އައްޑު އަށް މި ސަރުކާރުން ރާވާފައި ހުރި މަޝްރޫއުތަކުން، އައްޑޫގެ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވާނެ ކަމަށާއި އެކަން ހާސިލްކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފި އެވެ.
07 އެޕްރީލް 2024
އައްޑު އަށް މި ސަރުކާރުން ރާވާފައި ހުރި މަޝްރޫއުތަކުން، އައްޑޫގެ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވާނެ ކަމަށާއި އެކަން ހާސިލްކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފި އެވެ.
އައްޑޫ މަރަދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު އަމީތުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން ގެންގުޅޭ ތަރައްގީގެ ޕްލޭންގައި އައްޑޫއަކީ މުހިއްމު މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ސިޓީއެއް ކަމަށެވެ.
ރާއްޖޭގެ އެންމެ ދެކުނު ހަތަރު އަތޮޅު ހިމެނޭ ގޮތަށް އިންޓަގްރޭޓެޑް ޑިވެލެޕްމަންޓް ޒޯނެއް ތަރައްގީކުރަން ސަރުކާރުން މަސައްކަތްކުރާއިރު މީގައި އެންމެ މުހިއްމު ނާރެހަކީ ވެސް އައްޑޫ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއަށް ތަރައްގީ ގެނައުމަށް ރައްޔިތުންގެ އިތުބާރަށް އެދިވަޑައިގެން ރައީސް ވިދާޅުވީ އެކަމަކީ މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވިގެން ގެނެވޭނެ ތަރައްގީއެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 20 އަހަރުގެ މާސްޓާ ޕްލޭނާ ގުޅިގެން ހަދާ ގާނޫނު ވެސް ފާސްކުރެވޭނީ މަޖިލީހުގެ ތެރެއިންނެވެ. އެ ޕްލޭން ވެގެންދާނީ ގާނޫނަކުން ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާ މާސްޓާ ޕްލޭނަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އައްޑޫއަށް ގެންނަން ބޭނުންވާ ތަރައްގީ ވެސް މި ޕްލޭންގައި ހިމަނާފައިވާއިރު ރައީސް ވިދާޅުވީ މަޖިލީހުގެ ތެރެއިން އައްޑޫގެ ކަންކަމަށް އަބަދާ އަބަދު އެއް ބަޔަކަށް ބަސް ކިޔުމުގެ ފުރުސަތު ދިނުމުން ދެމެހެއްޓެނިވި ތަރައްގީ ގެނެވިފައި ނުވާ ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވިއިރު މިދިޔަ މަޖިލިސް އިންތިހާބުގައި އައްޑޫގެ ހުރިހާ ދާއިރާއަކުން އިންތިހާބުކުރީ އެމްޑީޕީގެ މެމްބަރުންނެވެ.
ރައީސް އެދިވަޑައިގަތީ، މި ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީއަށް އެއްބާރުލުން ދޭނެ، އެ ވިސްނުމުގެ ޕީއެންސީގެ ބޭފުޅުން މިފަހަރު އިންތިހާބު ކޮށްދެއްވުމަށެވެ.
"އެހެންވީމަ މިފަހަރު އައްޑޫ ސިޓީގެ ހުރިހާ ދާއިރާއަކުން އަޅުގަނޑު އިހުލާސްތެރިކަމާ އެކު އެދެނީ ތާއީދުކޮށްލަ ދެއްވާށޭ. މިކަމަށް ތިބޭފުޅުންނަށް ދެއްވޭނެ އެއްބާރުލުމަކީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުން،" އަޖުމަ ބަލާލުމުގެ ވިސްނުމުގައި ނަމަވެސް ބަދަލެއް ގެނެސްދޭން އެދިވަޑައިގެން ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"ނަތީޖާ ނެރެދީ އައްޑޫ ސިޓީގެ ރައްޔިތުން ތާ އަބަދު ތިޔަ އުއްމީދުކުރަމުން އައި ތަރައްގީ އަޅުގަނޑު ހޯދައިދޭނަން އިރާދަކުރެއްވިއްޔާ މިފަހަރު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އައްޑޫގެ މަސްލަހަތު އިސްކޮށް ރަށުގެ ތަރައްގީގެ އުއްމީދުތަކުގައި ކުލަ ޖެއްސުމަށް އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ އާއި ޒުވާނުންނަށް ބޭނުންވާ ވަޒީފާ ފަހި ކޮށްދިނުމާއި އެއާޕޯޓު ބޮޑުކުރުމާއި ޓޫރިޒަމް ފަދަ ކަންކަން އެމަނިކުފާނުގެ ވެރިކަމުގައި ކޮށްދެއްވާނެ އެވެ.
މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ރައީސް ވަނީ އެންމެން ގުޅިގެން ދުވަހަކު ހާސިލު ނުވެ އޮތް ތަރައްގީ ގެނައުމުގައި އަތުގުޅާލުމަށް ވެސް އެދިވަޑައިގެންފަ އެވެ.
"ސުޕަ މެޖޯރިޓީ އޮވެގެން އެއްވެސް ކަމެއް ނުވި"
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
ޒުވާނުންގެ ސިޔާސަތު ބަދަލެއް ނުކުރާނަން: ރައީސް
ބީއެމްއެލް އިން އިއްޔެ ކުރީ މާލީ ބަޣާވާތެއް: ޝިޔާމް
އެންމެ ބޮޑު ޕާޓީއަށް ޕީއެންސީ ހެދުމަށް ހަރަކާތެއް
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
ފިތުނަ އުފެއްދުމުގެ މާޒީ އިޔާދަ ނުކުރަން ގޮވާލައްވައިފި
"ނަތީޖާ އިން ފެނުނީ ރައީސްގެ ތާއީދު އިތުރުވާތަން"
"މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް މާކުރިން ރޭވިން"