Roadha Mihaaru
ގައުމު ރުޅިއަރުވާލި ކޮޕާގައި ބްރެޒިލް މޮޅަކުން ފަށަައިފި

ރައްޔިތުން ރުޅިއަރުވާލި ކޮޕާ އެމެރިކާގައި ބްރެޒިލް މޮޅަކުން ފަށައިފި

14 ޖޫން 2021

ބްރަޒިލިއާ، ބްރެޒިލް (ޖޫން 14) - ކޮވިޑް-19 ގެ ހާލަތު ގޯސް ވެފައިވާ ބްރެޒިލްގައި ކޮޕާ އެމެރިކާގެ މުބާރާތް ކުރިއަށް ނުގެންދިއުމަށް ރައްޔިތުން ގޮވަމުން ދަނިކޮށް، އެ މުބާރާތް ފަށައި ފުރަތަމަ މެޗުގައި ވެނެޒުއޭލާގެ މައްޗަށް 3-0 އިން ބްރެޒިލް މޮޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބްރަޒިލިއާ، ބްރެޒިލް (ޖޫން 14) - ކޮވިޑް-19 ގެ ހާލަތު ގޯސް ވެފައިވާ ބްރެޒިލްގައި ކޮޕާ އެމެރިކާގެ މުބާރާތް ކުރިއަށް ނުގެންދިއުމަށް ރައްޔިތުން ގޮވަމުން ދަނިކޮށް، އެ މުބާރާތް ފަށައި ފުރަތަމަ މެޗުގައި ވެނެޒުއޭލާގެ މައްޗަށް 3-0 އިން ބްރެޒިލް މޮޅުވެއްޖެ އެވެ.

ބްރެޒިލްގެ ފެޑެރަލް ކެޕިޓަލް ސިޓީ، ބްރަޒިލިއާގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ މާކްއިނޯސް، ނޭމާ އަދި ގެބްރިއަލް ބާބޯސާ އެވެ. ނޭމާ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. އަދި ތިން ވަނަ ލަނޑު ޖަހަން ބާބޯސާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ނޭމާ އެވެ.

ރޭ ކުޅުނު ދެ ވަނަ މެޗުގައި، އެކުއެޑޯގެ މައްޗަށް ކޮލަމްބިއާ މޮޅުވީ 1-0 އިންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ އެޑްވިން ކާޑޯނާ އެވެ. މުބާރާތުގައި މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އާޖެންޓީ އާއި ޗިލީ އެވެ. ދެ ވަނަ މެޗުގައި ނުކުންނާނީ ޕެރެގުއޭ އާއި ބޮލީވީ އެވެ.

ކޮލަމްބިއާ އެޑްވިން ކާޑޯނާ --- ފޮޓޯ: އޭއެގްޕީ

ކޮލަމްބިއާ އެޑްވިން ކާޑޯނާ --- ފޮޓޯ: އޭއެގްޕީ

ކޮލަމްބިއާ އާއި އާޖެންޓީނާގައި އެންމެ ފުރަތަމަ ބާއްވަން އޮތް މުބާރާތް އެ ދެ ގައުމުގައި ބޭއްވޭ ގޮތް ނުވުމުން، ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާ (ކޮންމެބޯލް) އިން ނިންމީ އެ މުބާރާތް ބްރެޒިލަށް ބަދަލު ކުރުމަށެވެ. މުބާރާތް ހޯސްޓް ކުރަން ބްރެޒިލް ސަރުކާރުން އެއްބަސްވުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފަ އެވެ.

ކޮލަމްބިއާގައި އެ މުބާރާތް ނުބޭއްވުނީ އެ ގައުމު ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި އޮތުމުން ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެތީ އެވެ. ފަހުން އާޖެންޓީނާގައި އަކަނި މުބާރާތުގެ މެޗުތައް ކުޅެން ކޮންމެބޯލްއިން ނިންމި އެވެ. ނަމަވެސް އާޖެންޓީނާގައި ކޮވިޑްގެ ހާލަތު ނުރައްކާތެރި ފައްތަރަކަށް ދިއުމުން މުބާރާތް އެ ގައުމުގައި ބޭއްވޭނެ ހާލަތެއް ނެތް ކަމަށް އާޖެންޓީނާގެ ސަރުކާރުން ނިންމި އެވެ. ބްރެޒިލްގެ ރައްޔިތުން އެންމެ ރުޅި އައި އެއް ސަބަބަކީ އެއީ އެވެ. އާޖެންޓީނާގައި ކޮވިޑް ހާލަތު ގޯސްވުމުން އެ ގައުމުގައި ނުބޭއްވުނު މުބާރާތް ބްރެޒިލަށް ބަދަލުކުރަން އެ ގައުމުގެ ސަރުކާރުން އެއްބަސް ވުމެވެ.

ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކާއި މަރުގެ އަދަދުތަކަށް ބަލާއިރު ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމަކީ ބްރެޒިލެވެ. އެ ގައުމުގައި ވެކްސިން ފުރިހަމަކޮށްފައި ވަނީވެސް އާބާދީގެ މަދު ޕަސެންޓެކެވެ.

ކޮވިޑްގެ ހާލަތު ބްރެޒިލްގައި ވެސް ގޯސް ދަރަޖައަކަށް ވެއްޓިފައި އޮތުމުން ބްރެޒިލްގެ ކުޅުންތެރިން ވެސް މުބާރާތް އެ ގައުމުގައި ބޭއްވުމަށް ތާއީދެއް ނުކުރެ އެވެ.