Roadha Mihaaru
ވެލާނާ އެއާޕޯޓުގައި "ވެލްކަމް" މޮނިއުމެންޓެއް

ވެލާނާ އެއާޕޯޓުގައި ހެދި "ވެލްކަމް" މޮނިއުމެންޓް ހުޅުވައިފި

09 ޖުލައި 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި "ވެލްކަމް" މޮނިއުމެންޓް މިއަދު ހުޅުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި "ވެލްކަމް" މޮނިއުމެންޓް މިއަދު ހުޅުވައިފި އެވެ.

މި މޮނިއުމެންޓް ބަހައްޓާފައި ވަނީ ސިނަމާލެ ބްރިޖުން ފައިބައިގެން ހުޅުލެއަށް އަރާ ދިމާލުގައި އެވެ. މި މޮނިއުމެންޓުގައި ވެލާނާ އެއާޕޯޓުގެ ނަން ބޯޑަކާއި އޭގެ މަތީގައި ބޮޑުގަޑިއެއް ބަހައްޓާފައިވެ އެވެ. އަދި، ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި ބޭނުންކުރާ ދިވެހި ގަލުވަޑާމުގެ ޑިޒައިން މި މޮނިއުމެންޓުގައި ބޭނުންކޮށްފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި "ވެލްކަމް" މޮނިއުމެންޓް.-- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި "ވެލްކަމް" މޮނިއުމެންޓް.-- ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓު ހިންގާ ކުންފުނި، އެމްއޭސީއެލްއިން ހެދި މި މޮނިއުމެންޓް ހުޅުއްވައި ދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެއްބައި އަންނަ ނޮވެމްބަރު މަހު ނިންމައި، އެތަނުން ހިދުމަތް ދޭން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ޓާމިނަލް އެއްކޮށް ނިންމާލާނީ އަންނަ އަހަރުގެ ފަހުކޮޅަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި "ވެލްކަމް" މޮނިއުމެންޓްގައި ކައިރީގައި އެމްއޭސީއެލްގެ ވެރިން މަޑުކޮށްލައިގެން.-- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި "ވެލްކަމް" މޮނިއުމެންޓްގައި ކައިރީގައި އެމްއޭސީއެލްގެ ވެރިން މަޑުކޮށްލައިގެން.-- ފޮޓޯ: އެމްއޭސީއެލް

އެ ޕްރޮޖެކްޓް އަވަސް ކުރަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހޯދައިފަ އެވެ. އެއާ އެކު އެ ޕްރޮޖެކްޓްގެ ޖުމްލަ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރަ އެވެ.

އާ ޓާމިނަލް އެއްކޮށް ބޭނުންކުރަން ފެށުމުން ގާތްގަނޑަކަށް އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. އަދި މި އާ ޓާމިނަލްއާ އެކު، އެއާޕޯޓަށް 1،800 މުވައްޒަފުން އިތުރުވާނެ އެވެ. މިހާރު ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ އެއާލައިނަށް ހިދުމަތް ދޭއިރު އާ ޓާމިނަލްއާ އެކު، އިތުރު އެއާލައިންތަކަށް ވެސް ފުރުސަތުތައް ދެވޭނެ އެވެ.