Roadha Mihaaru
އިސްކަންދޭންވީ ޒިންމާދާރު ދަރިވަރަކަށް ވާން: މިނިސްޓަރު

މިނިސްޓަރު އެދިވަޑައިގަތީ ޒިންމާދާރު ދަރިވަރަކަށް ވުމަށް އަޒުމް ކަނޑައަޅަން

26 މެއި 2024

އެންމެ އިސްކަން ދޭންވީ ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރި، ޓީޗަރުންނަށް އިހުތިރާމް ކުރާ ޒިންމާދާރު ދަރިވަރުންތަކަކަށް ވުމަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެންމެ އިސްކަން ދޭންވީ ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރި، ޓީޗަރުންނަށް އިހުތިރާމް ކުރާ ޒިންމާދާރު ދަރިވަރުންތަކަކަށް ވުމަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑު ޗުއްޓީއަށް ފަހު މިއަދު ފެށި 2024ވަނަ އަހަރުގެ ދިރާސީ އާ އަހަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ އިލްމީ ފަންނުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ވަނީ އެންމެން ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.

އެކަން ކާމިޔާބުކުރަން އެންމެ މުހިއްމު ކަމަކީ ސްކޫލުތަކާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަވެ ހަރުދަނާވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިރާސީ އާ އަހަރަކަށް ކުރިމަތިލާއިރު، އެންމެ އިސްކަމެއް ދޭންވީ، އިސްލާމް ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރި، މުދައްރިސުންނަށް ގަދަރާއި އިހްތިރާމްކުރާ، ހިންމަތާއެކު އުނގެނުމަށް މަސައްކަތްކުރާ، ޒިންމާދާރު ދަރިވަރަކަށްވުމަށް. އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއެކު، ތިމާ އާއި ތިމާ ވަށައިގެންވާ އެންމެންގެ ސަލާމާތާއި ރައްކާތެރިކަމަށް އިސްކަންދޭ ދަރިވަރަކަށް ވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އުނގެނުމާއި އުނގަންނައިދިނުން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނީ ސްކޫލުތަކުގެ ވެއްޓަކީ އުނގެނުމަށް ފަހި، އުފާވެރި ވެއްޓަކަށް ވެގެންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ އުނގެނުމަށާއި އުނގަންނައިދިނުމަށް ހިތްފަސޭހަ މާހައުލެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ.

"ދަރިވަރުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި އުފާވެރި ހިތްފަސޭހަ މާހައުލެއް ސްކޫލުތަކުގައި ގާއިމުކުރުމަކީ މިސަރުކާރުން ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ވެސް ވިދާޅުވި ގޮތުގައި ކްލާސްތަކުގައި ދަރިވަރުން ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދޭނެ އެވެ. އެ ވައުދާ އެއްގޮތަށް، ސްކޫލުތައް އޭސީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަސްމީ ތައުލީމީ ނިޒާމުގެ ހިންގުން ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ރާވައިފަ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން މިހާރު ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި ދެން ހުރި ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އާ އަހަރާ އެކު އުގެނުމަށް ލިބިފައިވާ ރަނުގެ ފުރުސަތު އެންމެ ހެޔޮގޮތުގައި ބޭނުން ކުރަން ހުރިހާ ދަރިވަރުންނަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.