Roadha Mihaaru
ޓޫރިޒަމް ޓެކްސްތަކުން ބައެއް ކައުންސިލްތަކަށް ދެނީ

ޓޫރިޒަމުން ލިބޭ ޓެކްސްގެ ބައެއް ކައުންސިލްތަކަށް ލިބޭނެ ގޮތް ހަދާނަން: ރައީސް

14 އެޕްރީލް 2024

ޓޫރިޒަމް ދާއިރާ އިން ދައުލަތަށް ލިބޭ ޓެކްސްތަކުން ބައެއް ކައުންސިލްތަކަށް ޖަމާވާ ގޮތަށް ގާނޫނު އިސްލާހު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޓޫރިޒަމް ދާއިރާ އިން ދައުލަތަށް ލިބޭ ޓެކްސްތަކުން ބައެއް ކައުންސިލްތަކަށް ޖަމާވާ ގޮތަށް ގާނޫނު އިސްލާހު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފ. ފީއަލީގައި މިއަދު ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު މިހާތަނަށް ކުރެއްވި ދަތުރުފުޅުތަކުގައި 168 ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެތަންތަން ބާރުވެރި ކުރުވަން ޖެހޭ ކަން އެ ބައްދަލުވުންތަކުން އެނގިވަޑައިގަތް ކަމަށް ރައީސް ވިދާޅުވި އެެވެ.

އަޅުގަނޑު ބޭނުން ވަނީ ރައްޔިތުން މުއްސަނދި ކޮށްދޭން. މިކަން ކުރެވޭނީ މިކަހަލަ ކަންކަން [ޓޫރިޒަމް ޓެކްސް އިން ބައެއް ކައުންސިލަށް ޖަމާކުރުން ފަދަ ކަންކަން] އަޅުގަނޑުމެންނަށް ފަހި ވެގެން. -- ރައީސް

ކައުންސިލްތަކުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ކުރަން ޖެހޭ އެންމެ ބޮޑު އެއް ކަމަކީ ރައީސް ވިދާޅުވި ގޮތުގައި ޓޫރިޒަމް އިން ދައުލަތަށް ލިބޭ ޓެކްސްތަކުން ބައެއް ސީދާ ކައުންސިލްތަކަށް ޖަމާ ކުރުމެވެ. އެކަން ކުރުމަށްޓަކައި ކަމާ ބެހޭ ގާނޫނުތައް އިސްލާހު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

"އޭރުން އެ ކައުންސިލްތަކަށް ރަށުގެ ތަރައްގީ އަށް ކުރެވޭނެ ވަރަށް ގިނަ ކަންކަން ހުންނާނެ. މިކަހަލަ ގިނަ ކަންކަން ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ކޮށްދޭން އަޅުގަނޑު ބޭނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށް ބައިވެރިވެވޭ ގޮތަށް ފަޅު ރަށްތައް ދޫކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި އެކަންކަން ކުރެވޭނީ ސަރުކާރަށް އެފަދަ އެއްބާރުލުން ލިބިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން ވަނީ ރައްޔިތުން މުއްސަނދި ކޮށްދޭން މިކަން ކުރެވޭނީ މިކަހަލަ ކަންކަން އަޅުގަނޑުމެންނަށް ފަހި ވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ފީއަލީގައި: ކައުންސިލްތަކާ އެކު ބޭއްވެވި ބައްދަލުވުންތަކުން ކައުންސިލްތައް ބާރުވެރިކުރުވަން ކުރަން ޖެހޭ ކަންކަން އެނގިވަޑައިގަތް ކަމަށް ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ފީއަލީގައި: ކައުންސިލްތަކާ އެކު ބޭއްވެވި ބައްދަލުވުންތަކުން ކައުންސިލްތައް ބާރުވެރިކުރުވަން ކުރަން ޖެހޭ ކަންކަން އެނގިވަޑައިގަތް ކަމަށް ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއެއް އުފެދިފައި އޮތް ނަމަވެސް ލާމަރުކަޒީ ގާނޫނު އޮތީ އެ ކޮމިޓީތަކަށް އަމަލީ ގޮތުން ހަރަކާތްތެރި ވެވޭނެ ގޮތަކަށް ނޫނެވެ.

ލާމަރުކަޒީ ގާނޫނުން ކޮމިޓީ އުފެދިފައި އޮތް ނަމަވެސް އެލަވަންސެއް ގޮތުގައި ކުޑަ އެއްޗެއް ލިބުން ފިޔަވައި މާ ބޮޑު ފުރުސަތުތަކެއް އެ ކޮމިޓީތަކަށް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ކައުންސިލްގެ ބަޖެޓުން އިންނަ ފަސް ޕަސެންޓުގެ ތެރެއިން ހުރިހާ ކަމެއް ކުރަން މި ޖެހެނީ. އޭގެން އެލަވަންސް ވެސް ދޭން މި ޖެހެނީ،" ރައީސް ވިދާޅުވި އެވެ.

ރޯދަ މަހުގެ އެލަވަންސް ވެސް، ވިހެއުމުގެ ޗުއްޓީ އަންހެނުންނަށް ލިބެން ޖެހޭ ހާއްސަ ޗުއްޓީތަކެއް ނުލިބޭ. އެ ލިބޭ އެލަވަންސްގެ ބޭނުން ކޮށްގެން ލޯނެއް ނަގާކަށް ފުރުސަތެއް ނުލިބޭ. މިހެން ގޮސް ވަރަށް ގިނަ ދަތިތައް އެބަހުރި. -- ރައީސް

ރައީސް ވިދާޅުވީ ބައެއް ރަށްރަށުގައި އާބާދީ ކުޑަވުމުން ލިބޭ ބަޖެޓުގެ ތެރެއިން މުޅި އަހަރު އެއްކޮށް ހަމައަށް އެލަވަންސް ވެސް ނުދެވޭ ކަމަށެވެ. އޭގެ އިތުރުން އެ ކޮމިޓީތަކުގެ މެންބަރުންނަށް އިނާޔަތްތަކެއް ނުލިބޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ފީއަލީގައި: އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ފީއަލީގައި: އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް

"ރޯދަ މަހުގެ އެލަވަންސް ވެސް، ވިހެއުމުގެ ޗުއްޓީ އަންހެނުންނަށް ލިބެން ޖެހޭ ހާއްސަ ޗުއްޓީތަކެއް ނުލިބޭ. އެ ލިބޭ އެލަވަންސްގެ ބޭނުން ކޮށްގެން ލޯނެއް ނަގާކަށް ފުރުސަތެއް ނުލިބޭ. މިހެން ގޮސް ވަރަށް ގިނަ ދަތިތައް އެބަހުރި." އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ލިބޭނަމަ އެ ގާނޫނުތައް އިސްލާހު ކޮށްގެން އެ ހުރިހާ މައްސަލަތަކެއް ހައްލު ކުރަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.