Roadha Mihaaru
ޕެރޫ ބަލިކޮށް ބްރެޒިލް ފައިނަލަށް

ޕެރޫ ބަލިކޮށް ޗެމްޕިއަން ބްރެޒިލް ފައިނަލަށް

06 ޖުލައި 2021

ރިއޯ ޑީ ޖެނީރޯ (ޖުލައި 7) - ސެމީ ފައިނަލުގައި ޕެރޫގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކޮޕާ އެމެރިކާގެ ފައިނަލަށް އަނެއްކާވެސް ބްރެޒިލް ދަތުރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރިއޯ ޑީ ޖެނީރޯ (ޖުލައި 7) - ސެމީ ފައިނަލުގައި ޕެރޫގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކޮޕާ އެމެރިކާގެ ފައިނަލަށް އަނެއްކާވެސް ބްރެޒިލް ދަތުރު ކޮށްފި އެވެ.

ބްރެޒިލްގެ މަޝްހޫރު މެރަކާނާ ސްޓޭޑިއަމްގައި އަންނަ އާދިއްތަ ދުވަހު ފަތިހު ކުޅޭ ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް ނުކުންނާނީ އާޖެންޓީނާ އާއި ކޮލަމްބިއާގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ. އާޖެންޓީނާ އާއި ކޮލަަމްބިއާ ކުޅޭ ސެމީ ފައިނަލް މެޗު މިރޭ ފަތިހު އޮންނާނެ އެވެ.

ރިއޯ ޑި ޖެނީރޯގައި ހުންނަ ސަންޓޯސް ސްޓޭޑިއަމްގެ ވިނަގަނޑުގެ އެކި ދިމާތައް އުފުލިފައި ހުރި ދަނޑުގައި ކުޅުނު މެޗުގައި ތަފާތަކަށްވީ ނޭމާ އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖަހަން ލޫކަސް ޕަކްއެޓާ އަށް ބޯޅަ ތަނަވަސް ކޮށްދިނީ ނޭމާ އެވެ. ޕަކުއެޓާ އަށް ނޭމާ ބޯޅަ ދިނީ ޕެރޫގެ ޑިފެންޑަރު އެލެގްޒެންޑާ ކަލެންސް އަށް ބޯޅައިގެ މިސްރާބު އޮޅުވާލުމަށް ފަހު އެވެ.

ޕެރޫ މުބާރާތުން ކެޓި ނަމަވެސް އެ ޓީމުގެ ކީޕަރު ޕެޑްރޯ ގަލޭސް އަކީ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އެވެ. މެޗުގެ 18 ވަނަ މިނެޓްގައި އޭނާ ވަނީ އުނދަގޫ ދެ ސޭވް ކޮށްފަ އެވެ. އެއީ ނޭމާ އާއި ރީޗާލްސަން ގޯލް ކައިރިން ފޮނުވާލި ދެ ބޯޅަ އެވެ.

ގުރޫޕު ސްޓޭޖުގައި 4-0 އިން ޕެރޫ ބަލި ކުރި ނަމަވެސް، ސެމީ ފައިނަލުގައި ޕެރޫގެ ފަރާތުން ބްރެޒިލަށް ވަރުގަދަ ޗެލެންޖެއް ދިނެވެ.