެވެ. އުފަން ރަށް ގއ. ކޮލަމާފުށީގައި ހުންނަވަނިކޮށް، އެ ރަށު ކަތީބު، ހަބީބްގެ ބައްޕާފުޅު އަރިހުގައި ދަންނަވައިގެން ހަބީބް ކިޔަވަން މާލެ ވަޑައިގަތުމަށް މަގުފަހިކޮށްދެއްވީ ޒާހިރެވެ.
"ޒާހިރުގެ ރިކުއެސްޓާ އެކީގައި އަޅުގަނޑު މާލެ އައީ، ފުރަތަމަ ހެދީ ޓީޗިން. ޓީޗިން ހަދާފައި ޓީޗަރަކަށް އުޅެފައި ހެޑް ޓީޗަރަކަށް އުޅެފައި އަޅުގަނޑު ބަދަލުވީ މާލެއަށް. ނުރަސްމީ ތައުލީމު ދޭ މަރުކަޒަށް އެ ތަނުގައި ޓީޗާ އެޑިއުކޭޓާ ކޯޑިނޭޓަރަކަށް އުޅެފައި ފަހުން ނުރަސްމީ ތައުލީމު ދޭ މަރުކަޒުގެ ޑިރެކްޓަރަކަށް އަޅުގަނޑު ހުރީ،" ހަބީބްގެ ހިދުމަތުގެ ފެށުން "މިހާރު" އަށް ކިޔައިދެއްވަމުން ވިދާޅުވި އެވެ.
ހަބީބް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އީސީގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ދުވަސްވަރަކީ އިންތިހާބުތަކުގެ މަސައްކަތް ނުރަސްމީ ތައުލީމު ދޭ މަރުކަޒާއި އީޑީސީ ގުޅިގެން ހިންގި ޒަމާނެެވެ. އޭރު އިލެކްޝަންސްގައި މަސައްކަތް ކުރަނީ ދެ ތިން މުވައްޒަފުންނެވެ. އިތުރަށް ތިބެނީ މުޅިން ވެސް އެހެން އޮފީސްތަކުން ވީއްލައިގެން އިންތިހާބުތަކަށް ގެންދާ މުވައްޒަފުންނެވެ.
ހަބީބް ވެސް އިލެކްޝަންސްގައި މަސައްކަތް ފެއްޓެވީ އެފަދަ ގޮތަކަށެވެ. ނުރަސްމީ ތައުލީމު ދޭ މަރުކަޒުގައި މަސައްކަތް ކުރައްވަމުން އިލެކްޝަންސްގެ މަސައްކަތް ކުރައްވަން ފެއްޓެވީ 2003 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ޖަލްސާތަކުގެ ޔައުމިއްޔާ ލިއުއްވުމެވެ.
އިލެކްޝަންސް ކޮމިޝަންގެ މަސައްކަތުގައި ހަބީބް 2004 ގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ. --
ހަބީބަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައި ވުމުން، ހަބީބަށް ދެން ޖެހިވަޑައިގަތީ އެ ކޮމިޝަނުގެ ހިންގާ ހޭލުންތެރި ކުރުވުމުގެ މަސައްކަތުގައި އުޅުއްވާށެވެ. އެއީ އޭރު ކޮމިޝަން ހިންގަވަން ހުންނެވި ރަޝާދު އެދިވަޑައިގަތް ގޮތެވެ.
"ރަޝާދު ބޭނުންފުޅުވީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރޭގައި އަޅުގަނޑު ގެންގުޅެން އަދި އޮފިޝަލުންގެ ޓްރެއިނިން ހިންގާއިރު ޓްރެއިނާ އިފް ޓްރެއިނާސް ހިންގާއިރު އިސްކޮށް މަސައްކަތް ކުރަން،" ހަބީބް ވިދާޅުވި އެވެ.
