Roadha Mihaaru
އެއްބަސްވުމަށް ހުރަހަކީ ނަތަންޔާހޫ: ހަމާސް

އެއްބަސްވުމަށް ހުރަސްތައް ކުރިމަތިކުރަނީ ނަތަންޔާހޫ: ހަމާސް

09 ޖުލައި 2024

އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލައި އިޒްރޭލުގެ ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމަކާ ހަމަޔަށް ދިއުމަށް ހުރަސްތައް ކުރިމަތިކުރަނީ އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ކަމަށް ހަމާސް ޖަމާއަތުން އިއްޔެ ބުނެފި އެވެ.

އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލައި އިޒްރޭލުގެ ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމަކާ ހަމަޔަށް ދިއުމަށް ހުރަސްތައް ކުރިމަތިކުރަނީ އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ކަމަށް ހަމާސް ޖަމާއަތުން އިއްޔެ ބުނެފި އެވެ.

މީގެ ނުވަ މަސް ކުރިން އިޒްރޭލުން ދޭން ފެށި ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް މިހާތަނަށް ކުރި މަޝްވަރާތަކުން އެއްވެސް ހައްލެއް ނުފެނި މިހާތަނަށް ފަލަސްތީނުން 38،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ސުލްހައިގެ މަޝްވަރާތައް އަލުން އާ ހުށަހެޅުންތަކާ އެކު ފަށާފައި ވަނިކޮށް ހަމާސްއިން ނެރުނު ބަޔާނުގައި ބުނީ މަޝްވަރާތަކަށް ހުރަހަކަށްވާ ގޮތަށް ނަތަންޔާހޫ އަމަލުކުރަމުން ދިއުން އަދިވެސް ނުހުއްޓޭ ކަމަށެވެ.

ހަމާސް އިން ބުނީ ވާހަކަތައް އަލުން ފެށުމާ ދިމާކޮށް މިފަހަރު ވެސް އިޒްރޭލުގެ ހަމަލާތައް ޣައްޒާގައި ވަރުގަދަކޮށް ފަލަސްތީނުގެ އާންމުން ބައެއް ސަރަހައްދުތައް ދޫކޮށް ދާން އަންގައި ބިރު ދައްކަމުންދާ ކަމަށެވެ.

އިޒްރޭލުން ބުނަމުން ދަނީ ކޮންމެ އެއްބަސްވުމެއް ހެދި ނަމަވެސް އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާ އެކު ހަމަލާތަކުގެ މަގްސަދު ހާސިލްކުރުން ހުއްޓާނުލާނެ ކަމަށެވެ. އިޒްރޭލުން ބުނާ ގޮތުގައި ހަމަލާ ދެނީ ހަމާސް ނައްތާލުމަށެވެ.

މީގެ ކުރިން ހަމާސް އިން ބުނަމުން ދިޔައީ އިޒްރޭލުގެ ހަމަލާތައް ދާއިމީކޮށް ހުއްޓާލަން އެއްބަސްވާ ގޮތަކަށް ނޫނީ މަޝްވަރާ ނުކުރާނެ ކަމަށެވެ. އެކަމަކު އިއްޔެ އެ ޖަމާއަތުން ވަނީ މި ޝަރުތު ދޫކޮށްލައި މަޝްވަރާތަކައިގެން ކުރިއަށްދާން ނިންމިކަން އިއުލާނުކޮށްފަ އެވެ. -- އޭއެފްޕީ