Roadha Mihaaru
ޔޯރޯ: ބޮޑު އަގުގައި ގެންދިޔަ 18 އަހަރުގެ ޑިފެންޑަރު

ޔޯރޯ: ޔުނައިޓެޑުން 68 މިލިއަނަށް ގެންދިޔަ 18 އަހަރުގެ ޑިފެންޑަރު

20 ޖުލައި 2024

މެންޗެސްޓާ (ޖުލައި 20) - ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެންޗެސްޓާ ޔުނައިޓެޑުން ވަނީ 68 މިލިއަން ޑޮލަރުގެ ޑީލެއްގައި ފްރާންސްގެ ލިލް އަށް ކުޅެމުން އައި އުމުރުން 18 އަހަރުގެ ޑިފެންޑަރު، ލެނީ ޔޯރޯ ހޯދައިފަ އެވެ.

މެންޗެސްޓާ (ޖުލައި 20) - ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެންޗެސްޓާ ޔުނައިޓެޑުން ވަނީ 68 މިލިއަން ޑޮލަރުގެ ޑީލެއްގައި ފްރާންސްގެ ލިލް އަށް ކުޅެމުން އައި އުމުރުން 18 އަހަރުގެ ޑިފެންޑަރު، ލެނީ ޔޯރޯ ހޯދައިފަ އެވެ.

ޔުނައިޓެޑުން ޔޯރޯގެ ޑީލް ކާމިޔާބު ކުރީ ވަރުގަދަ ރެއާލް މެޑްރިޑާ ވާދަކޮށެވެ. ހަމަ އެއާ އެކު، ޕީއެސްޖީ އާއި ޗެލްސީ އަދި ލިވަޕޫލް ވެސް ޔޯރޯ ހޯދަން މަސައްކަތްކުރި އެވެ.

ސްޕެއިންގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ލިލް އިން ވަނީ ޔުނައިޓެޑްގެ ހުށަހެޅުން ގަބޫލުކުރަން ޔޯރޯ އަށް ވަރަށް ބޮޑަށް ބާރު އަޅައިފަ އެވެ.

ކުރިއަށް އޮތް ސީޒަނުގެ ނިޔަލަށް ލިލްއާ އެކު، ކޮންޓްރެކްޓް އޮއްވައި، ކްލަބުގައި މަޑުކުރުމަށް ފަހު ހިލޭ ޓްރާންސްފާގައި ރެއާލަށް ބަދަލުވާން ފުރުސަތު ލިބޭ ނަމަ އޭނާ އަށް އަންނަ ސީޒަނުގައި ކުޅުމުގެ ފުރުސަތު ނުދޭނެ ކަމަށް ކްލަބުން ވަނީ އަންގައިފަ އެވެ.

މި އަހަރުގެ ޔޫރޯގައި ކުޅުނު ފްރާންސްގެ ސީނިއާ ސްކޮޑުން ފުރުސަތު ނުލިބުނު ޔޯރޯ ނަން އޮތީ އަންނަ ބުދަ ދުވަހު ޕެރިހުގައި ފަށާ އޮލިމްޕިކް ގޭމްސްގައި ވާދަކުރާ ސްކޮޑުގަ އެވެ.

ނަމަވެސް މި ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިޔާ ކޮންމެ ހާލެއްގައި ވެސް ބޮޑު އަގުގައި ވިއްކާލުމުގެ މަގުސަގުގައި ކްލަބުން އޭނާ ގައުމީ ޓީމަށް ދުލެއް ނުކުރި އެވެ. މިއާ ގުޅިގެން، ތިއެރީ އޮންރީގެ ކޯޗު ކަމުގައި ކުޅޭ ސްޕެއިންގެ އޮލިމްޕިކް ސްކޮޑުން ވެސް ޔޯރޯ ބާކީ ކުރަން މަޖުބޫރުވީ އެވެ.