އިލެކްޝަންގެ މަސައްކަތަށް 2003 ވަނަ އަހަރު ވީއްލުނު ގޮތަށް ޓާސްކްފޯސްގައި ވަގުތީ ގޮތުން 2007 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރެއްވި އެވެ. ދާއިމީ ގޮތުން އިލެކްޝަންސް ކޮމިޝަނާ ހަބީބް ގުޅިވަޑައިގަތީ 2007 ގައި ބޭއްވި ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓާ ދިމާކޮށެވެ. ކޮމިޝަނަރަކަށް އޭރު ހުންނެވީ މަރުހޫމް ކާފްދާލް އަހުމަދު މަނިކެވެ.
ހަބީބް އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އިލެކްޝަންސް ކޮމިޝަނުން ރިޓަޔާ ކުރެއްވީ 21 އަހަރުގެ ހިދުމަތަށް ފަހު. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ތައުލީމީ ދާއިރާގައި އެހާ ދުވަހު މަސައްކަތް ކުރައްވާފައިވާތީ އެ ތަނުން ހަބީބް ދޫކޮށްލައްވަން އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރު ބޭނުންފުޅު ވެސް ނުވި އެވެ. ދާއިމީކޮށް އިލެކްޝަންސް ކޮމިޝަނަށް ބަދަލުވާން އެދިވަޑައިގަތުމުން ޒާހިޔާ އެ ހުއްދަ ފުރަތަމަ ނުދެއްވި އެވެ. އެ ތަނަށް ފޮނުވަން އެއްބަސްވެވަޑައިގަތީ ކާފް ދާލް ގުޅުއްވާފައި އިލެކްޝަނަށް ހަބީބް ދާއިމީ ކުރާނީ ވަގުތީ ގޮތުން ކަމަށް ވައުދުވުމުން ކަމަށް ހަބީބް ވިދާޅުވި އެވެ.
"އެ ވައުދާ އެކީގައި އަޅުގަނޑު އިލެކްޝަނަށް ބަދަލުވީ. ދެން އޭގެ ފަހުން ޒާހިޔާ ވެސް އެޑިއުކޭޝަނުން ވަޑައިގަތީ އަޅުގަނޑު ވެސް ފެންނަ ނުފެންނަ ވޯޓަށް ފަހުގައި ކޮމިޝަންގެ މުސްތަގިއްލު ކޮމިޓީއަށް އައީ،" 21 އަހަރު އިލެކްޝަންސްގައި މަސައްކަތް ކުރެއްވި ހަބީބް ވިދާޅުވި އެވެ.
އަހަރުތަކެއް ކުރިން ހަބީބް އިލެކްޝަންސްގެ ޓްރެއިނިން އެއްގައި --
ހަބީބަށް އޭރު ހުށަހެޅުނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ކޮމިޝަނަރުގެ މަގާމެވެ. ނަމަވެސް، އެއީ މިނިވަން މުވައްސަސާތައް ގާނޫނުގެ ތެރެއިން އެކުލަވާނުލެވޭ ޒަމާން ކަމުން ކޮމިޝަންގައި ވެސް އޭރު ތިއްބަވަނީ ސިޔާސީ ބޭފުޅުންނެވެ.
"ކާފް ދާލް ބޭނުންފުޅުވީ އިލެކްޝަން ކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އަޅުގަނޑު ގެންދަން. އަޅުގަނޑު ދަންނަވައިފިން ސިޔާސީ މަގާމުތަކަށް އަޅުގަނޑަށް އެހާ ހިތްގައިމެއް ނޫނޭ، ޓެކްނިކަލް ކަމެއް ވެއްޖެއްޔާ އަޅުގަނޑު ގޮސްދާނަމޭ. އެ ތަނުގެ އެކްޒެކްޓިވް ޑައިރެކްޓަކަށް ދިޔައީ. އެޑިއުކޭޝަން ދާއިރާގައި 19 އަހަރު މަސައްކަތް ކޮށްފައި،" ހަބީބް ވިދާޅުވި އެވެ.
އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންގެ 100 ޕަސެންޓު ތާއީދާއެކުގައޭ އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް މިކުރީ، ނަޒާހާތްތެރިކަމާއެކީގައޭ. އަޅުގަނޑު ނުހުންނާނެ ސިޔާސީ މީހުންނާއެކުގައި އުޅެފައެއް: ހަބީބް
ހަބީބްގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިންތިހާބީ ނިޒާމަށް ގެނެވުނު ރަނގަޅު ބަދަލުތަކެއް --
އެގްޒެކެޓިވް ޑައިރެކްޓަރަކަށް ގުޅިވަޑައިގަތުމަށް ފަހު ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްކަން ވެސް ހަބީބް ކުރެއްވި އެވެ. ކޮމިޝަންގެ މެންބަރަކަށް ފުރަތަމަ ގުޅިވަޑައިގަތީ 2013ގަ އެވެ.
ސިޔާސީ ވާދަވެރިކަން އިންތިހާއަށް އޮތް ޒަމާނެއްގައި އިލެކްޝަންސް ކޮމިޝަންގައި ވަކިކޮޅަކަށް ނުޖެހި، އެގޮތުގައި ސާބިތުވެ ހުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކި ފަރާތްތަކުން އަންނަ ނުފޫޒާއި ފިއްތުންތަކުގެ ވާހަކަތައް އަޑު އިވެ އެވެ.
އެކަމަކު ހަބީބް ވިދާޅުވީ އޭނާ އެފަދަ އެއްވެސް ނުފޫޒެއްގައި ޖެހިފައިނުވާނެ ކަމަށެވެ. އެފަދަ ނުފޫޒެއް ނުވެސް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭނާއަށް ވެސް އެފަދަ ތުހުމަތުތައް އަމާޒުވި އެވެ. އަންހެނުންގެ ޑޮލަރު އެކައުންޓަށް ފަސް މިލިއަން ޑޮލަރު ޖަމާކުރި ކަމުގެ ތުހުމަތާ އެކު، ވަގަށް ވެސް ގޮވި އެވެ. އެކަމަކު ހަބީބް ވިދާޅުވީ އޭނާގެ އަންހެނުންގެ "ޑޮލަރު އެކައުންޓެއް ނުވެސް އޮންނާނެ" ކަމަށެވެ.
"ދިވެހި އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ އަޅުގަނޑު ހަމަ ރިޝްވަތު ހިފައިގެން އެއްވެސް ކަމެއް ކޮށްފައި އޮންނާނެ ކަމަކަށް. 100 ޕަސެންޓު ހަމަ އަޅުގަނޑަށް ދޭން ކެރޭނެ،" ހަބީބް ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީއަކުން ވެސް ނުފޫޒެއް ނެތް. އަޅުގަނޑުގެ މައްޗަކަށް ނުފޫޒެއް ވެސް ނެތް."
އިންތިހާބެއްގެ ދުވަސްވަރު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ހަރަކާތެއްގައި ހަބީބް ބައިވެރިވެވަޑައިގަންނަވަނީ --
މި ޔަގީންކަން ހަބީބަށް ދެއްވަން ކެރިވަޑައިގަންނަވާ ސަބަބުތައް ބަައިވަރެވެ. ފުރަތަމަ ކަމަކަށް މަޖިލީހުގެ 100 ޕަސެންޓު ހޯދައިގެން މެންބަރު ކަމުގެ ފުރަތަމަ ދައުރަށް ވަޑައިގަތުމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޔަންކުރި ދައުރު ހަމަވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ހަބީބް މެންބަރު ކަމަށް ހަމަޖެއްސުމަށް މަޖިލީހުގެ މުޅި އަޣްލަބިއްޔަތު ލިބުނެވެ.
