Roadha Mihaaru
ކަންގަނާ ވަރަށް ފޯރީގައި ކެމްޕެއިން ކުރަނީ

ކަންގަނާ ވަރަށް ފޯރީގައި ކެމްޕެއިން ކުރަނީ

04 އެޕްރީލް 2024

މި މަހު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތުގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފި އެވެ.

މި މަހު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތުގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފި އެވެ.

އެ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ޓިކެޓްގަ އެވެ. ކަންގަނާ ވާދަކުރަނީ އޭނާގެ އުފަން ސްޓޭޓް، ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާ އަށެވެ.

މިދިޔަ ދުވަސްތަކުގައި ކަންގަނާ ވަނީ އޭނާގެ ކެމްޕެއިންގެ ފޯރި ގަދަކޮށްލައި ކެމްޕޭން ރެލީތައް ވެސް ބާއްވައިފަ އެވެ. މަންޑީގެ އެކި ސަރަހައްދުތަކުގައި ޖަލްސާތައް ބާއްވައި އެތަނުގެ ރައްޔިތުންނާ އޭނާ އަންނަނީ މުހާބަތުކުރަމުންނެވެ. އަދި މި އިންތިހާބު އޭނާ ކާމިޔާބުކޮށްދިނުމަށް އަންނަނީ އެދެމުންނެވެ. މި ރެލީތަކާއި ޖަލްސާތަކުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

ސިޔާސީ ދާއިރާ އަށް އަލަން ނުކުތް ކަންގަނާ އަކީ އަބަދުވެސް ސޯޝަލް މީޑިއާގައި ބީޖޭޕީ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދިފާއުގައި ހިޔާލުފާޅުކުރާ މީހެކެވެ. އޭނާގެ މި ރެލީތަކުގައި ވެސް އަންނަނީ މޯދީ އަށް ވަަރަށް ތައުރީފުކުރަމުންނެވެ.

ފިލްމީ ދާއިރާގެ މަސައްކަތްތަކާ ކުޑަކޮށް ދުރަށް ޖެހިލުމަށް ފަހު ކަންގަނާ ސިޔާސީ ދާއިރާއަށް މި ނުކުތީ ޖައްސަޖައްސައިގެން ސިނަމާތަކަށް ގެނައި އޭނާގެ ގިނަ ފިލްމުތަކެއް ފްލޮޕްވި ފަހުންނެވެ. އެ ފިލްމުތައް ފްލޮޕްވީ އޭނާގެ ބަސްމަގު ހުންނަ ގޮތުން މީހުން މެދުގައި އޭނާއާ މެދު އޮންނަ ހިތްހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން ކަމަށް އޭރު ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ކަންގަނާ ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ވެސް ދާއިރާގެ ގިނަ ތަރިންނާ ދުޝްމަނުކަން ބާއްވައިފަ އެވެ. ބޮލީވުޑްގެ އެންމެ މަޝްހޫރު ބައެއް ތަރިންނަށް ޒާތީ ގޮތުން ޖައްސާލައިގެން ވެސް އޭނާ ވަރަށް ފާޑުކިޔެވެ. އެކަންކަމުގެ ސަބަބުން ދާއިރާގައި އޭނާ އަށް އޮތް ސަޕޯޓް ވަރަށް ބޮޑަށް ފަނޑުވި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބު ބާއްވަނީ މި މަހު 19 އިން ފެށިގެން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ނަތީޖާ އިއުލާންކުރަނީ ޖޫން މަހުގެ ހަތަރެއްގަ އެވެ. އެ އިންތިހާބުގައި 543 މެމްބަރުން އިންތިހާބުކުރާނެ އެވެ.