Roadha Mihaaru
ދައްތަ މަރާލި ކޮއްކޮ އަށް އުމުރު ދުވަހުގެ ޖަލު ހުކުމް

ދައްތަ މަރާލި ކޮއްކޮ އަށް އުމުރު ދުވަހުގެ ޖަލު ހުކުމް

27 ސެޕްޓެމްބަރ 2019

އިސްލާމްއާބާދު (ސެޕްޓެމްބަރު 27) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު އަންހެން ކުއްޖެއް ކަމަށްވާ ކަންދީލް ބަލޫޝް މަރާލިކަން އޭނާގެ ފިރިހެން ކޮއްކޮ ވަސީމް ބަލޫޝްގެ މައްޗަށް ސާބިތުވެ އޭނާ އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ސެޕްޓެމްބަރު 27) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު އަންހެން ކުއްޖެއް ކަމަށްވާ ކަންދީލް ބަލޫޝް މަރާލިކަން އޭނާގެ ފިރިހެން ކޮއްކޮ ވަސީމް ބަލޫޝްގެ މައްޗަށް ސާބިތުވެ އޭނާ އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.

ސޯޝަލް މީޑިއާގެ ތަރިއެއްގެ ގޮތުގައި ބެލި ބަލޫޝް މަރުގެ މައްސަލައިން އިތުރު ހަ މީހަކު ވަނީ ސަލާމަތްވެފަ އެވެ. އޭގެ ތެރޭގައި އޭނާގެ އެހެން ދެ ކޮއްކޮ އިން ކަމަށްވާ އަސްލަމް ޝާހީން އާއި އާރިފް ޝާހިން އަދި މުފްތީ އަބްދުލް ގާވީ ހިމެނެ އެވެ.

ބަލޫޝް، 26، ކަރުގައި ހިފައި މަރާލާފައި ވަނީ ޖުލައި 2016 ގަ އެވެ. ޕާކިސްތާނަށް ޝޮކެއް ލިބުނު އެ މަރަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ވެސް ލިބުނެވެ.

ޕާކިސްތާނުގެ ސޯޝަލް މީޑިއާ ސެލެބްރިޓީ ކަންދީލް ބަލޮޝް. --ފޮޓޯ:އޭއެފްޕީ

ޕާކިސްތާނުގެ ސޯޝަލް މީޑިއާ ސެލެބްރިޓީ ކަންދީލް ބަލޮޝް. --ފޮޓޯ:އޭއެފްޕީ

ބަލޫޝް މަރާލި ކަމަށް އޭނާގެ ކޮއްކޮ ވަސީމް ވަނީ އެއްބަސްވެފަ އެވެ. އޭނާ ބުނެފައި ވަނީ ކަންދީލަކީ އާއިލާ އަށް ވެސް ހުރި ހުތުރެއ ކަމަށެވެ. ނަމަވެސް ފަހުން ވަސީމް ވަނީ އޭނާގެ ބަޔާން ބަދަލުކޮށްފަ އެވެ.

ބަލޫޝްގެ ބައްޕަ މުހައްމަދު އަޒްމީން ކުރިން ބުނެފައި ވަނީ ބަލޫޝްގެ ގާތިލުންނަށް ދޭން ޖެހޭނީ މަރުގެ އަދަބު ކަމަށެވެ. އަދި ބަލޫޝް މަރާލި އޭނާގެ ދަރިފުޅު ވަސީލް ވެސް މަރަން ޖެހޭނެ ކަމަށް ބުންޏެވެ. ނަމަވެސް ޕަންޖާބުގެ މުލްތާންގެ ކޯޓެއްގައި އަޒްމީން ފަހުން ބުނީ އޭނާ އާއި އޭނާގެ އަންހެނުން ވަނީ ބަލޫޝް މަރާލި އެ މީހުންގެ ފިރިހެން ދަރިންނަށް މައާފްކޮށްފައި ކަމަށެވެ. ނަމަވެސް އެ މަރުގައި ބައިވެރިވި އެހެން މީހުންނަށް މައާފް ނުކުރާ ކަމަށް ބުންޏެވެ.

ބަލޫޝް މަޝްހޫރުވެފައި ވަނީ ޕާކިސްތާނުގެ ކިމް ކާޑޭޝިއަންގެ ގޮތުގަ އެވެ. ގިނަ ބަޔަކަށް އޭނާ ފާހަގަވީ 2014 ވަނަ އަހަރު އަޕްކުރި، ޖިންސީ ކަންކަމަށް ހިތްވަރު ދޭ ގޮތަށް ނަގާފައިވާ ވީޑިއޯއެއްގެ ސަބަބުންނެވެ.

އާއިލާ އަށް ބޭވަފާތެރިވާ އަންހެން ކުދިން މެރުމަކީ ޕާކިސްތާނުގައި އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. އާއިލާ މީހުންގެ ހަމަލާތަކުގައި ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ޕާކިސްތާނުގައި މަރަ އެވެ.