"ދެ ފަހަރު 100 ޕަސެންޓު ވޯޓާއެކީގައި އައީމާ އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންގެ 100 ޕަސެންޓު ތާއީދާއެކުގައޭ އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް މިކުރީ ނަޒާހާތްތެރިކަމާއެކީގައޭ. އަޅުގަނޑު ނުހުންނާނެ ސިޔާސީ މީހުންނާއެކުގައި އުޅެފައެއް. އަޅުގަނޑު މިއަދާ ހަމައަށް ވޭތުވެދިޔަ 10 އަހަރު ހުވައެއް ކޮށްގެން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތުގައި އުޅުނުނުއިރު ފަހުރުވެރިކަމާއެކުގައި ދަންނަވަން ޖެހޭނެ ސިޔާސީ ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރާނެ އަޅުގަނޑުމެންގެ ތެދުވެރިކަން،" ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ، ރާއްޖޭގައި އެތައް ބައެއްގެ ޒަމާންވީ ބުރަ މަސައްކަތުން ގާއިމް ކުރެވިފައި އޮތީ ވަރަށް ރަނގަޅު އިންތިހާބީ ނިޒާމެއް ކަމަށެވެ. އަދި އީސީގެ ތެރެއިން ގޯހެއް ހެދިދާނެ ކަމަށް ހެޔޮ ވިސްނޭ އެއްވެސް ބޭފުޅަކު ގަބޫލެއް ނުކުރައްވާނެ ކަމަށާއި އޭގެ އެއް ހެއްކަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކަމަށެވެ. އެކި ފިކުރުގެ އެކި މީހުން ތިބިނަމަވެސް، ދެ ފުށް ފެންނަ ގޮތެއްގައި އިންތިހާބުތައް ކުރިއަށް ގެންދެވުމަކީ ހަބީބަށް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ހަބީބްގެ ފުރަތަމަ ދައުރުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ އެކުގައި. --
"އަޅުގަނޑު ވިއްސަކަށް އަހަރަށް ފަހުގައި އިލެކްޝަންސް ކޮމިޝަނުން ނުކުންނައިރުގައި ފަހުރުވެރިކަމާއެކު ދަންނަވަން ކެރޭ ހަމަ އަޅުގަނޑުމެން އިސްކޮށް ތިބެގެން ނިޒާމުގެ އިތުބާރު ރައްޔިތުންގެ މެދުގައި އުފައްދައިފީމޭ. އަދި އެގޮތަށޭ ކުރިއަށް ދާނީ. އެ ޔަގީންކަން އެބައޮތް އަޅުގަނޑަށް. އިލެކްޝަންސް ކޮމިޝަންގެ ހުރިހާ އެންމެން ވަކި ފިކުރެއް. ހުރިހާ މެންބަރުން ވަކި ފިކުރެއް. އެހެންވިޔަސް އިންތިހާބުގެ ކަންކަން ބަދަލެއް ނުވާނެ އެނގޭތޯ،" ހަބީބް ވިދާޅުވި އެވެ.
"އެންމެންގެ ކުރިމަތީގައި ވޯޓު ގުނަން ފަށާ ވޯޓު ނަގަން ފަށާ، ވޯޓު ގުނައި ނަތީޖާ ހަދައި އިއުލާނުކޮށް މި ކަންތައް މި ކުރަނީ. އިލެކްޝަންސް ކޮމިޝަނަށް މި އޮންނަނީ ވޯޓުލާ މަރުކަޒުތަކުގައި މި ނެރެވޭ ނަތީޖާ ފޮނުވާ އެ ޖުމްލަ ކޮށްލުން."
