Roadha Mihaaru
މަރުގެ އިންޒާރު ލިބޭ ކަމަށް ބުނެ ކަންގަނާ ޕޮލިހަށް

މަރުގެ އިންޒާރު ލިބޭ ކަމަށް ބުނެ ކަންގަނާ ޕޮލިހަށް

03 ޑިސެމްބަރ 2021

ތަކުރާރުކޮށް މިހާރު މަރުގެ އިންޒާރު ލިބެމުން އަންނަ ކަމަށް ބުނެ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތަކުރާރުކޮށް މިހާރު މަރުގެ އިންޒާރު ލިބެމުން އަންނަ ކަމަށް ބުނެ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

އޭނާ މި ވާހަކަ ބުނެފައި ވަނީ ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ލިޔުމަކާއި އާއިލާގެ ބަޔަކު ފެންނަ އިންސްޓަގްރާމް ފޮޓޯއަކާ އެކީގަ އެވެ. ކަންގަނާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ މަހުގެ އެވެ.

އިންޑިއާ އަށް މިނިވަންކަން ހޯދައިދޭން މަސައްކަތްކުރި ގައުމީ ބަތަލުންނާއި ގައުމުގެ މިނިވަންކަމާއި އަދި ބައެއް ދީންތަކުގެ މީހުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ތަކުރާރުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުންތައް ކަންގަނާއަށް އަމާޒުވެފައިވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ބަޔަކު ވަނީ މުމްބާއީގައި ހުންނަ ކަންގަނާގެ ގޭދޮށަށް ވެސް އެއްވެސް އޭނާއާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެެ. އެގޮތުން އިންޑިއާ އަށް ހަގީގީ މިނިވިންކަން ލިބުނީ 2014 ގައި ކަމަށް ބުނެ ދެއްކި ވާހަކަތަކަކާ ގުޅިގެން އެތައް ބަޔަކު އޭނާއާ ދެކޮޅަށް އަޑުއުފުލައި އަދި އޭނާއަށް ސަރުކާރުން ދިން މަތީ ޝަރަފު، ޕަދުމާޝްރީ އެވޯޑް ވެސް އަތުލައި އަދި ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައިވެ އެވެ.

ކަންގަނާ މި ފަހުން ވަނީ މަހާތުމާ ގާންދީ ފަދަ އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި އެތައް ބަޔަކާއި ހަރުކަށި ހިންދޫންނާ ފިކުރުގެ ގޮތުން ތަފާތު މީހުންނަށް ދިމާކޮށް، މީހުންގެ ލޭކެކޭ ފަދަ އެތައް ވާހަކައެއް ދައްކައިފަ އެވެ. އަދި އޭނާ ތަކުރާރުކޮށް މަސްލަހަތު ގެއްލޭ ފަދަ ވާހަކަތައް ދައްކަމުންދާތީ އޭނާ ހައްޔަރު ކުރަން ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކަންގަނާ އިންސްޓަގްރާމްގައި ހިންދީ ބަހުން ދިގު ބަޔާނެއް ލިޔެ، ބުނެފައި ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ އޭނާ އަށް ލިބިގެންވާ ހައްގެއް ކަމަށާއި އެކަން އެއްވެސް ބަޔަކަށް ނިގުޅައިނުގަނެވޭނެ ކަމަށެވެ. އަދި މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ވާހަކައެއް މިހާތަނަށް ދައްކާފައި ނުވާނެ ކަމަށާއި ބައިބައިވުމާއި ރުޅިވެރިކަން އުފައްދަން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުންޏެވެ. އެކަމަކު ގިނަ ބަޔަކު އަބަދުވެސް ކަންގަނާ ފާހަގަކުރަނީ މީހުން ރުޅި އަންނަ ކަހަލަ ވާހަކަތައް ދައްކަން އާދަވެފައިވާ، ވަރަށް ގޮތް ދޫނުކުރާ ބަތަލާއެއްގެ ގޮތުގަ އެވެ. މި ސަބަބާ ހުރެ ބޮލީވުޑްގެ މާ ގިނަ ބަޔަކު ވެސް އޭނާއާ މާ ގާތް ގުޅުމެއް ނުބާއްވަ އެވެ.

މަރުގެ އިންޒާރު ލިބޭ ކަމަށް ބުނެ ކަންގަނާ ފުލުހުންނަށް މައްސަލަ ރިޕޯޓްކުރި އިރު، އޭނާ މިހާތަނަށް ދައްކާފައިވާ އެތައް ވާހަކަތަކާ ގުޅިގެން 1،000 އާ ގާތްކުރާ އަދަދަކަށް ދައުވާ ކުރަން އެތައް ބަޔަކު ކޯޓްތަކަށް ހުށަހަޅާފައިވެ އެވެ.