Roadha Mihaaru
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ

މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ

30 ޖޫން 2024

މަސްވެރިންނަށް މިހާތަނަށް ނުދެވި ބާކީ ހުރި ފައިސާ މާދަމާ ދައްކައި ހަލާސް ކުރާނެ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަސްވެރިންނަށް މިހާތަނަށް ނުދެވި ބާކީ ހުރި ފައިސާ މާދަމާ ދައްކައި ހަލާސް ކުރާނެ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ބުނެފި އެވެ.

މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިން މިފްކޯ އަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހޭ ފައިސާ ސަރުކާރާއި މިފްކޯ އާއި ގުޅިގެން ކުރެވުނު މަސައްކަތުން މާދަމާ ދައްކާނެ ކަމަށެވެ.

މިފްކޯ އިން ބުނި ގޮތުގައި އެ ފައިސާ ދެއްކުމުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު 353 މިލިއަން ރުފިޔާ އަށް އަރާނެ އެވެ. އޭގެ އިތުރުން އެ ކުންފުންޏަށް ލިބޭ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން އެކި ދުވަސްތަކުގެ މަތިން މަސްވެރިން ވަނީ މުޒާހަރާ ކޮށްފަ އެވެ.

އެ ކުންފުނިން މިއަދު ވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ހުރި ރޭޓަށް މަސް ގަންނަން ވެސް ނިންމައިފަ އެވެ.

އެގޮތަށް ކަނޑައަޅާ އަގެއް ކޮންމެ ހަފްތާއަކު އެ ކުންފުނިން އާންމުކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ މިފްކޯ އިން ބުންޏެވެ.

މިފްކޯ އިން މިހާތަނަށް މަސް ގަންނަމުން އައީ ބާޒާރުގައި ވިއްކާ އަގަށް ނުބަލައި ސަރުކާރުން ކަނޑައަޅާ އަގަކަށެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ ސަރުކާރުން ވަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކޮށްފަ އެވެ. އަދި މި ސަރުކާރުން ވަނީ އެ އަދަދު 20ރ. އަށް ކުޑަކޮށްފަ އެވެ.

އަގު ކުޑަ ކުރުމުން ވެސް މަސްވެރިންނަށް ފައިސާ ދެވެނީ ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެންނެވެ. ކޮންމެ އަހަރަަކު ގާތްގަނޑަކަށް މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅަ އެވެ.

މި ސަރުކާރުން ވައުދުވެފައި ވަނީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަށެވެ. އެ ގޮތަށް ފައިސާ ދެވޭނީ މިފްކޯ އަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނެސް މާލީ ހާލަތު ރަނގަޅުވުމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.