Roadha Mihaaru
ބޭބެ އަންހެން ކޮއްކޮ މަރާލީ ބައްޕަ ހިތްވަރުދީގެން!

ޕާކިސްތާނުގައި ބޭބެއަކު އަންހެން ކޮއްކޮ މަރާލި އިރު ބައްޕަ ހިތްވަރުދޭން، ކޮއްކޮ ވީޑިއޯކުރަން

01 އެޕްރީލް 2024

ޕާކިސްތާނުގައި އުމުރުން 22 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ އާއިލާގެ މެންބަރުންގެ ބައިވެރިވުމާ އެކު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ޕާކިސްތާނުގައި އުމުރުން 22 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ އާއިލާގެ މެންބަރުންގެ ބައިވެރިވުމާ އެކު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

އުމުރުން 22 އަހަރުގެ މާރިޔާ ބީބީ މަރާލި ކަމަށް ތުހުމަތުކުރެވެނީ އޭނާގެ ބޭބެ މުހައްމަދު ފައިސަލްގެ މައްޗަށެވެ. ކަރުގައި އެއްޗެއް އޮޅައި ނޭވާ ހާސްކޮށްލައިގެން މާރިޔާ މަރާލި އިރު ކައިރީގައި ބައްޕަ އަބްދުއްސައްތާރު އިނދެ އެވެ.

ޕަންޖާބް ޕްރޮވިންސްގައި ހިންގި މި "އޮނަކިލިން" ނުވަތަ އާއިލާގެ އަބުރު ރައްކާތެރިކުރުމުގެ ނަމުގައި މީހުން މެރުމުގެ ހާދިސާގެ ތަފްސީލް ހާމަވީ މާރިޔާ މަރާލި އިރު އެ މަންޒަރު ވީޑިއޯކޮށްފައި އޮތުމުންނެވެ. ވީޑިއޯކުރީ ފައިސަލްގެ ފިރިހެން ކޮއްކޮ ޝާހްބާޒް އެވެ. މި ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ވީޑިއޯގައި ފެންނަ ގޮތުން މާރިޔާ މަރާލަން ކަރުގައި އެއްޗެއް އޮޅައި ބާރުކޮށްގެން ހުއްޓާ ޝާހްބާޒް ވަނީ އެކަން އެހެން ނުކުރަން ބޭބެ ގާތު ބުނެދިދިނުމަށް ބައްޕަ ގާތު އެދިފަ އެވެ. އެކަމަކު ގޭތެރޭގައި މި އަމަލު ހިންގި އިރު ކައިރީގައި އިންނަ ބައްޕަ އަންގަމުން ދިޔައީ އެކަން ކުރުމަށެވެ.

މާރިޔާގެ ނޭވާ ހާސްކޮށްލައިގެން ދެ މިނެޓެއްހާއިރު ހުރުމަށް ފަހު ދޫކޮށްލަނީ ހަރަކާތް ހުއްޓުމުންނެވެ. ދެން ފެންނަނީ އެކަން ކުރި ދަރިފުޅަށް ބައްޕަ ފެން ތައްޓެއް ދޭތީ އެވެ.

ފުލުހުން ބުނީ މާރިޔާގެ މަރަކީ ގުދުރަތީ މަރެއް ނޫންކަން ފުލުހުންނަށް އެނގި ތަހުގީގު ފެށުމާ އެކު ސައްތާރާއި ފައިސަލް ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. ޝާހްބާޒް ހައްޔަރުކުރީ، މިކަމުގައި އޭނާގެ ބައިވެރިވުން އޮތް ވަރެއް ބެލުމަށް، ފަހުންނެވެ.

ފުުލުހުން ބުނީ މިއީ އޮނަކިލިންއެއްގެ ހުރިހާ ސިފައެއް ހިމެނޭ ހާދިސާއެއް ކަމަށާއި މި ވީޑިއޯގައި ޝާހްބާޒްގެ އަންހެނުން ވެސް ފެންނާތީ އޭނާ ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ވަރަށް ގިނަ އާއިލާތަކުގައި އަންހެން ކުދިންގެ ތައުލީމާއި ވަޒީފާ އާއި ކައިވެނި ފަދަ ހުރިހާ ކަމެއް ކޮންޓްރޯލްކުރަނީ ފިރިހެން މެންބަރުންނެވެ. އަންހެން ކުދިން އަމިއްލަ ގޮތްތައް އިހުތިޔާރުކޮށް މިނިވަންކޮށް އުޅެން ފެށުމުން، އާއިލާގެ ނަން ކިލަނބުވިޔަ ނުދިނުމަށް ކަމަށް ބުނެ މަރާލުމަކީ ޕާކިސްތާނުގައި އާންމު ކަމެކެވެ.

ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި 2022 ވަނަ އަހަރު އެކަނި ވެސް މިފަދަ 316 މަރު ރެކޯޑްކުރެވިފައިވެ އެވެ. އެކަމަކު މިފަދަ އެތައް ކޭސްއެއް އެއްވެސް ގޮތަކަށް ރިޕޯޓް ނުކޮށް ވެސް ހުރެ އެވެ. -- އޭއެފްޕީ