އިލެކްޝަންސްގެ ކޮމިޝަންގެ ތެރޭގައި ހަބީބް ފާހަގަވެގެން ދިޔައީ އެހެން މީހުންނާ ވަރަށް ގުޅޭ މައްސަލަތައް ހައްލުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ނިމިދިޔަ އަހަރު ތެރޭގައި ޑިމޮކްރެޓްސް ޕާޓީ އުފެއްދުމާ ގުޅިގެން ކޮމިޝަންގެ ރައީސާ ދެމެދު ޖެހުނު މައްސަލަ ވެސް ހައްލުކުރަން ހަބީބް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.
ހަބީބް އިލެކްޝަންސް ކޮމިޝަންގެ މަސައްކަތުގައި --
އިންތިހާބުގެ މަސައްކަތްތަކަކީ ބުރަ މަސައްކަތްތަކެވެ. އިންތިހާބެއް ބޯމަތިވެގެން އަންނަ އިރު 24 ގަޑިއިރު އެކަމަށް ހުސްވާން ޖެހެ އެވެ. ހަބީބް ގަބޫލުކުރައްވާ ގޮތުގައި އޭނާއަށް މިކަން "ހަމަ ރަނގަޅަށް" ކުރެއްވިއްޖެ އެވެ. ހަވާލުކުރެވުނު މަސްއޫލިއްޔަތުތައް އަދާކުރެއްވިއްޖެ އެވެ. އެކަމަކު އެކަމުގެ ހުރިހާ ޝުކުރެއް އޮތީ ހަބީބްގެ ލޯބިވާ އަންހެނުންނަށެވެ.
"އަޅުގަނޑަށް އިލެކްޝަނަށް އެ ވަގުތު ދެވުނު، އަޅުގަނޑަށް އެކަން ކުރެވުނީ އަޅުގަނޑުގެ އަންހެނުންގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި އެހެނިހެން އެފަދަ މުނާސަބަތުތަކުގައި މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުން ފާޅުކޮށްފައިވާ ކަންބޮޑުވުމެވެ؛ މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ހިމާޔަތެއް ނެތުމެވެ. މަޖިލިސް މެންބަރުން ބޭނުންވީމާ ވަކިކުރެވޭ ގޮތަށް އޮންނައިރު، ކިތަންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ވަޑައިގަންނަވާ ބޭފުޅަކަށް ވެސް ރިޓަޔާމެންޓު އެލަވަންސްގެ ލޯލާރިއެއް ވެސް ނުލިބުމެވެ.
"ސަރުކާރަށް 38 އަހަރު ހިދުމަތް ކޮށްފައި އަޅުގަނޑު މިއަދު ގެއަށް މިއައީ ހުސްއަތާ. އަޅުގަނޑު ރިޓަޔާމެންޓު ޕެކޭޖެއް ނެތް. އަޅުގަނޑަށް މަހުން މަހަށް ލިބޭ އެއްޗެއް ނެތް،" ހަބީބް
ހަބީބް ގެ ދެ ދައުރު ހަމަވެ، އީސީން ވަކި ވެވަޑައިގެންނެވުމުގެ ދުވަސްކޮޅެއް ކުރިން އެ ކޮމިޝަނުން ވަނީ އުމުރުން 55 އަހަރު ފުރި، އީސީ އަށް މަދުވެގެން 15 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ އެއްފަހަރާ ގަނޑުކޮށް ދޭ ފައިސާ އިނާޔަތެއް ދޭ ގޮތަށް ރިޓަޔާ ކުރެވޭ އުސޫލެއް އެކުލަވާލައިފަ އެވެ.
ހަބީބްގެ ދައުރު ހަމަވާ ދުވަހާ މި އުސޫލު އާންމުވުމުން ދިމާވުމުން، ގިނަ ބައެއްގެ ތުހުމަތުތައް ވަނީ ހަބީބަށް އަމާޒުވެފަ އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި މި އުސޫލު ކަނޑައެޅުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ އެވެ. އުސޫލު އެކުލަވާލައި އީސީގެ ގަވައިދަށް ބަދަލު ގެނެސްފައިވަނީ އޭނާ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށެވެ.
