Roadha Mihaaru
ޑްރޯންގެ ތަފްސީލު ހާމަކުރާނީ 241ކޮމިޓީގައި: ޣައްްސާން

ޑްރޯން ގަތުމުގެ ތަފްސީލު 241ގެ ސިއްރު ބައްދަލުވުމެއްގައި ހާމަކުރާނަން: ޣައްސާން

25 މާޗް 2024

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީން ގަނެފައިވާ އަސްކަރީ ޑްރޯންތަކުގެ ހުރިހާ ތަފުސީލެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހާމަކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީން ގަނެފައިވާ އަސްކަރީ ޑްރޯންތަކުގެ ހުރިހާ ތަފުސީލެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހާމަކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ތުރުކީން ގަނެގެން މިހާތަނަށް އަސްކަރީ ތިން ޑްރޯން ރާއްޖެ ގެނެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބޭނުން ކުރަމުން އަންނައިރު، އޭގެ އަގުތަކާއި އެހެން ތަފުސީލްތައް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޑިފެންސް މިނިސްޓަރު ޣައްސާން ހާޒިރުކުރުމުން ގިނަ މެންބަރުން ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.

އެ ތަފްސީލްތަކާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ އެ މުއާމަލާތް ހިނގާފައިވާނީ ދެފުށް ފެންނަ ގޮތަށް ކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން ކަމަށެވެ.

"އެކަން ކުރެވިފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން. އެހެން ނަމަވެސް މިކަހަލަ ފޯރަމެއްގައި އެއްވެސް ގައުމެއްގެ ދިފާއީ ގޮތުން ކުރާ ހަރަދުތަކުގެ ތަފްސީލް ހާމަކުރުމަކީ ކުރާ ކަމެއް ނޫން. އެހެންވީމާ އެ މައުލޫމާތު މި ތަނުގައި ހާމަކުރަން އަޅުގަނޑު އުޒުރުވެރިވަން،" ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ އެ މުއާމަލާތުގެ ތަފްސީލްތައް ކަމާ ގުޅޭ އިދާރާތަކުން ބައްލަވަން ބޭނުންވާނަމަ އެކަމާ ގުޅޭ ލިޔުންތައް ހުންނާނެ ކަމަށާއި މަޖިލީހުން ބޭނުންވާނަމަ 241 ކޮމިޓީއަށް އެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.

"241 ކޮމިޓީއެއްގައި ސިއްރު ޖަލްސާއެއްގައި އެ މައުލޫމާތު ހާމަ ކުރެވިދާނެ،" ޣައްސާން ވިދާޅުވި އެވެ.

ޑްރޯން ގަތުމުގެ މުއާމަލާތާ ގުޅޭ އިތުރު ސުވާލުތައް ވެސް ޣައްސާނަށް އަމާޒުވިއިރު، އޭނާ ވިދާޅުވީ ޑްރޯނަށް ބައެއް ތަކެތި ހިލޭ ލިބުނުއިރު، ދައުލަތުން ވެސް ހަރަދުކޮށްފައިވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ޑްރޯންގެ އަގާ ގުޅޭ ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ އަސްކަރީ ޑްރޯންތަކަކީ ގައުމީ ސަލާމަތާ ސީދާ ގުޅުން އޮތް، ގައުމުގެ އަސްކަރީ މައުލޫމާތެއް ކަމެއް ކަމަށާއި އެފަދަ މައުލޫމާތުތަކަކީ އެއްވެސް ގައުމަކުން އެއްކޮށް އާންމުކޮށް ހާމަކުރާ ފަދަ މައުލޫމާތުތަކެއް ނޫން ކަމަށެވެ.

ޑްރޯންތައް ގަތުމުގައި ބޮޑު ބައެއް ލިބުނީ ހިލޭ ކަމަށް ހާމަކުރެއްވި ސަބަބަކީ ވެސް ރައީސް ވިދާޅުވި ގޮތުގައި އޭގެ އަގު ބޮޑު ވާހަކަ ބައެއް މީހުން ދައްކަމުންދާތީ އެވެ. އަދި ތުރުކީ ރައީސާއި އެ ގައުމުގެ ސަރުކާރުން މިކަމުގައި ރާއްޖެ އަށް ދޭ ސަޕޯޓް ހާމަކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.