ޔޯރޯ މިހާރު އަންނަނީ ޔުނައިޓެޑުގެ ޕްރީސީޒަން ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ޕެރިހަށް އުފަން ޔޯރޯގެ ބައްޕައަކީ އައިވަރީ ކޯސްޓުގެ ރައްޔިތެކެވެ. އޭނާގެ މައިންބަފައިން ޕެރިސް ދޫކޮށް، ލިލް އަށް ބަދަލުވީ އޭނާގެ އުމުރުން ހަ އަހަރުގަ އެވެ. ލިލްގެ އެކަޑަމީއާ ގުޅުނީ އޭގެ ހަ އަހަރު ފަހުން، އުމުރުން 12 އަހަރުގަ އެވެ.

ފްރާންސްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅެމުން ޔޯރޯ ވަނީ 2021/2022 ސީޒަންގެ ފަހު މެޗުގައި އުމުރުން 16 އަހަރާއި ހަ މަހާއި އެއް ދުވަހުގައި ލިލްގެ ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅެފަ އެވެ. ޖެހިގެން އައި ސީޒަނުގައި ޖުމްލަ 15 މެޗު ކުޅުނުއިރު 10 މެޗު ސްޓާޓް ކުރި އެވެ.

މިދިޔަ ސީޒަންގެ ފުރަތަމަ މެޗުގައި ޔޯރޯ އިނީ ބެންޗުގަ އެވެ. ނަމަވެސް ސީޒަންގެ ކުރީކޮޅު އޮތް ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ޕްލޭއޮފްގައި ކްރޮއޭޝިއާގެ ރައިޔޭކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ ފަހު ވަގުތު ޓީމު މޮޅު ކޮށްދިން ލަނޑު ޖެހި ހިސާބުން އޭނާ ވަނީ ކޯޗުގެ ފުރިހަމަ އިތުބާރު ހޯދައިފަ އެވެ.

އިސްކޮޅުގައި ހަ ފޫޓު ދެ އިންޗި ހުންނަ ޔޯރޯ ވަނީ މިދިޔަ ސީޒަންގައި ލީގުގައި އެ ޓީމު ކުޅުނު 34 މެޗުގެ ތެރެއިން 30 މެޗުގައި ސްޓާޓް ކޮށްފަ އެވެ. ލީގުގެ ހަތަރުވަނައިގައި ލިލް ނިންމިއިރު ޔޯރޯ ވަނީ ލީގުން ހޮވި ސީޒަންގެ ޑްރީމް ޓީމުގައި ވެސް ހިމެނިފަ އެވެ.

ޔުނައިޓެޑުން ވަނީ އާ ސީޒަނަށް، ޔޯރޯގެ ކުރިން 46 މިލިއަން ޑޮލަރަށް ބޮލޯނިއާގެ ނެދަލެންޑްސް ފޯވާޑް، ޔޯޝުއާ ކާކްޒީގެ ސޮއި ވެސް ހޯދައިފަ އެވެ. ބެޔާން މިއުނިކުން ކެރިއަރު ފެށި އުމުރުން 23 އަހަރުގެ ފޯވާޑް ވަނީ ޔޫރޯގެ ސެމީއަށް ދަތުރުކުރި ނެދަލެންޑްސް ޓީމަށް ކުޅެފަ އެވެ.

ކޮންޓްރެކްޓް ހަމަވެގެން ޔުނައިޓެޑުން ޑިފެންޑަރު ރަފައެލް ވަރާން ދޫކޮށްލާފައިވާއިރު، މިޑްފީލްޑަރު ޑޮވީ ވެން ޑި ބީކް ވަނީ ސްޕެއިންގެ ޖިރޯނާ އަށް ވިއްކާލައިފަ އެވެ. ހަމަ އެއާ އެކު، މޭސަން ގްރީންވުޑް ވެސް ވަނީ ފްރާންސްގެ މާސޭ އަށް ވިއްކާލައިފަ އެވެ.