Roadha Mihaaru
މާރާމާރީ ހިންގި ހަ ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްލަނީ

މާރާމާރީ ހިންގި ހަ ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްލަނީ

02 އޯގަސްޓް 2024

މާލޭގައި އިއްޔެ ރޭ ހިންގި މާރާމާރީ ހިންގި ބިދޭސީންތަކެއް ޑީޕޯޓް ކޮށްލަން އިމިގްރޭޝަނުން ނިންމައިފި އެވެ.

މާލޭގައި އިއްޔެ ރޭ ހިންގި މާރާމާރީ ހިންގި ބިދޭސީންތަކެއް ޑީޕޯޓް ކޮށްލަން އިމިގްރޭޝަނުން ނިންމައިފި އެވެ.

އަސްރަފީ މަގުގައި ބިދޭސީންތަކެއް ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އަދި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ.

އިމިގްރޭޝަނުން ރޭ ބުނީ އެ މާރާމާރީއާ ގުޅިގެން ހަ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ އެންމެންގެ ވިސާ ބާތިލްކޮށް، ޑީޕޯޓް ކޮށްލަން ނިންމާފައިވާ ކަމަށެވެ. އެއީ އުމުރުން 27-40 އަހަރުގެ ފިރިހެނުންނެވެ.

އެ ހަ ބިދޭސީންގެ ފޮޓޯ އާއި ނަންތައް ވެސް އިމިގްރޭޝަނުން ރޭ އާންމުކުރި އެވެ.

މި ސަރުކާރުން މިހާރު އަމަލުކުރާ ގޮތަކީ ރާއްޖޭގައި މާރާމާރީ ހިންގައި އަދި މުޒާހަރާކުރާ ބިދޭސީން ޑީޕޯޓް ކޮށްލުމެވެ. ބަންގްލަދޭޝްގެ ދާހިލީ މައްސަލައަކާ ގުޅިގެން، ގދ. ތިނަދޫގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބޭއްވި މުޒާހަރާ ރޭވުމުގައި އުޅުނު ބިދޭސީން ބަންދުކޮށް، ޑީޕޯޓުކުރާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ.

އެ މީހުން ރާއްޖޭގައި މުޒާހަރާކުރީ ބަންގްލަދޭޝްގައި ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށެވެ.

"ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތެއް ނުކުރެވޭނެ. ވިސާ ވައިލޭޝަނެއް އެއީ،" އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މި ސަރުކާރުން ވަރަށް ފުޅާކޮށް ހިންގާ ރެއިޑް އޮޕަރޭޝަންގައި ވެސް މިހާތަނަށް ވަނީ 200 އާ ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށް، ޑީޕޯޓް ލިސްޓުގައި ހިމަނައިފަ އެވެ. އަދި މި ސަރުކާރުގައި މިދިޔަ 8 މަސް ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.