Roadha Mihaaru
ސައިކަލް ކޮންޓްރޯލް ނުވެ މީހެއްގެ ހާލު ސީރިއަސްވެއްޖެ!

ފުވައްމުލަކުގައި ސައިކަލެއް ކޮންޓްރޯލްނުވެ، އެކްސްކަވޭޓަރެއްގައި ޖެހި މީހެއްގެ ހާލު ސީރިއަސް

03 އެޕްރީލް 2024

ފުވައްމުލަކުގައި ރޭ ވެސް އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުވައްމުލަކުގައި ރޭ ވެސް އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.

ފުވައްމުލަކު ދިގުވާޑު އަވަށުގައި އެ އެކްސިޑެންޓް ހިނގީ އޭނާ ދުއްވަން އިން ސައިކަލު ކޮންޓްރޯލް ނުވެ، ނައިބުތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހިގެންނެވެ.

ފުލުހުން ބުނީ ރޭ 11:30 ހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުންނެވެ.

އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.

ފުވައްމުލަކުގައި ރޭ އެކްސިޑެންޓެއް ހިނގާފައި ވާއިރު އޭގެ ކުރީ ރޭ ވެސް ވަނީ ސައިކަލު ކޮންޓްރޯލް ނުވެ، ޒިބްރާ ކްރޮސްގެ ޕޯސްޓް ދަނޑީގައި ޖެހިގެން އެކްސިޑެންޓެއް ހިނގައިފަ އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ވެސް އިއްޔެ ރޭ ފަތިހު މާލެ ގެނެސް ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ވެސް ސީރިއަސް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެ އެވެ. އެއީ 32 އަހަރުގެ ފިރިހެނެކެވެ.

އެ ދެ މައްސަލަ ވެސް ފުލުހުން ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.