Roadha Mihaaru
ދެ ކެންޑިޑޭޓުން ނުކުތުން ރައީސަށް ބޮޑު ގޮންޖެހުމަކަށް!

ދެ ކެންޑިޑޭޓުން ނުކުތުން ބޮޑު ގޮންޖެހުމަކަށް، ރައީސް ވިދާޅުވީ ހައްލު ކުރައްވާނެ ކަމަށް

23 މާޗް 2024

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރަސްމީ ޓިކެޓް ދިނުމަށް ފަހު ވެސް އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައި ވުމަކީ ގޮންޖެހުމެއް ކަމަށާއި އެކަމަކު ބާކީ މި އޮތް ދުވަސްތަކުގައި އެ މައްސަލަ ހައްލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރަސްމީ ޓިކެޓް ދިނުމަށް ފަހު ވެސް އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައި ވުމަކީ ގޮންޖެހުމެއް ކަމަށާއި އެކަމަކު ބާކީ މި އޮތް ދުވަސްތަކުގައި އެ މައްސަލަ ހައްލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދިނުމަށް ފަހު، ރައީސް މުއިއްޒު ވެސް އަދި އެ ކޯލިޝަންގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ ތާއީދު އެހެން ބައެއް ބޭފުޅުންނަށް އޮތްކަން ގެންދަވަނީ ހާމަކުރައްވަމުންނެވެ. އެއާ އެކު، އެ ދާއިރާތަކުގެ ރަސްމީ ޓިކެޓް ލިބުނު ކެންޑިޑޭޓުން ވެސް ވަނީ އިންތިހާބުގައި ބައިވެރިވެ، ކެމްޕެއިން ކުރަމުންނެވެ. އެހެންވެ، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ބައެއް ކެންޑިޑޭޓުންގެ މެދުގައި އޮޅުންބޮޅުންގަނޑެއް އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

ރައީސް މުއިއްޒު މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ، 93 ދާއިރާގެ ތެރެއިން 10 ވަރަކަށް ދާއިރާގައި އެ މައްސަލަ އެބައުޅޭ ކަމަށެވެ. އެހެންވެ އެއީ "ޗެލެންޖެއް" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުއްޓާ އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ވެސް އެބައުޅުއްވާ. އެ ކަހަލަ ބައެއް ކޮންފިއުޒިން، އޮޅުން އަރާ ދިމަދިމާ އެބަހުރި. އެއީ ދެން ގައިމު ވެސް ވަރަށް ޗެލެންޖު ކަމެއް. ވަރަށް ކަންބޮޑު ވެސް ވޭ އަޅުގަނޑު އެ ކަމާ ހެދީ ގޮނޑި ކާމިޔާބު ނުވެދާނެތީ ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިދިޔަ ބުދަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް މުއިއްޒު މިދިޔަ ބުދަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ގޮތަށް ދިމާވެފައި ހުރި ބައެއް ދާއިރާތަކުގެ މައްސަލަ ކުރިއަށް އޮތް ދުވަސްތަކުގައި ހައްލު ކުރެވޭނެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދިނުމަށް ފަހު ވެސް ސަރުކާރުގެ ފަރާތުން އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމީ ކިހިނެއް ވެގެންތޯ ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ، އެ ދާއިރާއަކަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ޕީޕީއެމް/ޕީއެންސީގެ ގިނަ ބޭފުޅުންނަށް ގަބޫލު ކުރެއްވޭތީ އެ ގޮތަށް ނިންމެވީ ކަމަށެވެ.

އެއީ ދެން ގައިމު ވެސް ވަރަށް ޗެލެންޖު ކަމެއް. ވަރަށް ކަންބޮޑު ވެސް ވޭ އަޅުގަނޑު އެ ކަމާ ހެދީ ގޮނޑި ކާމިޔާބު ނުވެދާނެތީ ވެސް،"--- ރައީސް

"އެހެން ނަމަވެސް އެންމެ އައިޑިއަލް ގޮތަކަށް ނޫން އެކަން ގޮސްފައި އެ އޮތީ. ޕްރައިމަރީ ތެރޭގައި ބައެއް ކަންކަން ނުގަވާއިދު ގޮސްފައިވާ ކަމުގެ ޝަކުވާ ވެސް ހުށަހެޅި އެ ކަންކަން ވެސް ބެލިފައިވޭ. އެކަމަކު އެއީ މަދު ތަނެއްގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންޝުއާ ކުރަން ބޭނުންވަނީ އެއްވެސް މީހަކަށް ނުގަވާއިދުން ކަމެއް ހަމަޖެހިގެން ގޮސްފައި އޮވެގެން ނުވާނެ ކަމަށް."

ރައީސް ވިދާޅުވީ، ޖުމުލަކޮށް ޓިކެޓް ދީފައި ވާނީ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނަށް ކަމަށާއި ގިނަ ދާއިރާތަކުގެ މައްސަލަ ނޫޅޭނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މި ފަހަރުގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އަށް ސުޕަ މެޖޯރިޓީ ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.