Roadha Mihaaru
"ލީން ސްޓާޓްއަޕް މޯލްޑިވްސް" އައްޑޫ އެޑިޝަން ނިމިއްޖެ

"ލީން ސްޓާޓްއަޕް މޯލްޑިވްސް" އައްޑޫ އެޑިޝަން ނިމިއްޖެ

22 ޖުލައި 2024

ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ކުރިއަރުވަން، ދިރާގާއި ސްޕާކްހަބްއިން ކުރިއަށް ގެންދިޔަ ލީން ސްޓާޓްއަޕް މޯލްޑިވްސް 2024، އައްޑޫ އެޑިޝަން ވޯކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ކުރިއަރުވަން، ދިރާގާއި ސްޕާކްހަބްއިން ކުރިއަށް ގެންދިޔަ ލީން ސްޓާޓްއަޕް މޯލްޑިވްސް 2024، އައްޑޫ އެޑިޝަން ވޯކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ދިރާގުން ބުނީ ލީން ސްޓާޓްއަޕް އައްޑޫ އެޑިޝަންއަކީ ޕްރޮޑަކްޓާއި ކަސްޓަމާ އަދި ވިޔަފާރި މޮޑެލް ބިނާކުރަން ބޭނުންވާ 'ލީން މެތަޑޮލޮޖީ' އާއި އަމަލީ މަސައްކަތާ ގުޅޭ ގޮތުން ދަސްކޮށްދިން ބޫޓް ކޭމްޕެއް ކަމަށެވެ. ޖުމްލަ 50 ބައިވެރިން ހިމެނުނު މި ކޭމްޕަކީ އުއްމީދީ ޒުވާން ވިޔަފާރިވެރިންނާއި އީޖާދުންނަށް ވިޔަފާރި އާއި އިނޮވޭޝަން ހިންގަން ބޭނުންވާ ޒަރޫރީ އިލްމާއި ވަސީލަތްތަކާއި ވިސްނުން ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި މި ވޯކްޝޮޕްގެ ބައިވެރިންނަށް ވަނީ ލީން މެތަޑޮލޮޖީގެ އުސޫލުތައް މަސައްކަތުގެ އެކި މަރުހަލާތަކުގައި ބޭނުންކުރެވިދާނެ ގޮތުގެ އިލްމާއި ހުނަރު އުގަންނައިދީފަ އެވެ. މި ހަރަކާތުގެ ސަބަބުން ކަސްޓަމާ ވެލިޑޭޝަނާއި އެކްސްޕެރިމެންޓޭޝަންގެ ޒަރިއްޔާއިން ހިޔާލުތައް ދެނެގަތުމުގެ ތަފާތު ޕްލެޓްފޯމެއް ވެސް ބައިވެރިންނަށް ލިބިގެން ދިޔަކަން ދިރާގުން ފާހަގަކުރެ އެވެ.

ދިރާގުން ބުނީ މި ކޭމްޕުގައި ތަފާތު އެކްސްޕެރިމެންޓޭޝަން އުކުޅުތައް މެދުވެރިކޮށް ބައިވެރިންގެ ހިޔާލުތައް ޓެސްޓްކޮށް، އިތުރަށް ފުރިހަމަ ކުރާނެ ގޮތުގެ މައުލޫމާތާއި އަމަލީ ތަޖުރިބާ ވެސް އެ ފަރާތްތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފަރުމާކުރެވެނީ އެ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ވިސްނައިގެންތޯ ކަށަވަރުކުރަން ކަސްޓަމަރުންގެ މުއާމަލާތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމު ހަރަކާތްތައް ވެސް މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ދަސްކޮށްދީފަ އެވެ.

ސްޕާކްހަބްގެ ޗީފް ޑިވެލޮޕްމެންޓް އޮފިސަރު، ފާތުމަތު ނީޝާ ވިދާޅުވީ ލީން ސްޓާޓްއަޕް ވޯކްޝޮޕް އައްޑޫގައި ބޭއްވުމަކީ މުޅި ރާއްޖެއަށް ވެސް ހަރުދަނާ ސްޓާޓްއަޕް ސަގާފަތެއް ގާއިމްކުރުމަށް އެ ފަރާތުން ދޭ އަހައްމިއްޔަތު ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އިނޮވޭޝަންގެ ސަގާފަތެއް އުފައްދައި ލޯކަލް ސްޓާޓްއަޕް އިކޯސިސްޓަމް ގާއިމުކުރަން އެހީތެރިވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އަމާޒު ކަމަށެވެ.

"އަމާޒަކީ މި ޕްރޮގްރާމްގެ ޒަރިއްޔާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާން ވިޔަފާރިވެރިންގެ އާ ޖީލެއް ބާރުވެރިކުރުވުން. އަދި އަޅުގަނޑުގެ އުއްމީދަކީ މި ޕްރޮގްރާމުން ދަސްވި ކަންކަން، ހުރިހާ ބައިވެރިން ވެސް އަމަލީ ސިފައެއްގައި ބޭނުންކުރުން،" މިރުޝާން ވިދާޅުވި އެވެ.

މި މަހުގެ 19 އިން 21ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ބައިވެރިން ވަނީ، މި ހަރަކާތުގެ ސަބަބުން އެކި މަސައްކަތްތަކުގައި އަދި ހަރުދަނާ ވިޔަފާރިއެއް ކުރިއަރުވަން ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ބުނެފަ އެވެ. މި ޕްރޮގްރާމްގެ ސަބަބުން ޕްރޮޑަކްޓާއި، ހިދުމަތް ފަރުމާކުރުމުގައި، ކަސްޓަމަރުންނަށް ހާއްސަ ވިސްނުމެއް ގެންގުޅުމުގެ މުހިންމުކަމަށް ލޯ ހުޅުވުނު ކަމަށް ވެސް ބައިވެރިން ބުންޏެވެ.