Roadha Mihaaru
މޮޑެލްގެ މަރާ ގުޅިގެން ދީނީ އިލްމުވެރިޔާ ހައްޔަރުކޮށްފި

މޮޑެލްގެ މަރާ ގުޅިގެން ދީނީ އިލްމުވެރިޔާ ހައްޔަރުކޮށްފި

19 އޮކްޓޯބަރ 2017

މުލްތާން (އޮކްޓޯބަރު 19) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު ގަންދީލް ބަލޮޗުގެ މަރުގެ ތުހުމަތު ކުރެވިފައިވާ އިލްމުވެރިޔާ މުފްތީ އަބްދުލް ގާވީ ފިލައިގެން އުޅެނިކޮށް ފުލުހުން އޭނާ އިއްޔެ ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މުލްތާން (އޮކްޓޯބަރު 19) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު ގަންދީލް ބަލޮޗުގެ މަރުގެ ތުހުމަތު ކުރެވިފައިވާ އިލްމުވެރިޔާ މުފްތީ އަބްދުލް ގާވީ ފިލައިގެން އުޅެނިކޮށް ފުލުހުން އޭނާ އިއްޔެ ހައްޔަރުކޮށްފި އެވެ.

ހުޅަނގުގެ ސްޓައިލަށް އުޅޭ ކަމަށް މަޝްހޫރު މޮޑެލް މިދިޔަ އަހަރުގެ ޖުލައި މަހު މަރާލީ އޭނާގެ ކޮއްކޮ މުހައްމަދު ވަސީމެވެ. އެކަމަކު މޮޑެލްއާ މުފްތީއާ ގުޅުންތަކެއް އޮތްކަން މިދިޔަ އަހަރު ވަނީ ފަޅާ އަރައިފަ އެވެ. މޮޑެލްއާ އެކު މުފްތީ ނަގާފައިވާ ސެލްފީތައް އާއްމުވުމުގެ އިތުރުން ވަސީމްއާ އެކު ދެއްކި ބައެއް ވާހަކަތައް ހިމެނޭ މުފްތީގެ ފޯނުގެ ރެކޯޑިން ފުލުހުން ވަނީ ހޯދައިފަ އެވެ.

މަރާލުމުގެ ކުރިން އޭއެފްޕީ އަށް ވާހަކަ ދައްކަމުން ގަންދީލް ބުނެފައި ވަނީ އެކެހެރިކޮށް އުޅޭ އިރު މުފްތީއަކީ މުޅިން އެހެން މީހެއް ކަމަށެވެ. ގަންދީލްގެ މަރާ ގުޅިގެން މުފްތީ ގާވީއާ ފުލުހުން ކުރިން ވަނީ ސުވާލުކޮށްފަ އެވެ.

މުފްތީ ގާވީގެ ތާކިހާ އަޅައިގެން މޮޑެލް ނެގި ސެލްފީ.

މުފްތީ ގާވީގެ ތާކިހާ އަޅައިގެން މޮޑެލް ނެގި ސެލްފީ.

އުމުރުން 26 އަހަރުގެ ސޯޝަލް މީޑިއާ ސެލެބްރިޓީ، މުފްތީއަކާ އެކު ސެލްފީ ނެގި މައްސަލައެއް ވަނީ ވަރަށް ބޮޑުވެފަ އެވެ. މި މައްސަލާގައި ޕާކިސްތާނުގެ ރިލިޖަސް އެފެއާޒް މިނިސްޓްރީން ވަނީ މުފްތީ އަބްދުލް ގާވީ ކުރި ކަންތަން ރަނގަޅު ނޫން ކަމަށް ބުނެ އެ ގައުމުގެ ހަނދު ބަލާ ކޮމިޓީން އޭނާ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ގަންދީލް ބަލޮޗް މަޝްހޫރުވެފައި ވަނީ ޕާކިސްތާނުގެ ކިމް ކާޑޭޝިއަންގެ ގޮތުގަ އެވެ. ގިނަ ބަޔަކަށް އޭނާ ފާހަގަވީ 2014 ވަނަ އަހަރު އަޕްކުރި، ޖިންސީ ކަންކަމަށް ހިތްވަރު ދޭ ގޮތަށް ނަގާފައިވާ ވީޑިއޯއެއްގެ ސަބަބުންނެވެ. އާއިލާ އަށް ބޭވަފާތެރިވާ އަންހެން ކުދިން މެރުމަކީ ޕާކިސްތާނުގައި އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. އާއިލާ މީހުންގެ ހަމަލާތަކުގައި ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ޕާކިސްތާނުގައި މަރަ އެވެ.