Roadha Mihaaru
ބީއެމްއެލްއަށް އިތުރު 66،000 އެކައުންޓު!

ބީއެމްއެލްއަށް އިތުރު 66،000 އެކައުންޓު!

21 މެއި 2024

މިދިޔަ އަހަރު ބީއެމްއެލްއާ 23،000 އާ ކަސްޓަމަރުން ގުޅުނު ކަމަށް އެ ބޭންކުން ބުނެފި އެވެ.

މިދިޔަ އަހަރު ބީއެމްއެލްއާ 23،000 އާ ކަސްޓަމަރުން ގުޅުނު ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ކަސްޓަމަރުންގެ އިތުބާރު ހޯދައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. މިދިޔަ އަހަރު 66،000 އަށް ވުރެ ގިނަ އެކައުންޓު 23،000 ކަސްޓަމަރުންނަށް އެ ބޭންކްގައި ހުޅުވި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކަސްޓަމަރުން އިތުރުވި އިރު އެ ބޭންކަށް މިދިޔަ އަހަރަކީ މާލީ އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު އަހަރެވެ. މިދިޔަ އަހަރު ނިމުނު އިރު ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް ބޭންކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބީއެމްއެލްގެ ޑައިރެކްޓަ އޮފް ކަސްޓަމާ ސާވިސް ގުލްނާޒް މާހިރު ވިދާޅުވީ އެންމެ ސަމާލުކަމެއް ދޭ އެއް ކަމަކީ ފުރިހަމަ އަދި ރައްކާތެރި ބޭންކިން ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުން ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ހިތްހަމަޖެހޭ އަދި އުފަލާ އެކު ބަލައިގަންނަ ހިދުމަތެއް ފޯރުކޮށްދިނުމަށް. މިގޮތަށް ކުރެވެމުންދާ މަސައްކަތުން މިދިޔަ އަހަރު ވަނީ ކަސްޓަމަރުންގެ ޝަކުވާ 20 ޕަސެންޓަށް ދަށްކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން 2023 ވަނަ އަހަރުގެ މެއި މަހުގައި ވަނީ ޑިޖިޓަލް ބޭންކިން އެސިސްޓަންޓް އާޔާ ތައާރަފްކޮށްފަ އެވެ. އާޔާ އަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖާ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓް ބޮޓެކެވެ.

ގުލްނާޒު ވިދާޅުވީ އާޔާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭ ގޮތަށް ކަމަށެވެ.

"މިދިޔަ އަހަރު، ކަސްޓަމަރުން ފެށި 47،000 ޗެޓްގެ ތެރެއިން 53 ޕަސެންޓު ޗެޓަށް ޖަވާބުދީފައިވަނީ އަޔާ މެދުވެރިކޮށް. މިއިން ދައްކުވައިދެނީ ކަސްޓަމަރުން ބޭންކަށް ގުޅަން ނުޖެހި، ބޭނުންވާ ގިނަ މައުލޫމާތުތަކެއް އާޔާ މެދުވެރިކޮށް ހޯދޭނެކަން. އަދި އާޔާއެކު ބޭންކުގެ ޑިޖިޓަލް މުއާމަލާތްތަކުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދިޔަ،" އޭނާ ވިދާޅުވި އެވެ.

ގުލްނާޒު ވިދާޅުވީ، ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދިނުމުގައި މިދިޔަ އަހަރު 24 ޕަސެންޓު ކުރިއެރުމެއް ލިބުނު ކަމަށާއި މިއީ މިކަމުން އެނގެނީ ކަސްޓަމަރުންނަށް ބޭނުންވާ ފަދަ ހިދުމަތެއް އެކަނި ކަމަށެވެ.