"ބަދަލު ގެންނަން ވާހަކަ ވިދާޅުވީމާ ވެސް އަޅުގަނޑު އެކަމަށް ދެކޮޅު ހެދިން، އަޅުގަނޑު ދެންނެވިން އަޅުގަނޑު ވަކިވެގެން ދާއިރު މިކަހަލަ ތުހުމަތަކާއެކީގައި ވަކިވެގެން ދާކަށް އަޅުގަނޑު ބޭނުމެއް ނޫނޭ. އަޅުގަނޑު ބޭނުމެއް ނޫނޭ އަޅުގަނޑުގެ ނަޒާހަތްތެރިކަމަށް އެއްވެސް އަސަރެއް ފޯރާ ކަހަލަ ކަމެއް ވާކަށް،" ހަބީބް ވިދާޅުވި އެވެ.
"އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްފައި ނިކުތް ދުވަހު މި އޮންނަނީ ވަރަށް ބޮޑު ތުހުމަތެއް އަޅުވާފައި. އަޅުގަނޑު ވަރަށް ބޮޑު ޕެކޭޖަކާއެކީގައި ކަމަށް ނިކުތީ، އަޅުގަނޑު ހަމަ ހުސް އަތާ މި ނުކުތީ."
އަހަރުތަކެއް ކުރިން ހަބީބް އިލެކްޝަންސް ކޮމިޝަންގެ ހަރަކާތެއްގެ ތެރެއިން.
ހަބީބް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ރިޓަޔާ ވެވޭނެ އުސޫލެއް ނެތުމަކީ އަބަދުވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. ދައުލަތަށް އެތައް ގޮތަކުން އެތައް ދާއިރާއަކުން އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބަޔަކަށް މި ކަމުން މަހުރޫމް ވެފައިވުމަކީ ހިތާމަވެރި ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
"ސަރުކާރަށް 38 އަހަރު ހިދުމަތް ކޮށްފައި އަޅުގަނޑު މިއަދު ގެއަށް މިއައީ ހުސްއަތާ. އަޅުގަނޑު ރިޓަޔާމެންޓް ޕެކޭޖެއް ނެތް. އަޅުގަނޑަށް މަހުން މަހަށް ލިބޭ އެއްޗެއް ނެތް. އަޅުގަނޑަށް އެއްފަހަރާ ލިބޭ އެއްޗެއް ނެތް،" ހަބީބް ވިދާޅުވި އެވެ.
ދައުލަތަށް އެހާ ގިނަ ދުވަހު ހިދުމަތް ކުރައްވާފައި ހަބީބް އިއްޔެ އެނބުރި ގެއަށް ވަޑައިގަތީ ގިނަ ބައެއްގެ ލޯތްބާއި އިތުބާރު ހޯއްދަވައިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގެންނެވި ހަބަރާއެކު މުޅި ސޯޝަލް މީޑިއާ ފުރާލީ ހަބީބަށް ހެޔޮ އެދި ކޮށްފައިވާ ތައުރީފްގެ ބަސްތަކުންނެވެ.
"އަޅުގަނޑު ފޯނަށް މިއަދު ލިބޭ މެސެޖުތައް ކިޔާލީމާ މީހަކު ހަމަ އުފަލުން ރޮވޭނެ،" ފަހުރުވެރިކަމާ އެކު ހަބީބް ވިދާޅުވި އެވެ.
ހަބީބް އާއިލާއާ އެކުގައި: އަންހެނުންނަކީ އެންމެ ބޮޑު ހިތްވަރު ކަމަށް އޭނާ ވިދާޅުވި. --
ހަބީބް ދެން ފެންނާނީ ކޮން ދާއިރާއަކުން ހެއްޔެވެ؟ ގައުމެއްގެ ސަފީރަކަށް ވަޑައިގަންނަވާ ވާހަކަތަކެއް ވެސް ތުންތުންމަތިން ދެކެވުނު ނަމަވެސް، ހަބީބް ވިދާޅުވި ގޮތުގައި އެއީ އެއްވެސް ހަގީގަތެއް ނެތް ސިޔާސީ ވާހަކަތަކެކެވެ.
