Roadha Mihaaru
ހީނާ އަށް އުރަމަތީ ކެންސަރު ޖެހިގެން ފަރުވާ ކުރަނީ

ހީނާ އަށް އުރަމަތީ ކެންސަރު ޖެހިގެން ފަރުވާ ކުރަނީ

29 ޖޫން 2024

ހިންދީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދާފައިވާ ތަރި ހީނާ ހާނަށް އުރަމަތީ ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހިންދީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދާފައިވާ ތަރި ހީނާ ހާނަށް އުރަމަތީ ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.

ހީނާ، 36، އެ ޚަބަރު ހިއްސާކުރީ އޭނާގެ އިންސްޓަގްރާމްގައި އިއްޔެ ކުރި ޕޯސްޓެއްގަ އެވެ. މި ޚަބަރު ހިއްސާކުރުމުން އޭނާގެ ފޭނުންނަށް ވަރަށް ބޮޑު ސިހުމެއް ވަނީ ލިބިފަ އެވެ.

"ހެލޯ އެވްރީވަން. އަހަންނާ ބެހޭ ގޮތުން ފެތުރިފައިވާ އަޑުތަކަށް އެއްޗެއް ބުނެލަން ބޭނުން. އަހަރެން ދެކެ ލޯބިވާ، އަހަންނަށް ސަޕޯޓުކުރާ އެންމެންނަށް އަހަރެންގެ ވަރަށް މުހިންމު ވާހަކައެއް ހިއްސާކޮށްލަން އެބައޮތް. އަހަންނަށް ވަނީ އުރަމަތީ ކެންސަރުގެ ޖެހިފައި. އަހަރެން މި ހުރީ ކެންސަރުގެ ތިން ވަނަ ސްޓޭޖުގައި،" ހީނާ ބުންޏެވެ.

"ނަމަވެސް އަހަރެން ބޭނުންވަނީ އެންމެންނަށް ވެސް ޔަގީންކަން ދޭން، އަހަރެންގެ ހާލު ރަނގަޅު ކަން. އަދި އަހަރެން މި ބަލިމަޑުކަމުން އަރައިގަތުމަށް ގަދަހިތްވަރެއް ކުރަމުން އަންނަކަން."

އެ ޕޯސްޓުގައި ހީނާ ބުނީ، މި ކަހަލަ ދަނޑިވަޅެއްގައި އޭނާގެ އަމިއްލަ މިނިވަން ކަމަށް ހުރަސް ނޭޅުމަށެވެ. އާންމުންގެ ފަރާތުން އޭނާ އަށް ލިބޭ ހެޔޮދުއާ ގަބޫލުކޮށް އެކަމާ އުފާވާ ކަމަށް ވެސް ހީނާ ބުންޏެވެ.

ހީނާ އެންމެ ބޮޑަށް މަޝްހޫރުވީ ސްޓާ ޕްލަސްގެ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ "އަކްޝަރާ"ގެ ރޯލުންނެވެ. އަދި ޓިވީ ސިލްސިލާ "ކަސައުޓީ ޒިންދަގީ ކީ 2"ގެ "ކޮމަލިކާ"ގެ ރޯލުން ވެސް އޭނާ ކުޅުނެވެ.

ހީނާ ވަނީ މަޝްހޫރު ހިންދީ ރިއަލިޓީ ޝޯތައް ކަމަށްވާ "ކަތުރޯ ކޭ ކިލާޑީ"ގެ އަށް ވަނަ ސީޒަން އާއި "ބިގް ބޮސް"ގެ 11 ވަނަ ސީޒަންގައި ބައިވެރިވެފަ އެވެ.

އޭނާ ކުޅުނު ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި "ހެކްޑް"، "ސްމާޓްފޯން"، "ލައިންސް"، "ވިޝްލިސްޓް" އަދި "އަންލޮކް" ކަހަލަ މަދު ފިލްމުތައް ހިމެނެ އެވެ. އަދި ވެބް ސީރީޒެއް ކަމަށްވާ "ޑެމޭޖްޑް 2"ގެ ދެވަނަ ސީޒަންގެ ރޯލެއް ވެސް އޭނާ ކުޅުނެވެ.