Roadha Mihaaru
ސްޓޭޓް މިިނިސްޓަރު އާދަމަށް ފަނޑިޔާރުންގެ ނުރުހުން

ސްޓޭޓް މިނިސްޓަރު އާދަމް މުހައްމަދު ހައި ކޯޓުގައި ވަކާލާތުކުރި ގޮތުން ފަނޑިޔާރުންގެ ނުރުހުން

22 ޖުލައި 2024

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ޝަރީއަތަށް ތައްޔާރު ނުވެ ވަޑައިގެންނެވި ކަމަށް ވިދާޅުވެ، ހައި ކޯޓުގެ ފަނޑިޔާރުންގެ ނުރުހުން އޭނާއަށް އިއްޔެ އަމާޒުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ޝަރީއަތަށް ތައްޔާރު ނުވެ ވަޑައިގެންނެވި ކަމަށް ވިދާޅުވެ، ހައި ކޯޓުގެ ފަނޑިޔާރުންގެ ނުރުހުން އޭނާއަށް އިއްޔެ އަމާޒުވެއްޖެ އެވެ.

ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން އާދަމް މުހައްމަދު އިއްޔެ ހައި ކޯޓުގައި ވަކާލާތު ކުރެއްވީ ލ. ފޮނަދޫ ކައުންސިލްގެ ވަކީލެއްގެ ގޮތުގަ އެވެ. އެ މައްސަލައަކީ އެ ކައުންސިލާއި އަމިއްލަ މީހަކާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެކެވެ.

ހައި ކޯޓުގައި އިއްޔެ އޮތް އަޑުއެހުމުގައި ފޮނަދޫ ކައުންސިލްގެ ވަކީލެއްގެ ގޮތުން އާދަމް މުހައްމަދު ވަނީ މައްސަލަ އިސްތިއުނާފުކުރި ސަބަބުތައް ޝަރީއަތަށް ވިދާޅުވެ ދެއްވައިފަ އެވެ. އޭނާ އެ ސަބަބުތައް ވަރަށް ތަފްސީލްކަމާ އެކު ކިޔައިދެއްވަމުން ދިޔައީ އިސްތިއުނާފް ފޯމްގައިވާ ލިޔުންތަކަށް ބައްލަވައިގެން އޮތް ގޮތަށެވެ.

އެހެންވެ، އިއްޔެގެ ޝަރީއަތުގެ ވަގުތު ހަމަވީއިރު ވެސް އިސްތިއުނާފް ނުކުތާތައް ހުށަހެޅުން ނިންމާނުލެވުނެވެ.

އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފަނޑިޔާރުންގެ ބެންޗުގައި އިންނެވި މުހައްމަދު ނިޔާޒު ފާހަގަ ކުރެއްވި އެވެ. ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަކުރުން އަކުރަށް ދައުވާ ފޯމް ކިޔުމުގެ ބަދަލުގައި ހުލާސާކޮށް ކަން ހިނގައިދިޔަ ގޮތް ބަޔާންކޮށް ގާނޫނީ ސަބަބުތައް ބަޔާންކުރުމުން ފުދޭނެ ކަމަށެވެ.

"އަސްލު މައްސަލައަކީ ވަރަށް ކުޑަކުޑަ މައްސަލައެއް. ވަރަށް ސާފުކޮށް ފެންނަން އެބަ ހުރި ހުށަހަޅަން ބޭނުންވާ ކަންކަން. އެކަމަކު މައްސަލަ ލިޔެގެން އަކުރުން އަކުރަށް ތިޔަހެން ވިދާޅުވާ ކަމަށްވާ ނަމަ، މި މައްސަލަ ހުށަހަޅާ ނުނިމޭނެ ތިން ދުވަހުން ވެސް. މައްސަލަތައް މިގޮތަކަށް ކުރިއަކަށް ނުގެންދެވޭނެ،" ފަނޑިޔާރު ވިދާޅުވި އެވެ.

ނަމަވެސް، އާދަމް މުހައްމަދު ވިދާޅުވީ ޝަރީއަތްތައް ކުރިއަށް ގެންދަން ޖެހޭނީ އެކަށީގެންވާ ވަގުތު ދެވިގެން ކަމަށެވެ. އަދި ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދާއިރު އެންމެން ވެސް ޝަރީއަތް އަޑުއަހާނެ ކަމަށާއި އެއްވެސް ޕޮއިންޓެއް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް އާދަމް މުހައްމަދު ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ އެގޮތަށް ވަގުތު ނުދެވޭނެ ކަމަށާއި ތައްޔާރުވެގެން އަންނަ ނަމަ، ރީތިކޮށް މައްސަލަ ކިޔައިދެވޭނެ ކަމަށެވެ. ޝަރީއަތުގައި ވާހަކަ ނުދެއްކެނީ ތައްޔާރު ނުވެ ވަކީލުން އަންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަށީގެންވާ ވަގުތަކީ މީހަކު ހިތަށް އެރިހާ ވަގުތެއް ނޫން. ތައްޔާރުވެގެން ވަޑައިގަންނަވާ ނަމަ ހުލާސާ ކުރެވޭނެ،" ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

ފަނޑިޔާރު އެގޮތަށް ވިދާޅުވުމުން ދެން ވެސް އާދަމް މުހައްމަދު ވިދާޅުވީ ވަރަށް ގިނަ ޝަރީއަތްތަކުގައި އަކުރުން އަކުރަށް ކިޔަން ފުރުސަތު ދޭ ކަމަށާއި ވަރަށް ދިގުކޮށް ވެސް ޝަރީއަތްތައް ކުރިއަށް ގެންދާ ކަމަށެވެ.

ނަމަވެސް، ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވެސް ވިދާޅުވީ ގާނޫނީ ގޮތުން މުހިންމު ކަންކަން ފާހަގަ ކުރުމުން ފުދޭނެ ކަމަށެވެ.

އެހެން ވިދާޅުވުމަށް ފަހު އިއްޔެގެ އަޑުއެހުން ފަނޑިޔާރު ވަނީ ނިންމަވައިލައްވާފަ އެވެ.