Roadha Mihaaru
ހުރިހާ އާރްޓީއައިތަކަށް މިހާރު ވާނީ ޖަވާބުދީފައި

ހުރިހާ އާރްޓީއައިތަކަށް މިހާރު ވާނީ ޖަވާބުދީފައި: ރައީސް

27 ޖުލައި 2024

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައީސް އޮފީހާއި ސަރުކާރުގެ އެހެން އިދާރާތަކަށް ހޯދަން އެދުނު ހުރިހާ މައުލޫމާތެއް މިހާރު ފޯރުކޮށްދީފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައީސް އޮފީހާއި ސަރުކާރުގެ އެހެން އިދާރާތަކަށް ހޯދަން އެދުނު ހުރިހާ މައުލޫމާތެއް މިހާރު ފޯރުކޮށްދީފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައީސް އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރުޓީއައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެ ކަމަށާއި މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީ ވަނިވިކޮށް ކަމަށެވެ.

"އަޅުގަނޑުމެން ބިރެއް ނުގަނޭ، ޖެހިލުމެއް ނުވޭ ސުވާލުތަކަށް ޖަވާބުދޭކަށް. ސުވާލު ހުށަހަޅާ ފަރާތުން ސިޔާސީ ބޭނުމެއްގަ ޕޮލިޓިކަލް އެކްޓިވިޒަމްގެ ބޭނުމަށް ސުވާލު ހުށަހަޅައިފާނެ، އެގޮތަށް ގިނަ ސުވާލު ހުށަހަޅަނީ ވެސް. އެހެންވިޔަސް އަޅުގަނޑުމެން ޖަވާބު ދޭނަން. ކުރިއަށް އޮތް ތަނުގައި ވެސް ދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު ރައީސް އޮފީހުން އާރްޓީއައިތަކަށް ޖަވާބު ނުދޭ މައްސަލަ އާއި އިންފޮމޭޝަން ކޮމިޝަނުން ބާއްވާ އަޑުއެހުންތަކަށް ހާޒިރުނުވާ މައްސަލަ އޮތީ ބޮޑުވެފަ އެވެ. ނަމަވެސް، އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ މިހާތަނަށް އެ އޮފީހަށް ފޮނުވާފައިވާ ހުރިހާ އާރްޓީއައިތަކަށް މެއިލް މެދުވެރިކޮށް ޖަވާބު ފޮނުވައިފަ އެވެ.

އާރްޓީއައިތަކަށް ރައީސް އޮފީހުން ޖަވާބު ފޮނުވާފައިވާއިރު އެގޮތަށް އަމަލު ނުކުރި މައްސަލައެއްގައި ރައީސް އޮފީހުގެ މައްޗަށް ދައުވާކޮށްދޭން އިންފޮމޭޝަން ކޮމިޝަން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އެއީ ވެކްސިންއާ ގުޅޭ ގޮތުން ކުރީ ސަރުކާރުގައި ހޯދަން އެދުނު މައުލޫމާތެއް އޭރު ރައީސް އޮފީހުން ނުދީ ހިފެހެއްޓި މައްސަލައެއްގަ އެވެ.

ރައީސް އޮފީހަށް މިފަހުން އެންމެ ގިނަ އާރްޓީއައި ހުށަހަޅާފައިވަނީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދުމަށެވެ. އެ މައުލޫމާތު ހޯދަން އެދުނު ހުރިހާ ފަރާތަކަށް ރައީސް އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ އެ މައުލޫމާތަކީ ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މައުލޫމާތެއް ކަމަށެވެ. އަދި ވަކިވަކި އިދާރާތަކަށް ހުށަހަޅައިގެން އެ މައުލޫމާތު ހޯދަން ވެސް ރައީސް އޮފީހުން އިރުޝާދު ދީފައިވެ އެވެ.

ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ހުރި ނަމަވެސް، ބައެއް ސަބަބުތަކާ ހުރެ އެ މައުލޫމާތު އަޕްޑޭޓް ނުވެ ހުންނަތާ ވަނީ ދުވަސްތަކެއްވެފަ އެވެ. އަދި އެ ދެ މަގާމު ފިޔަވައި، ދެން ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއު ކޮށްފައި ނުވެ އެވެ.