ހަބީބް ވިދާޅުވީ، ވަކިކޮޅަކަށް ނުޖެހި މުޅި ހަޔާތުގައި ހިދުމަތް ކުރެއްވުމަށް ފަހު ސިޔާސީ މަގާމަކަށް ވަޑައިގެންނެވުން ވާނީ ދަތި ކަމަކަށް ކަމަށެވެ.
"ދައުލަތަށް 38 އަހަރު ހިދުމަތް ކުރުމަށް ފަހުގައި ދުވަހަކު ވެސް ސިޔާސީ މަގާމެއްގައި ނޫޅެ މި ހިސާބަށް ސިޔާސީ ޕާޓީއަކަށް ނުވަދެ މުސްތަގިއްލުކަމާ އެކީގައި މަސައްކަތް ކޮށްފައި މިއަދު އަޅުގަނޑު ގެއަށް އައިސް ހުންނައިރު އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑު ނުވާނެޔޭ އިލެކްޝަންސް ކޮމިޝަންގެ އިންޓެގްރިޓީ އާއި އަޅުގަނޑު އަމިއްލަ އިންޓެގްރިޓީއަށް އަސަރުކުރާ ކަހަލަ ވަޒީފާއަކަށް ދާން،" ހަބީބް ވިދާޅުވި އެވެ.
މިހާތަނަށް ދެން ގުޅިވަޑައިގަންނަވާނީ ކޮން ދާއިރާއެއްގެ ކޮން ވަޒީފާއަކަށް ކަން ކަނޑަނާޅުއްވާ ކަމަށާއި ވަޑައިގަތުން އެންމެ ގާތީ ސިވިލް ސާވިސް ނުވަތަ ތިިން ބާރުގެ ތެރެއިން ވަޒީފާއަކަށް ކަމަށް ހަބީބް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ޓީޗަރެއްް، އަޅުގަނޑަކީ ލޯޔަރެއް، އަޅުގަނޑަކީ ނޫސްވެރިއެއް، އަޅުގަނޑަކީ އެޑްމިނިސްޓްރޭޓަރެއް، އެހެންވީމާ މި ހަތަރު ހުނަރުގެ ތެރެއިން ކޮންމެވެސް ވަޒީފާއެއް ލިބުމުގެ ފުރުސަތު އޮންނާނެހެން ހީވަނީ،" ނިންމާލަމުން ހިނިތުންވެލާފައި ހަބީބް ވިދާޅުވި އެވެ.
ގާނޫނަށް އިސްލާހު ގެންނަން އެދުނީ މުއައްސަސާތަކުން
އެޗްއާރްސީއެމްއަށް ހަބީބް އައްޔަން ކުރަން ފާސްކޮށްފި
21 އަހަރަށް ފަހު ހަބީބް އީސީން ވަކިވެވަޑައިގެންފި
ބިލް ތަސްދީގު ނުކުރާނަމަ، ތާރީހު ބަދަލު ނުވާނެ: އީސީ
އިންތިހާބު ފަސްކުރަން ފާސްކުރުމުން އީސީ މަޝްވަރާއަށް!
އިންތިހާބުގައި ވާދަކުރަން 400އެއްހާ ފޯމު ހުށަހަޅައިފި
މަޖިލިސް އިންތިހާބަށް ފޯމު ހުށަހެޅީ 18 ކެންޑިޑޭޓުން!
ރީ-ރަޖިސްޓްރީކުރަން 13،000 ފޯމު ހުށަހަޅައިފި
ކޮމިޓީގެ ލަފަޔަކީ ހެނދުނު 9-5އަށް ވޯޓުލުން ބާއްްވަން
އީސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި