Roadha Mihaaru
މެކްޓޮމިނޭ ދޫކޮށްލައި ޔުނައިޓެޑުން އުގާޓޭ ގެނެސްފި

މެކްޓޮމިނޭ ދޫކޮށްލައި ޔުނައިޓެޑުން އުގާޓޭ ގެނެސްފި

31 އޯގަސްޓް 2024

މެންޗެސްޓާ (އޮގަސްޓް 31) - މެންޗެސްޓާ ޔުނައިޓެޑުން ސްކޮޓް މެކްޓޮމިނޭ އިޓަލީގެ ނަޕޯލީ އަށް ވިއްކާލައި، އޭނާގެ މަގާމު ފުރަން 66 މިލިއަން ޑޮލަރަށް ޕީއެސްޖީގެ އުރުގުއޭ މިޑްފީލްޑަރު މެނުއެލް އުގާޓޭ، ގެނެސްފި އެވެ.

މެންޗެސްޓާ (އޮގަސްޓް 31) - މެންޗެސްޓާ ޔުނައިޓެޑުން ސްކޮޓް މެކްޓޮމިނޭ އިޓަލީގެ ނަޕޯލީ އަށް ވިއްކާލައި، އޭނާގެ މަގާމު ފުރަން 66 މިލިއަން ޑޮލަރަށް ޕީއެސްޖީގެ އުރުގުއޭ މިޑްފީލްޑަރު މެނުއެލް އުގާޓޭ، ގެނެސްފި އެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އުގާޓޭގެ ސޮއި ހޯދީ ޕޯޗުގަލްގެ ސްޕޯޓިން އަށް ހަމަ މި އަގު ދައްކައިފަ އެވެ.

ސްކޮޓްލެންޑްގެ މިޑްފީލްޑަރު މެކްޓޮމިނޭ އަކީ އުމުރުން ފަސް އަހަރުގައި ޔުނައިޓެޑްގެ އެކަޑަމީއާ ގުޅުނު ކުޅުންތެރިއެކެވެ. ޔުނައިޓެޑާ އެކު ސީނިއާ ކެރިއަރު ފެށީ 2017 ވަނަ އަހަރު އެވެ. އުމުރުން 27 އަހަރުގައި މެކްޓޮމިނޭ ޔުނައިޓެޑް ދޫކޮށްލަނީ ކުޅެދިން 255 މެޗުން 29 ގޯލު ޖަހައިދީފަ އެވެ. އޭގެ ތެރެއިން 10 ގޯލު ޖަހައިދިނީ މިދިޔަ ސީޒަނުގަ އެވެ. މި ސީޒަނުގައި ޔުނައިޓެޑުން މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް މެކްޓޮމިނޭ ކުޅެފައިވެ އެވެ.

ނަޕޯލީން ވަނީ މެކްޓޮމިނޭ އާއެކު ބްރައިޓަން އަށް ކުޅޭ ސްކޮޓްލެންޑްގެ މިޑްފީލްޑަރު ބިލީ ގިލްމޯގެ ސޮއި ވެސް ހޯދައިފަ އެވެ. ޗެލްސީ ދޫކޮށް 2022 ވަނަ އަހަރު ބްރައިޓަން އަށް ބަދަލުވި ގިލްމޯ، 23، އޭނާގެ ސީނިއާ ކެރިއަރު ޗެލްސީގައި ފެށީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގަ އެވެ. ނަޕޯލީގެ ކޯޗަކީ ވެސް ކޮންޓޭ އެވެ.

އުގާޓޭ އަކީ ޔުނައިޓެޑުން މި ބާޒާރުގައި ގެނައި ހަވަނަ ކުޅުންތެރިޔާ އެވެ. ޔުނައިޓެޑުން ވަނީ ބޮލޯނިއާ އަށް ކުޅެމުން އައި ފޯވާޑް ޖޯޝުއާ ޒާކްޒީ އާއި ލިލްގެ ޑިފެންޑަރު ލެނީ ޔޯރޯ އާއި ބެޔާން މިއުނިކުގެ ޑިފެންޑަރުން ކަމަށްވާ މެތިއުސް ޑެލިޓް އާއި ނުސާއިރު މަޒްރޫއީގެ އިތުރުން މާލީގެ 18 އަހަރުގެ މިޑްފީލްޑަރު ސެކޫ ކޯނޭގެ ސޮއި ހޯދައިފަ އެވެ.

މާލީގެ އެކަޑަމީއަކުން ތަމްރީނު ވެގެން މިދިޔަ އަހަރު އޮތް 17 އަހަރުން ދަށުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލް ކުޅެ، މުބާރާތުން ހަތަރު ވަނަ ހޯދި މާލީގެ ޒުވާން ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކައި، ކޯނޭ ވަނީ މުބާރާތުގެ ޓީމް އޮފް ދަ ޓޯނަމަންޓުން ވެސް ޖާގަ ހޯދައިފަ އެވެ. އަދި ޔުނައިޓެޑުގެ އިތުރުން ވުލްވްސް އާއި ކްރިސްޓަލް ޕެލަސް އިން ވެސް އޭނާއަށް ޝައުގުވެރިކަން ފާޅު ކުރި އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން އޭނާ ގަތީ މާލީގެ ގައިޑާސް ކްލަބަށް 1 މިލިއަން ޕައުންޑް ދައްކައި، ކުރިއަށް އޮތް ތަނުގައި އެޑޯންސްގެ ގޮތުގައި އިތުރު ފައިސާ ދޭން އެއްބަސް ވެގެންނެވެ.